ޚަބަރު

ދިވެހި ބަހާއި ސަގާފަތާ ބެހޭ ވަޒީރުގެ ފުރަތަމަ ބައްދަލުވުން ފަލަސްޠީނު ސަފީރާއެކު


  • މަޝްވަރާ ކުރެއްވީ ޣައްޒާގެ ޙާލަތާއި ގުޅޭގޮތުން

  • ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލުމުގައި ދެމިތިބުމަށް އެދިވަދައިގެންނެވި

  • އަބަދުވެސް ވެސް ދިވެހިން ތިބީ ފަލަސްޠީނާއިއެކު ކަމަށް

ދިވެހިބަހާއި ސަޤާފަތާއި ތަރިކަ އާއި ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް، ފަލަސްޠީނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ވާލިދު އަބޫ ޢަލީ އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

ދިވެހި ބަހާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލު ކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ، މިވަގުތު ޣައްޒާއަށް ކުރިމަތިވެފައިވާ ޙާލަތާއި ގުޅޭގޮތުން ކަމަށެވެ.

އެ ވުޒާރާއިން ވިދާޅުވީ ފަލަސްޠީނުގެ ލޮބުވެތި މުސްލިމް އަޚުންނަށް ދިވެހިން ބަހައްޓަވާ އޯގާތެރިކަމާއި ގާތްކަން، ފަލަސްޠީނުގެ ސަފީރު ފާހަގަކުރެއްވި ކަމަށެވެ. އަދި މިކަން މިގޮތަށް ދަމަހައްޓަވައި ދެއްވުމަށާއި، އަޑު އުފުލުން މަތީ ދެމިތިއްބެވުމަށް ފަލަސްޠީނުގެ ސަފީރު، ދިވެހި ރައްޔިތުންގެ ފަރާތުން މި ބައްދަލުވުމުގައި އެދިވަޑައިގެންނެވި ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން، ދިވެހި ބަހާއި ބެހޭ ވުޒާރާއިން ވިދާޅުވީ ފަލަސްޠީނުގެ ޙާލަތަކީ ދިވެހީންގެ އެންމެ ހަގު ޢުމުރުފުރާއިން ފެށިގެން، އެންމެ ދޮށީ ޢުމުރުފުރާގެ ފަރާތްތަކާއި ހަމައަށް ވެސް އެއް ޝުޢޫރެއްގެ ގޮތުގައި އޮތް މައްސަލައެއްކަން ވަޒީރު އާދަމް ނަޞީރު އިބްރާހީމް ފާހަގަކުރެއްވިކަމަށެވެ.

ދިވެހިބަހާއި ސަޤާފަތާއި ތަރިކައިގެ ވުޒާރާގެ ވަޒީރުކަމާއި ހަވާލުވެވަޑައިގެން، އެންމެ ފުރަތަމަ ވެސް އާދަމް ނަޞީރު ބައްދަލުކުރައްވާފައި މިވަނީ ފަލަސްޠީނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާއެވެ. ދިވެހިބަހުގެ އުސްތާޛެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ އާދަމް ނަޞީރު އިބްރާހީމް ވަނީ ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލް ކުރަމުންދާ ބިކަ ޙާލާއި ގުޅޭގޮތުން ގިނަ ޅެންތަކަކާއި، ލަވަތަކެއް ވެސް ހައްދަވާފާވެއެވެ.