ޚަބަރު

ގަޑިބުރު ބަދަލުތަކަކާއެކު: 5 ވަގުތު ބަންގީގެ އަޑުއިވޭނެ، މިރޭ އިފްތިތާޙްކުރަނީ


  • ގަޑިބުރު އިފްތިތާޙްކުރުން މިރޭ 20:30 ގައި

  • ގަޑިބުރު އިފްތިތާޙްކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

  • ރޭގަނޑު ގަޑިބުރު ދިއްލައިލުމުން މަންޒަރު ފެންނަނީ ވަރަށް ހިތްގައިމުކޮށް

މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި، ކުރީގެ މުސްކުޅި ގަޑިބުރު އަލުން ޒަމާނީ ފަރުމާއަކަށް ތަރައްޤީކޮށް، މިރޭ އިފްތިތާޙްކުރާނެއެވެ.

ގަޑިބުރުގެ އަލުން އިމާރާތްކޮށް ނިންމާފައިވާއިރު، އެތަން އިފްތިތާޙްކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތު އޮންނާނީ މިރޭ 20:30 ގައެވެ.

ގަޑިބުރު އަލުން އިމާރާތް ކުރުމުގެ މަސައްކަތް ކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް، އާރް.ސީ.ސީ އިންނެވެ. ގަޑިބުރުގެ މަސައްކަތް ނިމި، އެތަން އާންމުންނަށް ފެންނާނެހެން ދައްކާލާފައިވާއިރު، ރޭގަނޑު ގަޑިބުރު ދިއްލައިލުމުން މަންޒަރު ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ގަޑިބުރު ވަށައިގެން ހުންނަ ލެޑް ޕެނަލްތަކުގައި އެކި ފަރުމާތައް ދިއްލެއެވެ. އިސްލާމީވަންތަކަން ރަމްޒުވާ ފަރުމާއަކަށް ފަރުމާކޮށްފައިވާ ގަޑިބުރުގައި ހަތަރު ފަރާތުން ފެންނާނެހެން ގަޑިތައް ހުރެއެވެ.

މާފަންނު ގަޑިބުރަކީ ނަވާރަސަތޭކައިގެ ތެރޭގައި ލަންކާއިން ރާއްޖެއަށް ހަދިޔާކުރި ގަޑި ބެހެއްޓި ތަނެވެ. އެހެންނަމަވެސް އެތަނުގައި މިހާރު އެގަޑިއެއް ނެތެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ގަޑިބުރު ތަޅާލާ މަރާމާތުކުރިއެވެ. މިގޮތުން 2016 ވަނަ އަހަރުގެ ފަހުކޮޅު ގަޑިބުރު ތަޅާލާ އޭރުގެ ސަރުކާރުން އެތަން މަރާމާތުކުރިއެވެ. އަނެއްކާގެ އޭގެ ފަހުން 2017 ވަނަ އަހަރުގެ ޖުލައިމަހުވެސް އެތަން ތަޅާލާ އަލުން ވަނީ މަރާމާތުކޮށްފައެވެ.