ޚަބަރު

އިންޑިއާ އާއިއެކުވެސް ގުޅިގެން މަސައްކަތް ކުރަން ތައްޔާރު: މިނިސްޓަރ ޒަމީރު


  • އިންޑިއާ-ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝަޢުގު އިންޑިއާއިން ފާޅުކުރި

  • އެކުގައި މަސައްކަތް ކުރުމަށް ތައްޔާރު ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވި

އިންޑިއާއާއި އެކުވެސް ގުޅިގެން މަސައްކަތް ކުރަން ދިވެހިރާއްޖޭން ތައްޔާރުކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމަށްފަހު، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ރޭ ވަނީ މެންބަރުން ޢައްޔަނު ކުރައްވާފައެވެ.

އައު ސަރުކާރުގެ ފޮރިން މިނިސްޓަރަކަށް ޢައްޔަނުކުރެއްވި މޫސާ ޒަމީރަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރ ވަނީ މަރުޙަބާ ދަންނަވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައު ސަރުކާރާއެކު އިންޑިއާއި ރާއްޖެއާއި ދެމެދު އޮތް ޚާއްސަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝަޢުގުވެރިކަން ޖައިޝަންކަރު ފާޅުކުރެއްވިއެވެ.

މި ޕޯސްޓަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާގެ މަސްލަހަތާއި، ކަންބޮޑުވާ ކަންކަމުގައި، އެކީގައި މަސައްކަތްކުރައްވަން އުއްމީދުކުރައްވާކަމަށެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ ކުރިއެރުމަށްޓަކައި، ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތްގާތްގުޅުން ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.


އިންޑިއާއާއި ރާއްޖެއާއި ދެމެދު ހައްލު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ރާއްޖޭގައި ތިބި އިންޑީއާގެ އަސްކަރީ ސިފައިން ރާއްޖެއިން ބޭލުމާއި، އިންޑިއާއިން ނަގާފައިވާ ދަރަނި ރީ-ސްޓްރަކްޗަރ ކުރުމަކީ، އިންޑިއާއެކު ރާއްޖެއިން މަސައްކަތްކޮށް ހައްލު ކުރަންޖެހޭ ބައެއް ކަންކަން ކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.