ޚަބަރު

ދެވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ފޯމު ހުށައެޅި މީހުންގެ މަޢުލޫމާތު ލިސްޓް އާއްމުކޮށްފި


  • ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ޖުމްލަ 40594 މީހުން ފޯމު ހުށައެޅި

  • ލިސްޓް އާއްމުކުރީ، ހުށައެޅި ހުރިހާ ފޯމެއް މިނިސްޓްރީއަށް ލިބުނުތޯ ކަށަވަރުކުރުމަށް

  • ޝަކުވާއަށް ހުޅުވާލާފައިވަނީ މިމަހުގެ 30އާއި ހަމައަށް

ދެވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ފޯމު ހުށައެޅި މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ގެޒެޓުގައި އާއްމުކޮށްފިއެވެ.

މި ލިސްޓުގައި ވަނީ، މީހާގެ ނަމާއި، އެޑްރެހާއި ރަށް އަދި ފޯމު ނަންބަރު ހިމަނާފައެވެ. އަދި ފޯމުގެ ބާވަތްވެސް ހިމަނާފައިވެއެވެ.

މިނިސްޓްރީން ވިދާޅުވީ، ލިސްޓް ނެރެފައިވަނީ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށައެޅި މީހުންގެ ފޯމު، މިނިސްޓްރީއަށް ލިބިފައިވާކަން ޔަގީންކުރުމަށްކަމަށެވެ. ފޯމު ހުށައަޅާ، މި ދެ ލިސްޓްގައި ނަން ނެތް އެއްވެސް މީހެއް ވާނަމަ، އެކަމަށް ޝަކުވާ ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ގެޒެޓްކޮށްފައިވާ ލިސްޓްގައި ނަން ހިމެނިފައި ނުވާނަމަ، މިިމަހުގެ 30ގެ 14:00ގެ ކުރިން، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އެ މަޢުލޫމާތު މިނިސްޓްރީއަށް ޙިއްސާކުރުމަށް ވަނީ އެދިފައެވެ.

ދެވަނަބުރުގައި ފޯމު ހުށައެޅުމަށް ހުޅުވާލި 1 މަސް ދުވަހުގެ މުއްދަތު ހަމަވީ، މިދިޔަ މަހުގެ 24ވަނަ ދުވަހަށެވެ. ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެވަނަ ފިޔަވައްސަށް 40000އަށްވުރެ ގިނަ ފޯމު ހުށައަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އިޢުލާނުކޮށްފައިވެއެވެ.

މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ހުޅުވާލީ، 4000 ގޯއްޗާއި 6000 ފްލެޓަށް ކުރިމަތިލުމަށެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވީ ވަގުތު ހަމަވިއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 19347 މީހުން ފޯމު ހުށައަޅާފައިވާކަމަށެވެ. އަދި ގެދޮރުވެރިޔާ ސްކީމްގައި ފްލެޓަށް އެދި، 21247 މީހުން ފޯމު ހުށައަޅާފައިވާކަމަށެވެ.

މި ދެ ސްކީމަށް ފޯމު ހުށައެޅި މީހުންގެ ޖުމްލަ އަދަދު 40594އަށް އަރައެވެ.

މިނިސްޓްރީން ކުރިން މަސައްކަތް ކުރީ ދެވަނަ ބުރުގައި ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓް، ދަޢުރު ނިމުމުގެ ކުރިން ނިންމުމަށެވެ. ނަމަވެސް އެމަސައްކަތް ނިމިފައެއް ނުވެއެވެ. އެހެންނަމަވެސް ފޯމު ރިވިއުކުރުން ކުރިއަށްދާކަމަށް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

މި ސްކީމްގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިރާވަރު އުތުރުފަޅުންނެވެ. އަދި ގޯތި ދޫކުރަން 5,525,000 އަކަފޫޓުގެ ސަރަހައްދެއް ކަނޑައަޅާފައިވެއެވެ. މި ފަހަރު ދޫކުރާ ގޯތީގެ އެންމެ ކުޑަ ސައިޒަކީ، 1,250 އަކަފޫޓެވެ.

ފުރަތަމަ ބުރުގައި ފްލެޓް ލިސްޓް އެކުލަވާލުމުގައި ދިމާވި މައްސަލަތަކާއި ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލައިގެތެރެއަށް ވަދެ، މިހާރު އޮތީ ހުއްޓުވާފައެވެ.