ޚަބަރު

ކޯޓުތަކަށް ކުރިމަތިވާ ދަތިތައް 3 ބާރުން ހައްލުކޮށްދޭން ޖެހޭ: އުއްތަމަ ފަނޑިޔާރު


  • ހައިކޯޓަށާއި ސިވިލް ކޯޓަށާއި މެޖިސްޓްރޭޓް ކޯޓުތަކަށްވަނީ ފަނޑިޔާރުން ޢައްޔަންކުރައްވާފައި

  • އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިންސާފު ޤާއިމުކުރުމަކީ ފަސޭހަކަމެއް ނޫންކަމަށް

  • އިންސާފު ޤާއިމުކުރުމަށް ދައުލަތުގެ ހުރިހާ ބާރެއްވެސް ގުޅިގެން މަސައްކަތްކުރަންޖެހޭ

އިންސާފު ޤާއިމުކުރުމަށްޓަކައި ކޯޓުތަކަށް ކުރިމަތިވާ ދަތިތަކަކީ ހަމައެކަނި ކޯޓުތަކުގެ މައްސަލައެއްކަމަށް ދެއްކުމުގެ ބަދަލުގައި އެއީ ދައުލަތުގެ ތިން ބާރުގެވެސް މަސްއޫލިއްޔަތަކަށް ހެދުމަށް މަސައްކަތްކުރަންޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

ހައިކޯޓާއި، ސިވިލް ކޯޓާއި، މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް މުއުތަސިމް އަދުނާން ވިދާޅުވީ ފަނޑިޔާރުކަން ކުރުމާއި އިންސާފު ޤާއިމުކުރުމަކީ އެއްވެސް ޙާލެއްގައި ފަސޭހަކަމެއް ނޫންކަމަށެވެ. އެކަން ޤާއިމުކުރުމުގައި އެއްވެސް ފަނޑިޔާރަކު ފަހަތުފަޔަށް ބުރަނުވުމަށް އިލްތިމާސްކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯޓުތަކަށް ދިމާވާ މައްސަލަތައް ހައްލުނުވުމަކީ އިންސާފު ޤާއިމުކުރުމުގައި ފަހަތު ފަޔަށް ބުރަވާން މެދުވެރިވާ ސަބަބެއްކަމަށެވެ. އަދި ކޯޓުތަކަށް ދިމާވާ ދަތިތަކަކީ ހަމައެކަނި ކޯޓުތަކުގެ މައްސަލައެއްކަމަށް ނުދެކި އެއީ ދައުލަތުގެ ތިން ބާރުންވެސް ހައްލުކުރަންޖެހޭ ކަމެއް ކަމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"އިންސާފު ހޯދުމަށް ކޯޓުތަކަށް އަންނަ މީހުން އަންނަނީ ޚިދުމަތެއް ހޯދުމަށް. އެމީހުންނަށް ބޭނުންވާ ކަންކަން ވީހާވެސް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ކޯޓުތަކުގެ އެންމެ އިސް އެއް ޒިންމާ. ޚާއްސަކޮށް ކޯޓުތަކަށް ޚިދުމަތް ހޯދުމަށް އަންނަ ކުޑަކުދިންނާއި އަންހެނުންނާއި ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީ ދިނުމުގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ." އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ރައީސް ޙިސާން ހުސެއިން ވިދާޅުވީ ކޯޓުތަކުގެ ފަނޑިޔާރުންނަކީ އެހެން ހުރިހާ މުވައްޒަފުންނަށް ރަނގަޅު ނަމޫނާއަކަށް ވާންޖެހޭނެކަމަށެވެ. ޚާއްސަކޮށް ރައްޔިތުންގެ ޚިދުމަތުގައި ކޯޓުތައް ހުޅުވާފައި ހުންނަން ޖެހޭ ރަސްމީ ގަޑިއަށާއި ވަގުތަށް ކަމޭހިތުމަކީ ރައްޔިތުންގެ ހިތުގައި ޖުޑިޝަރީއަށް އޮތް އިތުބާރާއި އިޙްތިރާމް ދެމެހެއްޓުމަށް މުހިއްމުކަމެއްކަމަށް ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވީ ޖުޑިޝަރީގެ ނަޒާޙަތްތެރިކަމާއި އިތުބާރު ދެމެހެއްޓުމަކީ ވަކި މީހެއްގެ ނުވަތަ ވަކި މުވައްސަސާއެއްގެ ޒިންމާއެއް ނޫންކަމަށެވެ.

"ޖުޑިޝަރީގެ ނަޒާޙަތްތެރިކަމާއި އިތުބާރު ދެމެހެއްޓުމުގެ ޒިންމާ އެންމެ ބޮޑަށް އޮތް އެއްފަރާތްތަކަމަށް އަޅުގަނޑު ޤަބޫލުކުރަނީ ކޯޓުތަކުގެ ފަނޑިޔާރުން. އެހެންކަމުން ފަނޑިޔާރުންނަކީ އަބަދުވެސް ނަމޫނާ ދައްކާ ބަޔަކަށް ވާންޖެހޭ." ހިސާން ވިދާޅުވިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ ހއ.އިހަވަންދޫ، އަންބަރީގެ، ޢަބްދުލްމާނިޢު ޙުސައިންއެވެ. އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިންއަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުން ބެޗެލަރސް ޑިގްރީ ޙާސިލްކުރައްވާ ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ އެންޑް ލޯ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން ވަކީލުކަމުގެ ވަޒީފާ އަދާކުރައްވާފައިވާއިރު ޝަރުޢީ ދާއިރާގައި 9 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވެއެވެ.

މިރަސްމިއްޔާތުގައި ސިވިލް ކޯޓުގެ ފަނޑިޔާރަކަށް ޢައްޔަންކުރައްވާފައިވަނީ ގއ.ގެމަނަފުށި، އޯކިޑުމާގެ، އަލްއުސްތާޛު އާދަމް ޛާލިފްއެވެ. އަލްއުސްތާޛު އާދަމް ޛާލިފް އަކީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީޢާ އާއި މާސްޓަރ އޮފް ޝަރީޢާ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޝަރުޢީ ދާއިރާގައި 07 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު ޓްރައިބިއުނަލްގެ މެންބަރުކަން އަދާކުރައްވާ، ވަކާލާތުކުރައްވާ އަދި ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓްގެ މަޤާމްވަނީ ފުރުއްވާފައެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރެއްވި ފަނޑިޔާރުން:

* ހދ.ނޮޅިވަރަންގެ އިސް މެޖިސްޓްރޭޓް ކަމަށް ހދ.ވައިކަރަދޫ، ޓޯކީވިލާ، އަލްއުސްތާޛު އަޙްމަދު އަރީޖު
* ބ.ދަރަވަންދޫ އިސް މެޖިސްޓްރޭޓް ކަމަށް ގދ.މަޑަވެލި، ކަސްމީރުގެ، އަލްއުސްތާޛާ މަރިޔަމް ރަސާ ރާފިޢު
* ނ.މާފަރު އިސް މެޖިސްޓްރޭޓް ކަމަށް ތ.ތިމަރަފުށި، އާރާސްތު، އަލްއުސްތާޛު މުޙައްމަދު އީމާން
* ހދ.ހަނިމާދޫ އިސް މެޖިސްޓްރޭޓް ކަމަށް ތ.ވިލުފުށި، ފިނިހިޔާ، އަލްއުސްތާޛާ އާމިނަތު ޒާފިރާ
* ށ.ކޮމަންޑޫ އިސް މެޖިސްޓްރޭޓް ކަމަށް ށ.ބިލެތްފަހި، ވިލުދޮޅި، އަލްއުސްތާޛާ ޙައްވާ އިބްރާހީމް
* ގއ.ދާންދޫ އިސް މެޖިސްޓްރޭޓް ކަމަށް ގއ.ދާންދޫ، ނޫރަންމާގެ، އަލްއުސްތާޛު ޙައްމާދު