ޚަބަރު

މާކަނޑުގެ ދިރުންތައް ޙިމާޔަތްކުރުމުގެ މުއާހަދާގައި ރާއްޖެއިން ބައިވެރިވަނީ


  • މަޖިލީހުގެ ރުހުން ހޯއްދެވުމަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު

  • މި މުއާހަދާގައި މައިގަނޑު 4 ބައެއް ހިމެނޭ

  • މުއާހަދާގައި މިހާތަނަށް ދުނިޔޭގެ 83 ޤައުމަކުން ވަނީ ސޮއިކޮށްފައި

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި، އަދި ދެމެހެއްޓެނިވިގޮތުގައި ބޭނުން ކުރުމަށް މަގުފަހިކުރުމަށްޓަކައި އދ. އިން އެކުލަވާލާފައިވާ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި، އަދި ދެމެހެއްޓެނިވިގޮތުގައި ބޭނުން ކުރުމަށް މަގުފަހިކުރުމަށްޓަކައި އދ. އިން އެކުލަވާލާފައިވާ މުއާހަދާ "އެގްރީމަންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރިއާޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" (ބީ.ބީ.އެން.ޖޭ) ގައި، ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ނިންމެވީ ވަޒީރުންގެ މަޖިލީހުން ލަފާދެއްވުމުންނެވެ.

މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މި މުއާހަދާއަކީ، ޤައުމުތަކުގެ އިޙްތިޞާސްއިން ބޭރުގައި އޮންނަ މާކަނޑުގެ ސަރަހައްދުތަކަށް، މާހައުލީ ގޮތުން ވަކި އުޞޫލުތަކެއް ކަނޑައެޅުމާއި ގުޅޭ މުއާހަދާއެކެވެ. މި މުއާހަދާގައި މައިގަނޑު 4 ބައެއް ހިމެނެއެވެ.

ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން، (ބީ.ބީ.އެން.ޖޭ) އެކުލަވާލުމަކީ، މާކަނޑުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ޙިމާޔަތް ކުރުމަށް މިހާތަނަށް ބައިނަލްއަޤުވާމީ ގޮތުން ކުރެވުނު އެންމެ މުހިއްމު މަސައްކަތެވެ. ކަނޑުގެ ސަރަހައްދުތައް ޙިމާޔަތް ކުރުމާއި، ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުން މަގުފަހިކުރުވާ މިފަދަ މުއާހަދާއެއްގައި، ދިވެހިރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމަކުން ބައިވެރިވުމަކީ ވަރަށް މުހިއްމުކަމެއްކަން، މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ވަނީ ފާހަގަކުރައްވާފައެވެ.

ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން، (ބީ.ބީ.އެން.ޖޭ) މުއާހަދާގައި މިހާތަނަށް ދުނިޔޭގެ 83 ޤައުމަކުން ވަނީ ސޮއިކޮށްފައެވެ.