ޚަބަރު

ޓޮޕް ޔުނިވާސިޓީސްގެ ކިޔުއެސް ރޭޓިން އިން 4 ތަރީގެ ރޭޓިންއެއް ވިލާ ކޮލެޖަށް


  • މި ރޭޓިންގައި 3 ދާއިރާއަކުން ވިލާ ކޮލެޖަށް ވަނީ 5 ތަރީގެ ރޭޓިން އެއް ލިބިފައި

  • އެއީ އޮންލައިން ލާނިންގެ ދާއިރާ އާއި، އެންޕްލޯއިބިލިޓީ އަދި އެންވާރަމަންޓް އިމްޕެކްޓްގެ ދާއިރާ

  • މިއީ ރާއްޖޭގައި މިގޮތަށް ރޭޓު ކުރެވުނު ފުރަތަމަ ހަޔަރ އެޑިއުކޭޝަން އިންސްޓިޓިއުޓް

ޓޮޕް ޔުނިވާސިޓީސްގެ ކިޔުއެސް ރޭޓިން ފޯ އެކްސެލެންސްއިން 4 ތަރީގެ ރޭޓިންއެއް ވިލާ ކޮލެޖަށް ލިބިއްޖެއެވެ.

ޓޮޕް ޔުނިވާސިޓީޒް އިން ދޭ ކިޔުއެސް ރޭޓިންއަކީ ދުނިޔޭގައި ހުރި ހަޔަރ އެޑިޔުކޭޝަން އިންސްޓިއުޓްތަކާއި، ކޮލެޖު ޔުނިވަރސިޓީތަކުގެ ފެންވަރު ވަޒަންކޮށް ދެވޭ ރޭޓިންއެކެވެ.

މިގޮތަށް އެންމެ މަތިން ދެވޭ ރޭޓިންއަކީ 5 ތަރީގެ ރޭޓިންއެކެވެ. މިގޮތުން ވިލާ ކޮލެޖަށް 4 ތަރީގެ ރޭޓިންއެއް ލިބިފައިވާއިރު، ރާއްޖޭގެ ހަޔަރ އެޑިޔުކޭޝަން އިންސްޓިޓިއުޓަކަށް މި ރޭޓިން ލިބުނުމީ ފުރަތަމަ ފަހަރެވެ.

ވިލާ ކޮލެޖަށް ލިބުނު މި ކާމިޔާބީ އާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބް ވިދާޅުވީ، ވިލާ ކޮލެޖުގައި ދެވޭ ތަމްރީނާއި، ކިޔަވާދިނުމުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ކިޔުއެސް ރޭޓިން ސިސްޓަމުގައި ބައިވެރިވެ، އެ ތަނުގެ ރޭޓިންއެއް ހޯދުމަކީވެސް، މިގޮތުން ކުރެވުނު މަސައްކަތެއްކަމަށް ޑރ. ޢަލީ ނަޖީބް ވިދާޅުވިއެވެ.

"ވިލާ ކޮލެޖުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން މިއަންނަނީ ދިވެހިރާއްޖޭގެ އެންމެ ރަނގަޅު ކޮލެޖު ނުވަތަ ޔުނިވާސިޓީގެ ގޮތުގައި ހަޔަރ އެޑިޔުކޭޝަން އިންސްޓިއުޓްގެ ގޮތުގައި އަޅުގަނޑުމެން ދޭ ތަޢުލީމާއި، އަޅުގަނޑުމެން ކުރާ މަސައްކަތުގެ ފެންވަރު އެކަށީގެންވާ ގޮތުގައި ދެމެހެއްޓުމަށްޓަކައި. އެހެންވީމަ އެގޮތުން އަޅުގަނޑުމެން ކުރަމުން އަންނަ ވަރަށް ގިނަ މަސައްކަތްތަކެއްގެ ތެރެއިން އެއް ކަމެއް މިއީ، ކިޔުއެސް ސްޓަރގައި ބައިވެރިވެ، އެކްސެލެންސަށް ރޭޓު ކުރުމަކީ." ޑރ. އަލީ ނަޖީބް ވިދާޅުވިއެވެ.

ޑރ. ޢަލީ ނަޖީބް ވިދާޅުވީ، ކިޔުއެސް ސްޓަރގެ މި ރޭޓިންއިން ވިލާ ކޮލެޖަށް ޖުމްލަކޮށް 4 ތަރީގެ ރޭޓިންއެއް ލިބުނު ނަމަވެސް، 3 ދާއިރާއަކުން 5 ތަރީގެ ރޭޓިންއެއް ލިބިފައިވާ ކަމަށެވެ. އެގޮތުން 5 ތަރީގެ ރޭޓިން އެއް ލިބުނު އެއް ދާއިރާއަކީ އޮންލައިން ލާނިންގެ ދާއިރާއެވެ.

އޮންލައިން ލާނިންގެ ދާއިރާއިން 5 ތަރީގެ ރޭޓިންއެއް ލިބުމަކީ ވިލާ ކޮލެޖަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށް ޑރ. އަލީ ނަޖީބް ވިދާޅުވިއެވެ. އަދި ވިލާ ކޮލެޖުގައި ކިޔަވާދޭ، 50 އިންސައްތަ ޕްރޮގުރާމްތަކަކީ އޮންލައިންކޮށާއި، "ފޭސް ޓު ފޭސް"ކޮށް ކިޔަވައިދޭ ޕްރޮގުރާމުތައް ކަމަށެވެ.

އޮންލައިން ލާނިންގެ ދާއިރާއިން 5 ތަރި ލިބުމަކީ، ކުރިމަގުގައި ވިލާ ކޮލެޖުން އޮންލައިންކޮށް ކިޔަވަން ބޭނުންވާ ކުދިންނަށް ދެވޭ ރަނގަޅު މެސެޖެއްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޮންލައިން ލާނިންގެ އިތުރުން އެންޕްލޯއިބިލިޓީގެ ދާއިރާއިންވެސް 5 ތަރީގެ ރޭކިންއެއް ވިލާ ކޮލެޖަށް ވަނީ ލިބިފައެވެ. އެންޕްލޯއިބިލިޓީން 5 ތަރި ލިބުމަކީ ވިލާ ކޮލެޖުން ކިޔަވާގެން ދާ ކުދިންނަށް، ވަޒީފާގެ މާޙައުލުގައި ފުރުޞަތު ލިބޭކަން އަންގައިދޭ ކަމެއް ކަމަށް ޑރ. ޢަލީ ނަޖީބް ވިދާޅުވިއެވެ. އަދި މި ކޮލެޖުގައި ކިޔަވާ ކުދިންނަށް ލިބޭ ބޮޑު ހިތްވަރަކަށް، މިކަން ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ، އެންވާރަމަންޓް އިންޕެކްޓުގެ ދާއިރާއިން ވެސް ވިލާ ކޮލެޖަށް ވަނީ 5 ތަރީގެ ރޭކިންއެއް ލިބިފައެވެ. ޑރ. ޢަލީ ނަޖީބް ވިދާޅުވީ ވިލާ ކޮލެޖަކީ ތިމާވެއްޓާއި ރައްޓިހި ތަނެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން، މީގެ 3 ވަރަކަށް އަހަރު ކުރިން ވިލާ ކޮލެޖުގެ ކެމްޕަހަށް ޕްލާސްޓިކުގެ ބާވަތްތައް ނުވެއްދޭ ގޮތަށް "ޒީރޯ ޕްލާސްޓިކު" ޕޮލިސީއެއް ޤާއިމުކޮށްފައިވާކަން ޑރ. ޢަލީ ނަޖީބް ފާހަގަކުރެއްވިއެވެ. އަދި ކޮލެޖުގެ ހުރިހާ ފުރާޅެއްގައި ސޯލަރ ޕެނަލް ހަރުކުރެވިފައިވާކަން ވެސް ޑރ. އަލީ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޑރ. އަލީ ވިދާޅުވީ ކިޔަވާ ދިނުމުގެ ދާއިރާއާއި، އެކެޑެމިކް ކަންކަމާއި ގުޅޭ ދާއިރާއިން ވިލާ ކޮލެޖަށް ވަނީ 4 ތަރި ލިބިފައެވެ.

ކިޔުއެސް ސްޓަރ ރޭޓިން ސިސްޓަމަކީ ދުނިޔޭގެ އެންމެ ކްރެޑިބަލް އަދި އެންމެ ފުޅާ ދާއިރާގައި ޔުނިވަރސިޓީތަކާއި، ހަޔަރ އެޑިޔުކޭޝަން އިންސްޓިޓިއުޓްތައް ރޭޓު ކުރެވޭ ސިސްޓަމްކަމަށް ވިލާ ކޮލެޖުން ބުނެއެވެ. މި ރޭޓިން ސިސްޓަމް ދުނިޔޭގެ 60 ޤައުމެއްގެ 600 އަކަށްވުރެ ގިނަ މަތީ ތަޢުލީމު ކިޔަވާދޭ ތަންތަން ބައިވެރިވާކަމަށް އެ ކޮލެޖުން މަޢުލޫމާތުދެއެވެ.