ޚަބަރު

ހަކުރު ބަލި: ފަރުވާ ބަހައްޓައިފިނަމަ ބައްޔާއެކުވެސް ދިރިއުޅެވިދާނެ


  • މިއީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ރާއްޖޭގައި އެންމެ އާންމު ބަލި

  • ދުނިޔޭގެ ކޮންމެ 10 މީހަކުން އެކަކު މި ބަލި ތަޙައްމަލުކުރޭ

  • ދުނިޔޭގެ %90 މީހުން ތަޙައްމަލު ކުރަމުންދަނީ "ޓައިޕް 2 ޑައިބެޓީސް"

ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ކަންބޮޑުވުން އިތުރުވަމުން އަންނައިރު ހަކުރު ބައްޔަކީ މިފަދައިން އިތުރުވަމުންދާ އެއްބައްޔެވެ. ހަކުރު ބައްޔާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ހަކުރު ބައްޔަކީ ދުނިޔޭގެ ގިނަ ބަޔަކު ތަޙައްމަލު ކުރަން ޖެހިފައިވާ ޞިއްޙީ މައްސަލައެކެވެ. ހަކުރުބަލި ހުރިކަމަށް ބެލެވެނީ މީހެއްގެ ލޭގައި ހަކުރު ހުންނަންވީ ވަރަށްވުރެ އިތުރުވެފައި ހުރުމުންނެވެ. ހަކުރު ބަލީގެ ދެ ވައްތަރެއް ހުރެއެވެ. އެއީ "ޓައިޕް 1 ޑައިބެޓީސް" އަދި "ޓައިޕް 2 ޑައިބެޓީސް" އެވެ.

ޓައިޕް 1 ޑައިބެޓީސްއަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ހަކުރު ބައްޔެވެ. އަދި ޓައިޕް 2 ޑައިބެޓީސްއަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ.

މީގެ ތެރެއިން %90 މީހުން ތަޙައްމަލު ކުރަމުންދަނީ "ޓައިޕް 2 ޑައިބެޓީސް" އެވެ. އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑަރޭޝަން ގެ 2023 ވަނައަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ ކޮންމެ 10 މީހުން ކުރެން އެކަކީ ހަކުރުބަލި ތަޙައްމަލު ކުރާ މީހުންނެވެ.

ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތަކަށް ރާއްޖާގައި ހުރި މިންވަރު ދެނެގަތުމަށް ހެދިފައިވާ ސްޓެޕް ސާރވޭ 2020-2021 އިން ދައްކާ ގޮތުގައި %14 މީހުން ހަކުރުބަލި ޖެހިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

ހަކުރު ބައްޔަކީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ދިވެހިންގެ ތެރޭގައި އެންމެ އާއްމު އެއް ބައްޔެވެ. ޢާއިލާގައި ހަކުރުބަލީގެ މީހުން ތިބުމާއި ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުމާއި، މާބަނޑު ދުވަސްވަރު ހަކުރު މަތިވުމުން މިބަލި ޖެހުމަށް މަގުފަހި ވެއެވެ.

ހަކުރު ބަލީގެ ބައެއް ޢަލާމާތްތައް:

• އަވަސް އަވަހަށް ކުޑަކަމުދާންޖެހުން
• ކަރުހިއްކާ ފެންބޮވުން
• އާދަޔާ ޚިލާފަށް ބަނޑުހައިވުން
• ބަރުދަނަށް އަވަސް އަވަހަށް ބަދަލުއައުން
• ވަރުބަލިވުން

ހަކުރުބަލި ތަޙައްމަލުކުރަމުންދާ ފަރާތް ތަކުން ހަކުރު ކޮންޓްރޯލްކޮށް ބައްޔާއެކު ރައްކާތެރި ދިރިއުޅުމެއް އުޅުމަށް ވަކިގޮތަކަށް ދިރިއުޅުން ބައްޓަން ކުރަންޖެހެއެވެ. އެގޮތުން ޙާލަތު ދެނެގަތުމަށް އަދި ހަކުރު ކޮންޓްރޯލް ކުރެވިފައިވާ ކަން ކަށަވަރުކުރުމަށް އަދި ބަލީގެ ސަބަބުން ހަށިގަނޑުގެ ގުނަވަނަކަށް ގެއްލުމެއް ލިބޭތޯ ބެލުމަށް ހަދަންޖެހޭ ޓެސްޓްތައް ހެދުން ހިމެނެއެވެ. ކެއިންބުއިން ވަކިގޮތެއްގައި ބެހެއްޓުމާއި ޤަވާޢިދުން ކަސްރަތުކުރުމަކީވެސް ބަލިން ރައްކާތެރި ދިރިއުޅުމެއް އުޅުމަށް ކުރުން މުހިންމު ކަމެކެއެވެ.

ދުރާލާ ރައްކާތެރިވުމަށް ސަމާލުވާންވީ ބައެއް ކަންކަން:

• ޞިއްޙީ ގޮތުން ދުޅަހެޔޮ ކާނާއާއި ބުއިންތައް އިޚްތިޔާރުކުރުން
• ކެއުމުގެ ވަގުތުތަކާ، ކާ މިންވަރާ މެދު ސަމާލުވުން
• ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުން އާދަކުރުން
• ހަށިގަނޑުގެ ބަރުދަން ސިއްޙީގޮތުން ދުޅަހެޔޮ މިންވަރެއްގައި ހިފެހެއްޓުން
• ދުންފަތުގެ އިސްތިޢުމާލުނުކުރުން އަދި ދުންފަތުގެ ދުމުން ރައްކާތެރިވުން
• ދޭތެރެ ދޭތެރެއިން ޓެސްޓުތައް ހަދާ ބަލީގެ ޙާލަތު ކަށަވަރު ކުރަމުން ދިއުން


ކޮންމެ އަހަރެއްގެވެސް 14 ނޮވެމްބަރަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ހަކުރު ބަލީގެ ދުވަހެވެ. މި ބަލި ކޮންޓްރޯލްކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ދުޅަހެޔޮ ދިރިއުޅުމެއް ޚިޔާރު ކުރުންކަމަށް ޑޮކްޓަރުން ލަފާދެއެވެ.

އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަން (އައި.ޑީ.އެފް) އިން މި އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ހިރާސްތައް ދެނެގަނެ، ފިޔަވަޅުއަޅަމާ" މިއެވެ.