ޚަބަރު

ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް 6 ބޭފުޅަކު ކުރިމަތިލައްވައިފި


  • ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލް ރިޓަޔަރކުރެއްވީ ޞިއްޙީ ސަބަބަކާހުރެ

  • ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހުޅުވާލަފައިވަނީ މިމަހުގެ 12 ގެ ނިޔަލަށް

  • މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި 54،300 ރުފިޔާ ލިބޭނެ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލުމުން 6 ބޭފުޅަކު ކުރިމަތިލައްވާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭ.އެސް.ސީއިން ވިދާޅުވެއްޖެއެވެ.

މި މަޤާމަށް ކުރިމަތިލުމަށް ޖޭ.އެސް.ސީއިން ހުޅުވާލީ، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލް ރިޓަޔަރކުރެއްވުމާއި ގުޅިގެންނެވެ. ފަނޑިޔާރުކަމުން ރިޓަޔަކުރައްވަން ޝަކީލު ހުށަހެޅުއްވި ހުށަހެޅުން ޖޭ.އެސް.ސީއިން ބަލައިގަންނަން ނިންމެވީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ޝަކީލު ރިޓަޔާކުރެއްވީ ހިތުގެ ބައްޔެއް ކަމަށްވާ "ސިކް ސައިނަސް ސިންޑްރޯމް" ތަޙައްމަލްކުރައްވަމުން ގެންދަވާތީއެވެ.

ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޖޭ.އެސް.ސީގެ "ފަހިރެސް ޕޯޓަލް" މެދުވެރިކޮށް ހުޅުވާލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މަޤާމަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގެ ސުންގަޑި ހަމަވިއިރު 6 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުން:

• ޢަބްދުއްސަލާމް / މިސްކިތްދޮށުގެ، ގއ. ގެމަނަފުށި
• ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ. މާޅޮސް
• އަޙްމަދު ނައުޝާދު / ހުދުވިލާގެ، ސ. މީދޫ
• ޢަލީ ނަޞީރު / ގާރޑެނިޔާވިލާ، ބ. ކިހާދޫ
• މަރްޔަމް ނިހާޔަތު / މ. ތާޖު، ކ. މާލެ
• ޢަބްދުލްމާނިޢު ޙުސައިން / އަންބަރީގެ، ހއ. އިހަވަންދޫ

ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 36000 ރުފިޔާއެވެ. ލިވިންގ އެލަވެންސްގެ ގޮތުގައި މަހަކު 15000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3300 ރުފިޔާ ލިބޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސްއާއި ފޯނު އެލަވަންސް ލިބޭނެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓަކީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން، ޤާނޫނަކުން އެ ނިންމުމެއް، ހައިކޯޓަށް ހުށަހެޅުން އިސްތިސްނާކޮށްފައި ނުވާ އެންމެހައި ނިންމުންތައް އިސްތިއުނާފު ކުރެވޭ ކޯޓެވެ. ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގައި މައްސަލައެއްގެ ފުރަތަމަ މަރުޙަލާގެ ކޯޓަކީ ހައިކޯޓު ކަމުގައި ކަނޑައަޅާފައިވާ އެންމެހައި މައްސަލަތައްވެސް ބަލާނީ ހައިކޯޓުންނެވެ.