ޚަބަރު

ޑިޒައިނަށް ބަދަލުގެނެސް ފައިސާ ހަމަޖެއްސިން، ނިމޭއިރު އެންމެ ހިތްގައިމު ޓަރމިނަލަށްވާނެ: ރައީސް


  • ފައިސާ ހޯދާ ޑިޒައިނަށް ބަދަލު ގެނެސްފައިވާނެ ޚިދުމަތް ފުރިހަމަކުރިކަމަށް

  • އެންމެ ގިނަ ޢަދަދެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްދަނީ މިހާރުކަމަށް

  • މަސްވެރިކަމުގެ އިންވެސްޓްމަންޓް ނިމުމާއެކު ބޮޑު ބަދަލެއް ފެންނާނެ

ވެރިކަމާއި ޙަވާލުވެވަޑައިގެންނެވިއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު މަޝްރޫޢުގައި އަޅާފައި އޮތީ ބިންގާ އެކަނިކަމަށާއި، އެ މަޝްރޫޢުއަށް ބައެއް ބަދަލު ގެނެސް ފައިސާވެސް ހަމަޖެއްސެވީ އެމަނިކުފާނުގެ ސަރުކާރުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ޙަވާލުވެވަޑައިގެންނެވިއިރު އޮތީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލްގެ ބިންގާ އަޅާފައިކަމަށެވެ. އެއަރޕޯޓުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ބޭނުންވާ ފައިސާ ހޯއްދެވީ އެމަނިކުފާނުގެ ސަރުކާރުންކަމަށާއި، އެއަރޕޯޓްގެ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި ދިނުމަށް ބޭނުންވާ ބައެއް ބަދަލުތައް ޓަރމިނަލްގެ ޑިޒައިނަށް ގެނެސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެބަދަލުތަކާއެކު އެއަރޕޯޓުގެ މަލަމަތިން މިހާރު ފެންނަ ހުރި ހިތްގައިމު ޓަރމިނަލްގެ މަސައްކަތް އެއްކޮށް ނިމިގެންދާއިރު އެޓަރމިނަލްވެގެންދާނީ މިސަރަޙައްދުގައި ހުރި އެންމެ ހިތްގައިމު އެއް ޓަރމިނަލަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައިވަނީ ރާއްޖޭގެ އެވިއޭޝަން ދާއިރާ ހަރުދަނާކުރެއްވުމަށްޓަކައި ކުރެވެމުންދާ އިތުރު މަޝްރޫޢުތަކަށްވެސް ބައްލަވާލައްވާފައެވެ. އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލްގެ އެއަރޕޯޓުގެ މަސައްކަތާއި އައްޑޫގެ އިޤްތިޞާދާއި ގުޅިފައިވާ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މުޅި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ އިޖުތިމާޢީ އެއްމައްސަލައަކީ ބޯހިޔާވަހިކަންކަން ފާހަގަކުރައްވާ ރައީސްވަނީ އެދާއިރާއިން ބޮޑެތި ބަދަލުތަކެއް ގެނެސްދެވިފައިވާކަމަށް ވިދާޅުވެފައެވެ. މިގޮތުން މާލެ ސަރަޙައްދުން ބިން ހިއްކާ ގޯތި ދޫކޮށްފައިވާއިރު 7000 އަށްވުރެ ގިނަ ފްލެޓުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

"މިކަމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމުގެ ގޮތުން، މާލޭ ރައްޔިތުންނަށް ދޫކުރާ ޖުމްލަ 9031 ގޯތީގެ ތެރެއިން 6500 އަށްވުރެ ގިނަ ގޯތީގެ ފަތް ޙައްޤުވެރިންނާ ހަވާލުކުރެވިއްޖެ. މަސައްކަތުގެ އެކި މަރުޙަލާގައިވާ ޖުމްލަ7700 ފްލެޓުގެ މަސައްކަތް، މާލެ ސަރަޙައްދުގައި މިހާރު ކުރިއަށް ހިނގަމުން އެބަދޭ. އަތޮޅުތެރޭގައި އޮތް ބޯހިޔާވަހިކަމުގެ ބުރައަށް ލުޔެއް ހޯދުމުގެ ގޮތުން، ފާއިތުވީ ފަސް އަހަރު 2732 ހައުސިންގ ޔުނިޓް، އެކި މަރުޙަލާތަކުގައި ކުރިއަށް ގެންދިޔައިން." ރައީސް ވިދާޅުވިއެވެ.

އިޤްތިޞާދީގޮތުން ވަރުގަދަ ސިނާޢަތަކަށް ރާއްޖޭގެ މަސްވެރިކަން ހެދުމަށް ވޭތުވެދިޔަ 5 އަހަރު ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ގިނަ އިންވެސްޓްމަންޓްތަކެއްކޮށް ބާނާ މަހަށް އެކުވި-އަގެއް ލިބިދޭ ވެލިއުއެޑެޑެޑް އުފެއްދުންތައް ބޭރުގެ މާކެޓަށް ނެރުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ނިމުމަކާއި ގާތްވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.


"މަޢުނަވީ ގޮތެއްގައި، ދެމެހެއްޓެނިވި މަސްވެރި ޞިނާޢަތެއް ކުރިއެރުވުމަށް މީގެކުރިން ދެވިފައި އޮތް ސަމާލުކަން ކުޑަ. ނަމަވެސް، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މި ޞނާޢަތް ކުރިއެރުވުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފިން. އަޅުގަނޑުމެން މަސައްކަތް ކޮށްފައިވާނީ، މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދީ، މަސްވެރިންނަށް ލިބޭ ނަފާ އިތުރުކުރެވޭނެ ގޮތްތައް ހޯދައިދިނުމަށް." ރައީސް ވިދާޅުވިއެވެ.

އިޤްތިޞާދުކުރިއެރުވުމަށް ކުރެވުނު މަސައްކަތްތައް ނިމިގެންދާއިރު އެބޮޑު ބަދަލާއެކު ރާއްޖޭގެ އިޤްތިޞާދު 2028 ވަނަ އަހަރު ދެގުނަ އިތުރުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.