މިއަހަރުގެ ވޯލްޑް ޓްރެވަލް މާކެޓު ލަންޑަން ފެއަރގެ ބެސްޓު ސްޓޭންޑު އެވޯޑު ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.
ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއަރތަކުގެ ތެރޭގައި ހިމެނޭ، ވޯލްޑް ޓްރެވަލް މާކެޓު ލަންޑަން، ޑަބްލިއުޓީއެމް ލަންޑަންގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 92 ކުންފުންޏަކުން 181 މަންދޫބުންގެ ވަފުދެއްވަނީ ބައިވެފައެވެ.
މި ވަފްގައި އިސްކޮށް ހުންނެވީ އެމް.އެމް.ޕީ.އާރު.ސީގެ ސީއީއޯ އަދި އެމްޑީ ޠައްޔިބު މުޙައްމަދެވެ. މިފެއަރ ކުރިއަށްދިޔައީ މިމަހުގެ 6 އިން 8 އަށް ލަންޑަންގެ އެކްސެލްގައެވެ.
މިއަހަރުގެ ފެއަރގައި ރާއްޖެއަށް ބެސްޓު ސްޓޭންޑު އެވޯޑު ލިބިފައިވާއިރު، ރާއްޖޭގެ ސްޓޭންޑު ފަރުމާކޮށްފައިވަނީ ގުދުރަތީ ރީތި މަންޒަރުތައް ފެންނަގޮތަށެވެ. އަދި ފަތުރުވެރިންނަށް ރާއްޖެއިން ލިބެން ހުންނަ ޙިދުމަތްތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ރާއްޖޭގެ ސްޓޭންޑުން ލިބެން ހުއްޓެވެ.
500 އަކަފޫޓުގެ މި ސްޓޭންޑުގައި މިއަހަރު ވަނީ އެކްސްޕީރިއަންސް ޒޯނެއްވެސް ޤާއިމްކޮށްފައެވެ. އަދި ރާއްޖޭގެ ކަނޑު އަޑީގެ މުއްސަނދިކަން ދައްކުވައިދޭ "އަންޑަރވޯޓާ ޓަނަލް" ވޯކްވޭއެއްވެސް މިފަހަރުގެ ސްޓޭންޑުގައި ހިމެނެއެވެ.
ޑަބްލިއުޓީއެމް ލަންޑަން އަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ ފަތުރުވެރިކަމާ ބެހޭ އެންމެ ބޮޑު އެއް ފެއަރއެވެ. މި ފެއަރއަކީ ޓޫރިޒަމް ސިނާއަތުގައި ހިމެނޭ އެންމެހާ ފަރާތްތައް އެއްތަނަކުން ބައްދަލުކޮށް، މަޝްވަރާކޮށް ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ ފުރުޞަތު އެންމެ ފުޅާ ދާއިރާއެއްގާ ފޯރުކޮށްދޭ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތެވެ.
MMPRC won the “Best Stand Design” award at @WTM_London 2023! The Maldives stand at WTM London 2023 draws inspiration from the breathtaking underwater beauty of the Maldives and presents the unique experiences and sustainability initiatives from the Sunny Side of Life pic.twitter.com/OMqntcSI1A
— Visit Maldives (@visitmaldives) November 8, 2023
އެމްއެމްޕީއާރުސީން ވިދާޅުވީ މިއަހަރުގެ ފެއަރ މެދުވެރިކޮށް އިނގިރޭސިވިލާތުގެ ޓޫރިޒަމް ދާއިރާގެ ފަރާތްތަކުގެ އިތުރުން ދުނިޔޭގެ ޓޫރިޒަމް ޕާޓްނަރުންނާ ބައްދަލުކޮށް ރާއްޖެ އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ދުނިޔެއަށް ހާމަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާކަމަށެވެ.
އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ޤައުމެކެވެ. ރާއްޖެއަށް މިހާރު 4ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުންނެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރުމަހުގެ ނިޔަލަށް އެޤައުމުން ރާއްޖެއަށް 122614 ފަތުރުވެރިން އައިސްފައިވާއިރު، މިއީ ރާއްޖެއަށް މި މުއްދަތުގައި ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 8.1 އިންސައްތައެވެ