ޚަބަރު

ސުޕްރީމް ކޯޓުގެ ޙުކުމަކީ ޤާނޫނީ ވެރިކަން ނަގަހައްޓައިދިން ޙުކުމެއް: އެމްޑީޕީ


  • އެމްޑީޕީއިން ބުނީ މަޖިލީސް ޤާނޫނީ ހުސްކަމެއްގައި ބޭއްވުމަށް ބަޔަކު ކުރި މަސައްކަތް ކޯޓުން ހުއްޓުވާ ދިނީކަމަށް

  • ޤާނޫނު އަސާސީގެ ސިޔާދަތު ކަށަވަރުކޮށް އަދި ޤާނޫނީ ވެރިކަން ނަގަހައްޓައިދިންކަމެއް

  • މަޖިލީހުގެ އިދާރާއިން ގަވާއިދާ ޚިލާފުކަމެއް ނުކުރައްވާނެކަމަށް އެދިވަޑައިގަތް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ މަގުފަހިކޮށްދެއްވާ ސުޕްރީމް ކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޤާނޫނު އަސާސީގެ ސިޔާދަތު ކަށަވަރުކޮށްދެއްވާ ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ނަގަހައްޓައިދިން ޙުކުމެއްކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީއިން ބުނެފިއެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކުރި ޙުކުމާއި ގުޅިގެން އެމް.ޑީ.ޕީގެ ޕާލިމަންޓްރީ ގްރޫޕުން ނެރުނު ނޫސްބަޔާނުގައި ވަނީ އެޕާޓީން އެދުނުގޮތަށް ސުޕްރީމް ކޯޓުންކުރި ޙުކުމަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައިގެ ޤަރާރުގެ މަސައްކަތް ހުއްޓުވުމުގެ ނިޔަތުގައި މަދު ބަޔަކު ދައުލަތުގެ އެއްބާރުގައި "މަރުތަޅު" އަޅުވާފައި އޮތް އޮތުން ނިމުމަކަށް ގެނެސްދިން ޙުކުމެއްކަމަށް ބުނެފައެވެ.

އެކަން ނިމުމަކަށް ގެނައުމަށް އެމް.ޑީ.ޕީއިން ކުރި މަސައްކަތަށް ލިބުނު ފުރިހަމަ ކާމިޔާބީއެއްކަމުގައިވެސް މި ބަޔާނުގައިވަނީ ބުނެފައެވެ. ހަމައެއާއެކު ސުޕްރީމް ކޯޓުގެ ޙުކުމަކީ ރާއްޖޭގައި ޢަމަލުކުރާ ޤާނޫނު އަސާސީގެ ސިޔާދަތު ކަށަވަރުކޮށްދެއްވާ ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ނަގަހައްޓައިދިން ޙުކުމެއްކަމަށް އެމް.ޑީ.ޕީގެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާނެކަމަށް އުއްމީދުކުރާކަމަށާއި، އެއްވެސް ފަރާތަކުން މަޖިލީހުގެ އަޣުލަބިއްޔަތުން ކަންކަން ނިންމުމަށް ހުރަސްއެޅިދާނެފަދައިން ކަންކަން ނުކުރެއްވުމަށް މިބަޔާނުގައި ވަނީ އެދިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް އެޖެންޑާކުރި ދުވަހުން ފެށިގެން މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ހުންނެވީ ސަލާމުގައެވެ. އެހެންކަމުން މަޖިލީހުގެ އިދާރާއިން ވަނީ އެ މައްސަލަ ކުރިއަށްދާ ވަގުތު ރިޔާސަތުގައި ހުންނަވަންޖެހެނީ މަޖިލީހުގެ ނައިބު ރައީސްކަމަށާއި އެނޫން ބޭފުޅަކަށް އެކަން ނުކުރެއްވޭނެކަމަށް ގަވާއިދުގައި ބަޔާންކުރާތީ މައްސަލަ ކުރިއަށް ނުގެންދަވާ މަޑުޖައްސަވާފައެވެ.

އެހެންނަމަވެސް މަޖިލީހުގެ މަސައްކަތް ނުހުއްޓި ކުރިއަށްގެންދިޔުމަށް ރިޔާސަތުގައި ރައީސް އަދި ނައިބު ނުހުންނަވާ ޙާލަތުގައި މަޖިލީހުގައި އެންމެ ދުވަސްވީ ބޭފުޅަކަށް ރިޔާސަތު ބެލެހެއްޓެވޭނެކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައެއް ހުށައަޅާފައި އޮތް ޙާލަތެއްގައި އެކަން ނުނިންމާ އިތުރު މަސައްކަތެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެކަމަށް އެމް.ޑީ.ޕީއިންވަނީ ބުނެފައެވެ.

މި މައްސަލައިގައި މަޖިލީހުގެ އިދާރާއިން އެއްބާރުލުން ނުލިބުމުން އެމްޑީޕީންވަނީ ގަވާއިދު މާނަކޮށްދެއްވާ މިކަން ކޮޅެއްގައި ޖެއްސުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައެވެ. މައްސަލަ ނިންމަވަމުން ސުޕްރީމް ކޯޓުންވަނީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ މައްސަލަ ކުރިއަށްދާއިރުވެސް މަޖިލީހުގައި އެންމެ ދުވަސްވީ މެމްބަރުންގެ ތަރުތީބުން ރިޔާސަތު ބެލެހެއްޓެވޭނެކަމަށް ޙުކުމް ކުރައްވާފައެވެ. އަދި މަޖިލީހުގައި ކުރަންހުރި މުޅި ދައުލަތާއި ގުޅުންހުރި ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންދެވޭނެކަމަށްވަނީ ކަނޑައަޅުއްވާފައެވެ.

ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ، މަޖިލީހުގެ ނައިބް ރައީސް ނެތަސް ކުރިޔަށް ގެންދެވޭނެކަމަށް ސުޕްރީމްކޯޓުން ކަނޑައެޅުމުން ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ އަންނަ އާދިއްތަ ދުވަހަށް ރައްޔިތުން މަޖިލީހުން ވަނީ އެޖެންޑާކުރައްވާފައެވެ.