ޚަބަރު

މަޖިލީހުގައި ގިނަ ބިލްތަކެއްގެ މަސައްކަތް ނުނިމިހުރުމުން ބަންޑާރަ ނައިބުގެ ކަންބޮޑުވުން


  • 30 ބިލެއްގެ މަސައްކަތް އެކި މަރުޙަލާގައި ނުނިމި އެބަހުރި

  • ޢަދުލު އިންސާފު ޤާއިމުކުރުމުގެ ދާއިރާއާއި ގުޅޭ މުހިންމު ގިނަ ބިލްތަކެއް ހުރިކަން ފާހަގަކޮށްލެވޭ

  • 5 އަހަރުގެ ތެރޭގައި 153 ބިލެއް މަޖިލީހަށް ހުށައަޅައި 120 ބިލެއް ފާސްކޮށް ތަސްދީޤުކޮށްފައިވޭ

އެކި ދާއިރާތަކާއި ގުޅޭ މުހިންމު ގިނަ ބިލްތަކެއްގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނުނިމިހުރުމުގެ ކަންބޮޑުވުން ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން ފާޅުކުރައްވައިފިއެވެ. މީގެ ތެރޭގައި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ދާއިރާއާއި ގުޅޭ މުހިންމު ގިނަ ބިލްތަކެއްގެ މަސައްކަތް ނުނިމިހުރިކަން ބަންޑާރަ ނައިބުގެ އޮފީހުން ފާހަގަކުރައްވައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ 30 ބިލެއްގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަމަށެވެ. މީގެތެރޭގައި ޢާއްމު އިޖުތިމާޢީ އެކި ދާއިރާތަކާއި ގުޅޭ ބިލްތަކުގެ އިތުރުން ރާއްޖޭގައި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ދާއިރާ ހަރުދަނާކުރުމަށް ކޮންމެހެން އިސްލާޙުކުރަންޖެހޭ ބިލްތައް ހުރިކަން އެއޮފީހުން ފާހަގަކުރައްވައެވެ. ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަދި ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް މުހިންމު އިސްލާޙުތަކެއް ގެނައުމަށް ހުށައަޅާފައިވާ ބިލުތަކުގެ މަސައްކަތްވެސް މަޖިލީހުގައި ނިމިފައިނުވާކަމަށެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ކޯޓުތައް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށާއި މެޖިސްޓްރޭޓުން ޢައްޔަންކުރުމާއި ގުޅޭ އުސޫލުތައް އިސްލާޙުކުރުމާއި، ކޯޓުތަކުގެ އިދާރީ ހިންގުމާއިބެހޭ އުޞޫލުތައް އިސްލާޙުކުރުމާޢި ފަނޑިޔާރުންގެ އައު ސުލޫކީ މިންގަނޑެއް ކަނޑައެޅުމާއި ފަނޑިޔާރުންގެ ލިވިންގ އެލަވަންސް މުރާޖަޢާކޮށް ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގުފަހިކޮށްދިނުމާއި ގުޅޭ އުސޫލުތައް ބަޔާންކުރުމާއި ފަނޑިޔާރުންގެ ފެންވަރު ބަލައި ވަޒަންކުރުމާއި ގުޅޭ އުޞޫލު އިސްލާޙުކުރުމަށްވެސް ހުށައަޅާފައިވާކަމަށް އެއޮފީހުން ވިދާޅުވެއެވެ.

ރާއްޖޭގެ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ދާއިރާއާއި ގުޅުންހުރި ކަމާބެހޭ މުހިންމު ޤާނޫނުތައް އިސްލާޙުކުރުމަށް ހުށައަޅާފައިވާ ގިނަ ބިލްތަކެއްގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ އެކި މަރުޙަލާތަކުގައި ނުނިމި ހުރިކަން ބަންޑާރަ ނައިބުގެ އޮފީހުން ފާހަގަކުރައްވައެވެ.

ޝަރުޢީ ދާއިރަގެ އިތުރުން، މަސައްކަތްތެރިންގެ ޙައްގުތައް ކަށަވަރުކޮށްދިނުމާއި ގުޅޭ، މަސައްކަތްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަމުގެ ބިލާއި، އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލާއި، ރަށްރަށުގެ ބިން ބޭނުންކުރުމާއި ގުޅޭގޮތުން ހުށައަޅާފައިވާ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލުގެ އިތުރުން ވިޔަފާރިއާއި ޢާއްމު ސިއްޙަތާއި ގުޅުންހުރި މުހިއްމު ބިލްތައް ހިމެނޭކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެ އޮފީހުން ހުށައަޅާފައިވާ އެކި ބިލްތަކުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ހިސާބުވެސް ހާމަކުރައްވާފައެވެ. މަޖިލީހުގެ އެކި ކޮމިޓީތަކުގައި 20 ބިލެއްގެ މަސައްކަތް ކުރިއަށްދާއިރު 2 ބިލެއްގެ އިބްތިދާއީ ބަހުސް ކުރިއަށްދާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި 3 ބިލެއްގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، 5 ބިލެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތްކަންވެސް ބަންޑާރަ ނައިބުގެ އޮފީހުން ފާހަގަކުރައްވައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް 153 ބިލް ހުށައަޅާފައިވާކަމަށެވެ. އޭގެތެރެއިން 120 ބިލެއް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާ، ޤާނޫނަކަށްވެފައިވާކަން އެ އޮފީހުން ވިދާޅުވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިގޮތަށް ވިދާޅުވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައި އޮތުމުގެ ސަބަބުން މަޖިލީހުގައި އިތުރު މަސައްކަތްތަކެއް ކުރިއަށް ނުގެންދެވި ހުރިކަން މެމްބަރުންވެސް ފާހަގަކުރައްވައެވެ. މި މައްސަލަ ބޮޑުވެ ވަކިގޮތެއް ނިންމައިދިނުމަށް އެދި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ ޙުކުމުގައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައެއް މަޖިލީހަށް ހުށައަޅާ ޙާލަތުގައި މަޖިލީހުގެ ރިޔާސަތު ނައިބު ރައީސް ނޫން ފަރާތްތަކަށްވެސް ބެލެހެއްޓޭނެކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގައި ކުރަންޖެހޭ މުހިންމުކަންކަމަށް އެއްވެސް ބުރުލެއް ނާރާ އެ މަސައްކަތްތައް ކުރިއަށްގެންދަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކުރައްވާފައެވެ.