ޚަބަރު

ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ޛާލިފް އައްޔަންކުރަން ނިންމައިފި


  • ޤާޟިކަމަށް 23 މީހަކު ކުރިމަތިލި

  • އިންޓަރވިއުއަށްފަހު ނިންމީ ޛާލިފް އައްޔަންކުރަން

  • 6 މެޖިސްޓްރޭޓް ކޯޓަށްވެސް މެޖިސްޓްރޭޓުން އައްޔަންކުރެއްވި

ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ގއ.ގެމަނަފުށި، އޯކިޑުމާގެ، އަލްއުސްތާޛު އާދަމް ޛާލިފް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނިންމަވައިފިއެވެ.

ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީން އިޢުލާންކުރެއްވީ މިދިޔަ މަހުގެ 5 ވަނަ ދުވަހުގައެވެ. އެ ފުރުޞަތުގައި 23 މީހަކު އެ މަޤާމަށް ކުރިމަތިލެއްވިއެވެ. އަދި ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީން އިންޓަރވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވަނީ އަލްއުސްތާޛު އާދަމް ޛާލިފް، ދިވެހިރާއްޖޭގެ ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ހަމަޖެއްސެވުމަށެވެ.

ޛާލިފް އަކީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީޢާ އާއި، މާސްޓަރ އޮފް ޝަރީޢާ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޝަރުޢީ ދާއިރާގައި 07 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު، ޓްރައިބިއުނަލްގެ މެންބަރުކަން އަދާކުރައްވާ، ވަކާލާތުކުރައްވާ އަދި ޏ.ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓްގެ މަޤާމް އަދާކުރައްވާފައިވެއެވެ.

އަލްއުސްތާޛު އާދަމް ޛާލިފް ފަނޑިޔާރުކަމަށް ޢައްޔަންކުރަން ނިންމެވިއިރު އޭ.އެންޑް ޒެޑް އެސޯސިއޭޓްސް އެލް.އެލް.ޕީގެ މެނޭޖިންގ ޕާޓްނަރގެ މަޤާމް އައީ އަދާ ކުރައްވަމުންނެވެ.

ސިވިލް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރައްވަން ނިންމާފައިމިވަނީ އެ ކޯޓުގެ ކުރީގެ އިސް ޤާޟީ އަހުމަދު ނިމާލް އަވަހާރަވުމުން އެ މަގާމު ހުސްވެފައިވާތީއެވެ. ނިމާލް އަވަހާރަވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

ސިވިލް ކޯޓަށް ފަނޑިޔާރެއް އައްޔަންކުރެއްވުމުގެ އިތުރުން އެކޮމިޝަނުން ވަނީ 6 މެޖިސްޓްރޭޓް ކޯޓަކަށް މެޖިސްޓްރޭޓުންވެސް އައްޔަން ކުރައްވަން ނިންމަވާފައެވެ. އެއީ ހދ. ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓާއި، ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓާއި، ނ.މާފަރު މެޖިސްޓްރޭޓް ކޯޓާއި، ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓާއި ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓާއި ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓަށެވެ.