ޚަބަރު

ބޮޑު އެއްވެސް މަޝްރޫޢެއް މި 5 އަހަރު ތެރޭގައި ނިންމާނުލެވޭ: ޝިޔާމް


  • 100 ދުވަހުގެ ވައުދުތައް 5 އަހަރުވީ އިރުވެސް ނުފުއްދޭ

  • ރައްޔިތުންނާ ގުޅުންހުރި ޤައުމަށް މާލީ މަންފާއެއް ކުރާ އެއްވެސް މަޝްރޫއެއް ނުނިމޭ

  • މިހުރިހާ މަޝްރޫޢުތަކާއެކު ޑރ. މުޢިއްޒުގެ ވައުދުތައްވެސް ފުރިހަމަ ކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ސަރުކާރުގެ 5 އަހަރުތެރޭގައި ބޮޑު އެއްވެސް މަޝްރޫޢެއް ނިމިފައި ނުވާކަމަށް ޕީ.ޕީ.އެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެންބަރު ޝިޔާމް މިހެން ވިދާޅުވީ، ޕީއެސްއެމްއިން ގެނެސްދޭ "ދިވެހީންގެރާއްޖެ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ ހިނގަމުންމިދާ 5 އަހަރު ތެރޭ ރައްޔިތުންނާ ގުޅުންހުރި ބޮޑު މަޝްރޫޢެއް ނުނިންމުމުން ދޭހަވަނީ އެ މަޝްރޫޢުތައް ކުރިއަށް ގެންދިޔައީ ހެޔޮ ނިޔަތެއްގައި ނޫންކަމަށާއި، މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ ވަކިބަޔަކަށް ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމަށް މަސައްކަތް ކުރުމުގެ ނިޔަތުގައި ކަމަށެވެ.

ޝިޔާމް ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ފަށާފައި އޮތް އެންމެ ބިޔަ މަޝްރޫޢު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢު ނިންމާނުލެވުމަކީ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔަލެއް ލަސްކަން ހާމަވާ އެއް ސަބަބުކަމަށެވެ.

މި ސަރުކާރުން ސިއްޙީ ދާއިރާއާއި، ބޯހިޔާވަހިކަމުގެ ދާއިރާއާއި، ތަޢުލީމީ ދާއިރާއަށް ވީ ގިނަ ވައުދުތަކެއް ނުފުއްދުމުގެ ނަތީޖާ ރިޔާސީ އިންތިޚާބުން ހާމަވެގެންގޮސްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މި ސަރުކާރުން ފަށާފައި ހުރި މިފަދަ ބޮޑެތި މަޝްރޫޢުތައް އަވަސް މިނެއްގައި ކުރިއަށް ގެންގޮސް ނިންމަވާނެކަމުގެ ޔަޤީންކަން އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ދެއްވާފައިވާކަމަށާއި، މިހާރުވެސް ރައްޔިތުންނަށް އެކަން ފެންނަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އެކަމަށް މިސާލު ޖައްސަވަމުން ވިދާޅުވީ، 5 އަހަރުން ނިންމާނުލެވުނު އެއަރޕޯޓް މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އަބޫ ދާބީ ފަންޑުން ހޯއްދެވި 80 މިލިއަން ޑޮލަރުގެ ވާހަކައަށެވެ.

"ސަތޭކަ ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ އެއްވެސް ކަމެއް ފަސް އަހަރު ވީ އިރުވެސް ނުނިމޭ، މިސްކިތްތައް އޭސީ ކުރުމެއް ނުނިމޭ މަރުތަކުގެ މައްސަލަތަކެއް ނުނިމޭ މީ ސަރުކާރުގެ ސްލޯކަން ހާމަވި ސަބަބެއް އަދި ރައްޔިތުންނާ ގުޅުންހުރި މުހިންމު އެއްވެސް މަޝްރޫއެއް ނުނިމޭ އެކަން އެންމެންނަށް އެހުރީ ފެންނަނަށް ވަރަށް ސާފުކޮށް"

މި ސަރުކާރުން ފަށާފައި ހުރި ބޮޑެތި އެއްވެސް މަޝްރޫޢެއް ނިމިފައެއްނުވެއެވެ. ތިލަމާލެ ބްރިޖާއި، ރާއްޖޭގެ އެކި ސަަރަޙައްދުތަކުގައި ޤާއިމުކުރުމަށް ނިންމާފައިވާ ޓަރޝަރީ ހޮސްޕިޓަލުތަކާ، މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް ކުރިއަށްގެންދިޔަ އެއްވެސް މަޝްރޫޢެއް ނިމިފައެއްނުވެއެވެ.