ޚަބަރު

އޭސީސީގެ އަމުރާއެކުވެސް ފްލެޓް ދިނުމުގެ މަސައްކަތްކުރާތީ އޭސީސީއަށް ޕެޓިޝަނެއް


  • އޭސީސީއަށް ޕެޓިޝަން ހުށައަޅާފައިވަނީ އަމިއްލަ ޖަމިއްޔާއަކުން 179 މީހުންގެ ސޮޔާއެކު

  • އެމީހުންގެ ޝަކުވާއަކީ އޭސީސީގެ އަމުރާ ޚިލާފަށް މިނިސްޓްރީން މަސައްކަތް ކުރުން

  • މިމައްސަލައިގައި އަދި އޭސީސީގެ ބަހެއް ނެތް

ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންނަށް ފްލެޓް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކުރުމާއި ގުޅިގެން އެކަން ހުއްޓުވުމަށް އޭސީސީއަށް ޕެޓިޝަނެއް ހުށައަޅައިފިއެވެ.

ޕެޓިޝަން ހުށައެޅުމަށްޓަކައި އޭސީސީ ކައިރިއަށް މިއަދު ބަޔަކުވަނީ އެއްވެފައެވެ. އޭސީސީއަށް މިކަން ހުށައަޅާފައިވަނީ "ކޮމަނާސް ޖަމިއްޔާ"ގެ ފަރާތުން 179 މީހުންގެ ސޮޔާއެކުގައި ކަމަށް އެތަނަށް އެއްވި މީހުންވަނީ މީޑިއާއަށް ހާމަކޮށްފައެވެ.

އޭސީސީ ކައިރިއަށް އެއްވި ފަރާތްތަކުން ބުނީ ޕެޓިޝަން ހުށައަޅައި އޭސީސީ ދޮށަށް އެއްވާން ޖެހުނީ ފްލެޓު ދިނުމާއި ގުޅޭގޮތުން ހުރި ޝަކުވާތައް ބަލާ ނިމެންދެން ފްލެޓް ދޫކުރުމުގެ މަސައްކަތް މެދުކަނޑާލަން އަންގާފައިވާއިރު ހައުސިން މިނިސްޓްރީން އެގޮތަށް ޢަމަލުކުރަމުން ނުދާތީކަމަށެވެ.

އޭސީސީ ދޮށަށް އެއްވި މީހުން މިހެން ބުނެފައިވާއިރު ހައުސިން މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ މިކަމުގައި ކޮރަޕްޝަނާއި ގުޅުންހުރި އެއްވެސްކަމެއް އަދި ޤާނޫނާއި ގަވާއިދާ ޚިލާފު އެއްވެސްކަމެއް ހިންގާފައިނުވާނެކަމަށެވެ. އެހެންނަމަވެސް އިއްޔެއާއި ހަމައަށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފްލެޓްގެ ތެރެއިން 3 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކެޓަގަރީއަށް 2000 ޝަކުވާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކެޓަގަރީން 900 އެއްހާ ޝަކުވާ ލިބިފައިވާ ކަމަށް އެމިނިސްޓްރީންވަނީ ވިދާޅުވެފައެވެ. ޝަކުވާ ހުށައެޅުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާނެއެވެ.

ފްލެޓްގެ ދާއިމީ ލިސްޓްގައި ލިބުނު މާކްސްއާއެކު ހާމަކުރުމުން އެތައް ބަޔަކުވަނީ ހައުސިން މިނިސްޓްރީ ދޮށަށްވެސް އެއްވެފައެވެ. އާއްމުންގެ ގިނަ ޝަކުވާތަކެއް މިކަމާ ގުޅިގެން ހުރުމާއެކު ހައުސިން މިނިސްޓްރީން ވަނީ ޝަކުވާއަށް ހުޅުވާލާނެ ކަމަށް ވިދާޅުވެފައެވެ.

ފްލެޓް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާކަމަށް ތުހުމަތުކޮށް އޭސީސީއަށްވެސް މައްސަލަވަނީ ހުށަހަޅާފައެވެ. އޭސީސީންވަނީ މިމައްސަލަ ތަޙުގީގުކުރަން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އާއްމުންގެ ޝަކުވާތައް ބެލުމަށް އެކަށީގެންވާ ވަގުތުދިނުމަށްފަހު ނޫނީ ފްލެޓް ދޫކުރުމުގެ މަސައްކަތް ނުކުރުމަށް އޭސީސީންވަނީ ހައުސިން މިނިސްޓްރީއަށް އަންގަވާފައެވެ.

އޭސީސީ ދޮށަށް މިއަދު ބަޔަކު އެއްވެފައިވާއިރު، މިކަމާއި ގުޅިގެން އޭސީސީގެ ބަހެއް އަދި ނުލިބެއެވެ.