ޚަބަރު

މަސައްކަތްތެރިކަން ދަސްކޮށްދޭ ލެބެއް ކަލާފަނު ސްކޫލުގައިވެސް ހުޅުވައިފި


  • އާންމު ދިރިއުޅުމުގައި ބޭނުން ކުރަނެ ހުނަރުތައް ދަސްކޮށްދޭނެ

  • އަތޮޅުތައް ހިމެނޭހެން 28 ސްކޫލެއްގައި މި ލެބް ޤާއިމްކުރާނެ

  • ފުރަތަމަ ލެބް ހުޅުވީ ތާޖުއްދީން ސްކޫލްގައި

ސްކޫލްތަކުގައި ވޮކޭޝަނަލް އެޑިޔުކޭޝަންގެ ތަޢުލީމު ދިނުމަށް ކުރާ މަސައްކަތުގެ ދަށުން ކަލާފާނު ސްކޫލުގައި އެފަދަ ލެބޯޓަރީއެއް ހުޅުވައިފިއެވެ. މި ލެބް ހުޅުއްވައިދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީއެވެ.

ވޮކޭޝަނަލް އެޑިޔުކޭޝަންގެ ތަޢުލީމު ދިނުމަށް ޤާއިމުކުރާ ލެބްތަކުން ދަރިވަރުންގެ އާންމު ދިރިއުޅުމުގައި ދަސްކުރަން މުހިންމު ހުނަރުތައްކަމަށްވާ ކެއްކުމާއި، ފެހުމާއި، ވަޑާންކުރުމުގެ މަސައްކަތް އަދި އާޓް އެންޑް ކްރާފްޓްގެ މަސައްކަތް ދަސްކޮށްދެއެވެ. އަދި ދަރިވަރުންގެ ފަންނީ ހުނަރުތަކުގެ އިތުރުން އެކުދިންނަށް، އުފެއްދުންތެރި ވިސްނުމާއި، ދިރިއުޅުމުގައި ދިމާވާ ކަންކަން ހައްލުކުރުމުގެ ހުނަރުތައް ދަސްވުމާއެކު، މުސްތަޤުބަލުގައި ހުނަރުވެރި، ޤާބިލު ތަޢުލީމީ ޖީލެއް ބައްޓަންކުރުމަށް މަގުފަހިވެގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ހިމެނޭހެން 28 ސްކޫލެއްގައި މަސައްކަތްތެރިކަމުގެ ތަޢުލީމު ދަސްކޮށްދޭ ލެބްތައް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ ފުރަތަމަ ލެބް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ތާޖުއްދީން ސްކޫލްގައި ވަނީ ހުޅުވާފައެވެ. އޭގެ އިތުރުން ޏ.އަތޮޅު ތަޢުލީމީ މަރުކަޒާއި، މަޖީދިއްޔާ ސްކޫލުގައި ވަނީ މިފަދަ ލެބްތައް ޤާއިމްކޮށްފައެވެ.

ވޮކޭޝަނަލް އެޑިޔުކޭޝަން ޖެނެރަލް ލެބްގެ އިތުރުން ވަކިވަކި ހުނަރުތައް ދަސްކޮށްދިނުމަށް ޚާއްސަކޮށްގެން ހުޅުވާ ލެބްތައްވެސް ކުރިއަށްއޮތްތަނުގައި މި ސްކޫލްތަކުގައި ހުޅުވިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. މީގެ ތެރޭގައި އެއަރ ކޮންޑިޝަން މަރާމާތުކުރުމުގެ މަސައްކަތް ދަސްކޮށްދޭ ލެބާއި، އިލެކްޓްރޯނިކް މަސައްކަތް އަދި ވަޑާމުގެ މަސައްކަތަށް ޚާއްސަކޮށްފައިވާ ލެބްތައް ހިމެނެއެވެ.

ވޮކޭޝަނަލް އެޑިޔުކޭޝަން ކިޔަވައިދޭނީ މިހާރުގެ މަންހަޖުގައި ކިޔަވައިދޭ މާއްދާތަކަށް މަސައްކަތްތެރިކަމާއި ހުނަރުގެ ބައިތައް އެއްކޮށްގެންނެވެ. މިއީ ދަރިވަރުން ޝަޢުގުވެރިވާގޮތަށް ތަޢުލީމު ބައްޓަން ކުރަމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެޑިޔުކޭޝަން ފާހަގަކުރައްވައެވެ.

މި ލެބްތަކަކީ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) ގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ. އޭ.އީ.ޑީ.ޕީއަކީ ވޯލްޑް ބޭންކުގެ 9 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި ދިވެހި ސަރުކާރުގެ އެއް މިލިއަން ޑޮލަރު ހިމެނޭގޮތަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމުކުރެވިފައިވާ 10 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.