ޚަބަރު

ސްކައި ޑައިވިންގއާއެކު ރާއްޖޭގެ ފަތުރުވެރިކަން އައު ހަރުފަތަކަށް


  • ސްކައިޑައިވިންގއާއެކު ފަތުރުވެރިކަން އިތުރު މާކެޓަކަށް ހުޅުވޭނެ

  • ސްކައިޑައިވިންގގެ ފުރުސަތު ހޯދުމަށް މިހާރު ބުކިންގ ހެދޭނެ

  • މިޚިދުމަތްފެށީ ރ.އަތޮޅުގައި އޮންނަ އިފުރު އައިލެންޑް ރިސޯޓާއި ގުޅިގެން

ސްކައިޑައިވިންގއާއެކު ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދިޔުމަށް ސްކައިޑިވިން އެސޯސިއޭޝަން އޮފް މޯލްޑިވްސް(ސޭމް)އިން ތައްޔާރުވެއްޖެއެވެ. ފަތުރުވެރިންނާއެކު މިފުރުސަތު ދިވެހިންނަށްވެސް އޮތްކަން ސޭމްއިން ފާހަގަކުރެއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގައި އެންމެ ގިނައިން ހިއްސާކުރެވެނީ ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމުގެ މުއްސަނދިކަމުގެ ވާހަކައެވެ. އެހެންނަމަވެސް ރާއްޖޭގެ މަތިން ނަގާފައި ހުންނަ ފޮޓޯތަކާއި ވީޑިއޯތަކަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ގިނަބައެއްގެ މަޤުބޫލުކަން ލިބޭ ފޮޓޯތަކާއި ވީޑިއޯތަކެވެ. މިމަންޒަރުތައް ހަމަލޮލަށް ބަލާލުމުގެ ފުރުސަތު މީގެކުރިން ފަހިވެފައި އޮތީ ހަމައެކަނި ފްލައިޓުގެ ކުޑަދޮރުންނެވެ. އެހެންނަމަވެސް ދުނިޔޭގައި ފަތުރުވެރިކަމާއި އަދި މުނިފޫހިފިލުވުމުގެ ސިނާޢަތުގައިވެސް އެންމެ މަޝްހޫރު އެއް ޓޫލްގެ ގޮތުގައި ހިމެނޭ ސްކައިޑައިވިންގެ ތެރެއިން ރާއްޖޭގެ ރީތިކަން ބަލާލުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

2020 ވަނަ އަހަރު ވުޖޫދުވެފައިވާ ސްކައި ޑައިވިން އެސޯސިއޭޝަން އޮފް މޯލްޑިވްސް(ސޭމް) އަންނަނީ ސްކައިޑައިވިންގެ ޚިދުމަތް ރާއްޖޭގައި ދެމެހެއްޓެނިވިގޮތެއްގައި ދިނުމަށް މަސައްކަތްކުރަމުންނެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސޭމްއިން ބުނީ ރ.އަތޮޅުގައި އޮންނަ އިފުރު ރިސޯޓާއި ގުޅިގެން ސްކައިޑައިވިންގެ ޚިދުމަތް އަންނަ މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. މިގޮތުން މިދިޔަ ހަފްތާގެ ތެރޭގައި އެޖަމިއްޔާއިންވަނީ މިކަމަށްޓަކައި ހަޔަރކޮށްފައިވާ ޚާއްސަ އެއަރކްރާފްޓްތައް ޓެސްޓުކޮށްފައެވެ. އަދި މިހަފްތާގެ ތެރޭގައި ޖަމުޢިއްޔާގެ ފަރާތުން ކަނޑައަޅާފައިވާ ސްކައިޑައިވަރުންވަނީ އެއަރކްރާފްޓްތަކުން ފުންމާލާ "ޑްރޮޕް ޓެސްޓް"ވެސްކޮށްފައެވެ. ސޭމްއިންވަނީ ސްކައިޑައިވިންގއަށް ޝައުގުވެރިވާ ފަރާތްތަކުން އެޖަމްޢިއްޔާގެ ވެބްސައިޓް މެދުވެރިކޮށް ބުކް ކުރެވޭނެ ފުރުސަތު ހުޅުވާލާފައެވެ.

ރާއްޖޭގައި އެންމެ ގިނަ ރިސޯޓުތައް އޮންނަ މާޅޮސްމަޑުލުގައި މިޚިދުމަތް ފެށިގެން ދިޔުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އިންޤިލާބެއް އަންނާނެކަމެއްގެ ގޮތުގައި ސޭމްއިން ފާހަގަކުރެއެވެ. ސޭމްއިން ބުނީ މިޚިދުމަތުގެ ތެރެއިން "ފްރީ ފޯލް" ނުވަތަ އެއްވެސް މީހަކާއި ނުލާ 10000 އަދި 13000 ފޫޓު މަތިން ފުންމާލުމުގެ ފުރުސަތު ޕްރޮފެޝަނަލްކޮށް ސްކައިޑައިވްކުރާ މީހުންނަށް އޮންނައިރު، ހަމަ އެއުސްމިނުގައި އިންސްޓްރަކްޓަރަކާއެކު ފުންމާލުމުގެ ފުރުސަތުވެސް ފޯރުކޮށްދޭކަމަށެވެ. މީގެ އިތުރުން ސޭމްގެ ބެލުމުގެ ދަށުން ބައިނަލްއަޤުވާމީ ވަރުގަދަ ސްކައިޑައިވިންގ މުބާރާތްތައް ރާއްޖެއަށް ގެނެވުމަކީވެސް އެޖަމްޢިއްޔާގެ އަމާޒެކެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަމާއެކު ސްކައިޑައިވިންގެ ދަތުރަކީ ކޮންމެ މީހަކަށްވެސް ޝައުގުވެރި އަދި އަބަދުމެ ހަނދާނުގައި ބަހައްޓާ އުފާވެރި ހަނދާނެއްކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ދޭންޖެހޭ ޚިދުމަތްތައް ސޭމްއިން ދޭނެކަމުގެ ޔަގީންކަން އެ ޖަމުޢިއްޔާއިންދެއެވެ. މިގޮތުން މިޚިދުމަތް ދިނުމުގައި ސޭމްގައި ޙަރަކާތްތެރިވަނީ ބައިނަލްއަޤުވާމީގޮތުން ފާހަގަކޮށްލެވޭ ލައިސެންސް އޮންނަ އިންސްޓްރަކްޓަރުންކަމަށް ސޭމްއިން ބުނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މީގެ ސަބަބުން ރަނގަޅު މާކެޓެއް ލިބިގެންދާނެކަމަށް އެޖަމިއްޔާއިން ޤަބޫލުކުރެއެވެ. އަދި މީގެ އިތުރުން މިދާއިރާއިން ދިވެހިން ބިނާކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށާއި، ދެމެހެއްޓެނިވިގޮތެއްގައި މިކަން ކުރުމަށް ބޭނުންވާ ވަޞީލަތް މިއާއެކު ރާއްޖޭގައި ޤާއިމުކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އެޖަމިއްޔާއިން އުއްމީދުކުރެއެވެ. 2020 ވަނަ އަހަރު ވުޖޫދު ވީފަހުން ސޭމްއިންވަނީ ވޭތުވެދިޔަ އަހަރުތަކުގައި ދެފަހަރެއްގެ މަތިން ސްކައިޑައިވްކުރުމުގެ ޙަރަކާތްތައް ރާއްޖޭގައި ކުރިއަށްގެންގޮސްފައެވެ.