ޚަބަރު

ރާއްޖޭގެ ޤައުމީ ތަރިކަ ދުވަހުގެ ގޮތުގައި ސެޕްޓެންބަރު 12 ފާހަގަކުރެއްވުމަށް ނިންމަވައިފި


  • މިގޮތަށް ކަނޑައެޅުއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި

  • ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނަކީ ލިބުނު ކުރިއެރުމެއް

  • މި ދުވަސް ފާހަގަކުރަނީ މި ޤާނޫނު ވުޖޫދުވި ތާރީޚާއި ގުޅުވާފައި

މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ސެޕްޓެންބަރު 12 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޤައުމީ ތަރިކަ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ.

މިގޮތަށް ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ ޤައުމީ ތަރިކަ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރެއްވުމާ ގުޅޭގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާފުޅުގެ މައްޗަށް ރިޢާޔަތް ކުރެއްވުމަށްފަހުގައެވެ.

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ދުވަހެއް ކަޑައެޅުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު ވިދާޅުވީ، މީގެކުރިން އާސާރީ ތަންތަނާއި ތަކެތި ރައްކާތެރިކޮށް ދަމަހައްޓަން ޤައުމީ ފެންވަރެއްގައި އަދި ބައިނަލްއަޤްވާމީ ފެންވަރެއްގައި ކުރަމުން އައި މަސައްކަތްތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ނެތުންކަމުގައެވެ.

އެހެންނަމަވެސް މި ސަރުކާރުން 2019 ވަނަ އަހަރު ސެޕްޓެންބަރު 12 ވަނަ ދުވަހު، ސަގާފީ ތަރިކަ ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް، ޤާނޫނު ނަންބަރ 12/2019 "ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު" ތަސްދީޤުކުރެއްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ކުރިން ނުލިބިއޮތް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންގޮސްފައިވާކަން ހެރިޓޭޖް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ފާހަގަކުރާނަމަ، ސެޕްޓެންބަރު 12 ވަނަ ދުވަސް ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު ވުޖޫދަށް އައި ތާރިޚް، ދިވެހިރާއްޖޭގެ ޤައުމީ ތަރިކަ ދުވަހުގެ ގޮތުގައި ކަނޑައެޅުމަކީ އެންމެ އެކަށީގެންވާގޮތްކަމުގައި ދެކެވަޑައިގަންނަވާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ޤައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ކަނޑައެޅުމަކީ ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ ތަރިކަތައް އަމާނާތްތެރިކަމާއެކު އަދުގެ ޖީލަށާއި، ކުރިއަށް އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމަށާއި މިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެއްކަމަށާއި، އަދި ތަރިކައާމެދު ޝައުޤުވެރިކަން އުފައްދާ އެ ވާހަކަތައް ދެއްކުމަށް ޚާއްސަ ޤައުމީ ތަރިކަ ދުވަހެއް ފާހަގަކުރުމަކީ މުހިންމުކަމެއްކަމުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން މިކަމާ ގުޅޭ ކަރުދާސް ހުށަހަޅުއްވަމުން ވިދާޅުވިއެވެ.