ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް، އާއްމުކޮށްފި


  • މަޤްސަދަކީ ކުށްވެރިންގެ މަޢުލޫމާތު ވަގުތުން ވަގުތައް އަޕްޑޭޓްކޮށް އާންމުކުރުން

  • މިއީ ޖިންސީ އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި ކުރުން މުހިންމު ކަމެއް

  • ޑިޖިޓަލައިޒްކުރުމުގެ މަސައްކަތުގައި ޕީޖީ އޮފީހުން ވަނީ އެހީތެރިކަންދީފައި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ލިސްޓު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެހީތެރިކަމާއެކު ޑިޖިޓަލައިޒްކޮށް ޖެންޑަރ މިނިސްޓްރީން އިފްތިތާހްކޮށްފިއެވެ. މި ލިސްޓަކީ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް ސީ.އެފް.ޕީ.އެސް އިން އަދާހަމަކޮށް ބަލަހައްޓަމުން ގެންދާ ލިސްޓެކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ޑިޖިޓަލް ދަފްތަރު ލިސްޓު ޝާއިއުކޮށްފައިވަނީ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހުއެވެ. މި މަސައްކަތް އިފްތިތާޙުކޮށްދެއްވީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސްގައި ބޭއްވި ހަފްލާގައި ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކުރުމުގެ ހަފްލާގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ، މި ދަފްތަރު ޑިޖިޓަލައިޒްކުރުމުގެ މަސައްކަތަކީ އަދި ފެށުމެއް ކަމަށާއި، މި މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެގޮތުން ޕީ.ޖީ އޮފީހާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއެކު ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އަދި މި ދަފްތަރު ޑިޖިޓަލައިޒް ކުރެވިގެންދިޔުމަކީ އަނިޔާ ލިބިފައިވާ ކުދިންނާއި އެކުދިންގެ ޢާއިލާތަކަށް މުހިންމު މަސައްކަތެއް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައުލޫމާތު ހިމެނޭ ޑިޖިޓަލައިސްޑް ލިސްޓް ޝާއިއުކުރުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ޖެންޑަރ މިނިސްޓްރީއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކޯޓުން ޙުކުމެއް ކުރުމާއެކު، އެޙުކުމާއި ބެހޭ މަޢުލޫމާތު ވަގުތުން ޖެންޑަރ މިނިސްޓްރީއަށް ފޯރުކޮށްދެމުންދާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. ޕީޖީން ވިދާޅުވީ، ޑިޖިޓަލައިސްޑް ދަފްތަރު ލިސްޓް ފަރުމާކޮށްފައިވަނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަންގެ ލަފަޔާއި އިރުޝާދުގެ މަތިންކަމަށެވެ.

ދުނިޔޭގެ ފާހަގަކޮށްލެވޭ ޤައުމުތަކުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ލިސްޓުތައް ހުންނަ ގޮތައް އެކި ފިލްޓަރު ތަކުން ކުށްވެރިންގެ މަޢުލޫމާތު މި ލިސްޓުން ބެލެން ހުންނާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. އަދި މި ޑިޖިޓަލައިސްޑް ލިސްޓުގައި ކުށްވެރިންގެ މަޢުލޫމާތު ތަފާތު 7 ފިލްޓަރަކުން ފިލްޓަރ ކުރެވެން ހުންނާނެކަމަށް އެ އޮފީހުން ވިދާޅުވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ލިސްޓު ޑިޖިޓަލައިޒް ކުރުމުގެ މަޤްޞަދަކީ މީގެކުރިން މެނުއަލްކޮށް އަޅަމުންދިޔަ މަޢުލޫމާތު ލަސްކަމެއްނެތި ވަގުތުން އަދާހަމަކުރުންކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. ހަމައެއާއެކު އާންމުންނަށް ފަސޭހައިން ދަފްތަރުގައި ހުރި މަޢުލޫމާތަށް ވާޞިލްވެވޭނެގޮތް ފަހިކޮށްދިނުމަށްކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ޑިޖިޓަލް ދަފްތަރު ލިސްޓުގައި ހިމެނޭ މީހާ ހުރި ތަން ފިޔަވައި، އެހެން ހުރިހާ މަޢުލޫމާތުތަކަކީ ޕީޖީ އޮފީހުން ފޯރުކޮށްދިނުމުން، ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް އިން ޝާއިޢުކުރާ މަޢުލޫމާތުކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ. ހަމައެއާއެކު ޕީ.ޖީ އޮފީހުން ފޯރުކޮށްދޭ މަޢުލޫމާތު ބިނާވާނީ ޝަރުޢީ ކޯޓަކުން ނިންމާ ޙުކުމްގެ މައްޗަށް ކަމަށް ޖެންޑަރ މިނިސްޓްރީން ފާހަގަކުރެއެވެ. ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، ކުށްވެރިންގެ މަޢުލޫމާތުތަކާއެކު ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުމަކީ ޖިންސީ އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި ކުރުން މުހިންމު ކަމެއްކަމަށެވެ.