ޚަބަރު

ކެންދޫ ސްކޫލަށް އިތުރުކުރި ކްލާސްރޫމްތަކާއެކު ކިޔެވުން އެއް ދަންފަޅިއަށް


  • ސްކޫލަށް އިތުރުކޮށްފައިވަނީ 8 ކްލާސްރޫމް

  • ސްކޫލުގައި 252 ކުދިން ތައުލީމް ހާސިލްކުރޭ

  • ގްރޭޑް 10 އަކާއި ހަމައަށް މިސްކޫލުގައި ކިޔަވައިދޭ

ބ. ކެންދޫ ސްކޫލަށް އިތުރުކުރި އައު ކްލާސްރޫމްތަކާއެކު އެސްކޫލްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކޮށްފިއެވެ.

ކެންދޫ ސްކޫލުގައި ސަރުކާރުން ވަނީ އައު 8 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލެއް ޢިމާރާތްކޮށްދެއްވާފައެވެ. މިއަދު ކެންދޫ ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެސްކޫލް އައު ކްލާސްރޫމްތަކާއި މަލްޓިޕަރޕަސް ހޯލް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީއެވެ.

ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދޭ މިސްކޫލުގައި 252 ކުދިން ތައުލީމް ހާސިލްކުރަމުންދެއެވެ. ކެންދޫ ސްކޫލަށް އިތުރު ކުރެވުނު 8 ކްލާސްރޫމާއެކު ސްކޫލުގައި މިހާރު 16 ކްލާސް ރޫމް ހުންނާނެއެވެ.

އަލަށް ތަރައްޤީކުރާ ހުރިހާ ސްކޫލަކީ އެއްދަންފަޅިއަށް ހިންގާ ސްކޫލްތަކުގެ ގޮތުގައި ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ނިންމަވާފައެވެ. އެއްދަންފަޅިއަށް ކިޔަވައިދޭ އުސޫލުގެ ދަށުން ކުދިންނަށް ސްކޫލުގެ ސެޝަން ފެށެނީ ހެނދުނު 8 ޖަހާއިރުއެވެ. އަދި ސްކޫލްގެ ހުރިހާ ހަރަކާތެއް މެންދުރުފަހު 2 ޖަހާއިރަށް ނިންމާލައެވެ. އަދި ސްކޫލްގައި ބޮޑު އިވެންޓެއް ނެތްނަމަ ހަފްތާ ބަންދާއި ރޭގަނޑުގެ ގަޑިތައް ކުދިން ހޭދަކުރާނީ ގޭގައެވެ.

މިއަހަރުގެ ދިރާސީ އައު އަހަރާއެކު މާލެ ސަރަޙައްދުގައި އަލަށް ކިޔަވައިދޭން ފެށި 4 ސްކޫލްގައިވެސް ކިޔަވައިދެނީ އެއް ދަންފަޅިއަށެވެ. އަތޮޅުތެރޭގެ ގިނަ ސްކޫލްތައްވެސް މިހާރުވަނީ އެއްދަންފަޅިއަށް ބަދަލުކޮށްފައެވެ. މިސަރުކާރުންވަނީ 30 ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކޮށް ކިޔަވައިދޭން ފަށާފައެވެ.