ޚަބަރު

ކުޅިވަރު އެސޯސިއޭޝަންތަކަށް މާލީ ބާރުވެރިކަން ލިބޭގޮތް ހެދުމަކީ ޑރ. މުޢިއްޒުގެ މުހިއްމު ސިޔާސަތެއް


  • ކުޅިވަރު އެސޯސިއޭޝަންތަކަށް މާލީ ފުދުންތެރިކަމެއް ނެތް

  • ގިނަ އެސޯސިއޭޝަންތަކުން ހަމައެކަނި ސަރުކާރުންދޭ ފައިސާއަކުން ހަމަޖައްސަނީ

  • ޤާނޫނަށް އިސްލާޙެއް ގެންނަން ޑރ.މުޢިއްޒުގެ ސަރުކާރުން މަސައްކަތްކުރަނީ

ކުޅިވަރު އެސޯސިއޭޝަންތައް އަމިއްލަ ފައިމައްޗަށް ތެދުވެ، ސަރުކާރުގެ މާލީ އެހީއަށް ބަރޯސާނުވެ ކުޅިވަރުތައް ކުރިއެރުވުމުގެ މަގުފަހިކޮށްދިނުމަކީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމްގެ ދިވެހީންގެރާއްޖެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ، އައު ސަރުކާރުގެ ކުޅިވަރުގެ ސިޔާސަތުތައް ކަނޑައަޅާފައިވަނީ ކުޅިވަރު ދާއިރާގައި ޙަރަކާތްތެރިވާ އެކި ފަރާތްތަކުގެ މަޝްވަރާގެ މަތިންކަމަށެވެ.

އެގޮތުން ގިނަ ބަޔަކު ފާހަގަކުރި އެއްކަމަކީ ސަރުކާރުގެ މާލީ އެހީއަށް މަދު ކްލަބެއް ފިޔަވާ ހުރިހާ ކްލަބް ޖަމްޢިއްޔާއާއި، އެސޯސިއޭޝަންތައް ބަރޯސާވާންޖެހޭ ޖެހުމެވެ. ނަތީޖާއެއްގެ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދެމިލެވޭވަރުގެ ކްލަބްތައް ރާއްޖޭގައި މަދުވުމުގެ ސަބަބުން ކުޅިވަރުގެ ދާއިރާ ކުރިއެރުމަށް ހުރަސް އެޅިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އެންމެ މުހިއްމު އެއް ސިޔާސަތަކީ ކްލަބް ޖަމިއްޔާތަކުގެ ޤާނޫނާއި، މިހާރު މިއޮތް ކުޅިވަރުގެ ޤާނޫނަށް ރިޢާޔަތްކޮށްފައި އަޅުގަނޑުމެން ކުރިއަށް އޮތްތާނގައި އިސްލާޙެއް އެބަގެންނަން ޤައުމީ އެސޯސިއޭޝަންތަކަށް ވިޔަފާރި އުސޫލުން ކަންތައްތަކެއް ކުރުމުގެ އިޚްތިޔާރެއްގެ. އޭގެ މާނައަކީ އެބޭފުޅުންނަކީ އެސެޓްތަކެއްގެ ބެލެނިވެރި ފަރާތަކަށް ހެދުން." މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވިއެވެ.

ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖޭގައި ޙަރަކާތްތެރިވާ ގިނަ ކުޅުންތެރިންނަކީ ޕްރޮފެޝަނަލް ކުޅުންތެރިން ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބީ ސެމީ ޕްރޮފެޝަނަލް ކުޅުންތެރިންކަން ފާހަގަކުރައްވާ މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ، ރާއްޖެގެ ގިނަ ކުޅުންތެރިންނަކީ އިތުރު ވަޒީފާއެއް އަދާކޮށްފައި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށްފަހު ލިބޭ ވަގުތުގައި ޕްރެކްޓިސްއަށް ގޮސްގެން ބޭރުގެ ބޮޑެތި ޤައުމުތަކުގެ ކުޅުންތެރިންނާއި ވާދަކުރާ ބައެއްކަމަށެވެ.

"އަޅުގަނޑުމެންގެ ޤައުމުން ގޮސް ބޮޑެތި ޤައުމުތަކާއި ވާދަކުރާއިރު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ، އަޅުގަނޑުމެންގެ ކުއްޖާ އަންނަނީ ހެނދުނު އޮފީހަށް ގޮސްފައި، ހަވީރު ދުވެފައި ޕްރެކްޓިސްއަށް ގޮސްފައި، އެނާއަށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭކަށްނެތް ކުޅިވަރުން ލިބޭ އެއްޗަކުން އެކަނި." ޕީއެންސީގެ ނައިބު ރައީސް ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ ކުޅިވަރުގެ ސިޔާސަތުގެ ދަށުން ޤައުމީ އެތްލީޓުންގެ މުސާރަ ބޮޑުކުރުމާއެކު އެ އެތްލީޓުންގެ ޤައުމީ ޚިދުމަތުގެ އަގު ދެމެހެއްޓެނިވި ގޮތެއްގައި ވަޒަންކުރެވޭނެ ހަރުދަނާ އިންތިޒާމެއް ޤާއިމުކުރުމުގެ މަޤްސަދުގައި ޚާއްޞަ އިންސެންޓިވްސް ސްކީމެއް ތަޢާރަފުކުރުމަށްވަނީ ނިންމަވާފައެވެ. މީގެ ދަށުން އެތްލީޓުންނަށް އެތްލީޓުންގެ ޓްރެއިނިންގގެ ކަންކަން ހަމަޖެއްސުމާއި އަނިޔާލިބޭ ޙާލަތްތަކުގައި ބޭނުންވާ ފަރުވާ ހަމަޖެއްސުމުގެ ކަންކަން ހަމަޖެހޭނޭ ނިޒާމެއް ޤާއިމުކުރުމަށްވަނީ ނިންމަވާފައެވެ.