ޚަބަރު

އެމެރިކާގެ ނޭވަލް އެކެޑަމީއިން ހިންގާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


  • މިއީ 4 އަހަރުގެ ބެޗްލާސް ޑިގްރީ ފެންވަރުގެ ކޯހެއް

  • ކޯސް ފަށާނީ ޖޫން 2024 ގައި

  • އޭލެވެލް ފުރިހަމަކޮށްފައިވާ ފަރާތަކަށް ވާންޖެހޭ

  • 2024 ޖުލައި 1 އަށް 23 އަހަރު ނުފުރޭ ފަރާތަކަށްވާންޖެހޭ

އެމެރިކާގެ ނޭވަލް އެކެޑަމީގައި ހިންގާ "ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ، ކުލާސް އޮފް 2028" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.

މި ކޯހަކީ 2024 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 4 އަހަރުގެ މުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ މި ކޯހެކެވެ.

މި ކޯހުގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އޭލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ އޭލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއައްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ފަރާތެއްކަމުގައިވުން ހިމެނެއެވެ. އަދި ހަށިހެޔޮކަމުގެ އިމްތިހާނުން ފާސްވެފައިވާ އަދި ނަފުސާނީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތެއްކަމުގައިވާންޖެހޭނެކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.

ހަމައެހެންމެ މި ކޯހުގައި ބައިވެރިވެވޭނީ 2024 ޖުލައި 1 އަށް 23 އަހަރު ނުފުރޭ އަދި ޒަވާޖީ ހަޔާތެއް ފަށާފައިނުވާ ފަރާތަކަށްކަމަށްވެސް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.

މިކޯހަކީ ބެޗްލަރސް ޑިގްރީ ފެންވަރުގެ ކޯހެކެވެ. ކޯހުގައި ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި، އެއޮރޮސްޕޭސް އިންޖިނިއަރިންގ، ކޮމްޕިއުޓަރ ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އިލެކްޓްރިކަލް އިންޖިނިއަރިންގ، އޯޝަންގްރޮފީ، ނޭވަލް އާކިޓެކްޗަރ ހިމެނެއެވެ. އަދި ފިޒިކްސް، ކެމިސްޓްރީ، ސައިބަރ އޮޕަރޭޝަން، އިކޮނޮމިކްސް، ސައިންސް، މެތަމެޓިކްސް، އޮޕަރޭޝަން ރިސަރޗް، އަދި ޕޮލިޓިކަލް ސައިންސްފަދަ ދާއިރާތައް ހިމެނެއެވެ.

މި ކޯސް ފުރިހަމަ ކުރުމުން، އެމް.އެން.ޑީ.އެފްގެ އޮފިސަރެއްގެ މަޤާމު ލިބިގެންދާނެއެވެ.

މި ކޯހަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން، ކޯސް އެޕްލިކޭޝަން ފޯމް ފުރުވުމަށް ފަހު، މިމަހުގެ 9 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން އެމް.އެން.ޑީ.އެފް ބަންޑާރަކޮށްޓަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ. އަދި އީމެއިލް މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.