ޚަބަރު

ޔުޓިލިޓީ ކުންފުނިތަކުގައި މާލީ ބޮޑެތި މައްސަލަތަކެއް، ދަރަނި 9 ބިލިއަނުގައި


  • ފެނަކައިގެ ޖުމްލަ ދަރަނި 4.1 ބިލިއަން ރުފިޔާއަށް އަރާ

  • ޔުޓީލިޓީ 4 ކުންފުނީގައިވެސް މާލީ ބުރަ ބޮޑު

  • ވެމްކޯ ހިންގަމުން އަންނަނީ ގެއްލުމުގައި

ދައުލަތުގެ ޔުޓިލިޓީ ކުންފުނިތަކުގެ ދަރަނި 9 ބިލިއަނަށް އަރާކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެއްޖެއެވެ. އެ ކުންފުނިތަކަކީ ފެނަކަ، ވެމްކޯ، ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީއެވެ.

ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށް އުފައްދާފައިވާ ޓްރާންސިޝަނަލް ކޮމިޓީތަކުން ވަނީ ސަރުކާރުގެ ވުޒާރާތަކާއި އެކިއެކި އިދާރާތައް ހިމެނޭގޮތަށް 77 އިދާރާއެއްގެ 77 ރިޕޯޓް ތައްޔާރުކުރައްވާފައެވެ. އޭގެރެއިން ޔުޓިލިޓީ ކުންފުނިތަކުން ފާހަގަކުރެވުނު ކަންކަމުގެ މަޢޫލޫމާތު، އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ތަފްސީލްކޮށްދެއްވާފައެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު ކަންބޮޑުވާ ކަންތައްތަކުގެ ގޮތުގައި، ކުންފުނިތަކުގެ ދަރަނީގެ ޙާލަތާއި، މާލީ އަދި އިދާރީ ހިންގުމުގެ ހަރުދަނާކަން ނެތުމާއި، މައި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކުންފުނިތައް، ދަޢުލަތަށް ބުރަޔަކަށްވެފައިވުން ހިމެނެއެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ ކުންފުނިތަކުގެ ހިންގުމާއި ދަރަނީގެ ހާލަތުގެ ތެރެއިން އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ކުންފުންޏަކީ، ފެނަކަ ކޯޕަރޭޝަންކަމަށެވެ. ފެނަކައަކީ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް އަތޮޅުތަކުގައި ފޯރުކޮށްދޭ މައި ކުންފުންޏެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން ފާހަގަކުރެއްވި ގޮތުގައި، 2022ގެ ނިޔަލަށް ފެނަކައިގެ ޖުމްލަ ދަރަނި 4.1 ބިލިއަން ރުފިޔާއަށްއަރައެވެ. މީގެތެރެއިން 3.2ބިލިއަން ރުފިޔާއަކީ މަސައްކަތް ކުރުވާފައި އެކިއެކި ސަޕްލަޔަރުންނާއި ކުންފުނިތަކަށް ނުދީ ހުރި ފައިސާއެވެ. އަދި ލޯނުތަކަށް އަދާކުރަންޖެހޭ 901 މިލިއަން ރުފިޔާގެ ދަރަނި އެބައޮތެވެ.

އިންތިޚާބީ އޮފީހުން ވިދާޅުވީ، އެކިއެކި ކުންފުނިތަކާއި ސަޕްލަޔަރުންލައްވާ މަސައްކަތް ކުރުވުމަށްފަހު، އަގު އަދާނުކުރާ 1149 ކުންފުނި އެބައޮތްކަމަށެވެ. ނަމަވެސް އެ ކުންފުނިތަކުގެ މަޢުލޫމާތު ފެނަކައިން ޙިއްސާކޮށްފައި ނުވާކަމަށް ތަރުޖަމާނު ފިރުޒުލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ފައިސާ ދައްކަންޖެހޭ މުއްދަތު ފާއިތުވެ 1 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކުންފުނިތަކަށް އަދާކުރަންޖެހޭ ދަރަނީގެ އަގު 958 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.

މީގެ އިތުރުން ކުރު މުއްދަތެއްގައި ފެނަކައިގެ މުވައްޒަފުންގެ ޢަދަދަށް އައިސްފައިވާ ބަދަލުވެސް ފިރުޒުލް ފާހަގަކުރެއްވިއެވެ. 2018ވަނަ އަހަރު ނިމުނުއިރު ފެނަކައިގައި ތިބި މުވައްޒަފުންގެ ޢަދަދަކީ 2756 މުވައްޒަފުންނެވެ. ނަމަވެސް މިހާރު މުވައްޒަފުންގެ ޢަދަދު 8126އަށްވަނީ އިތުރުކޮށްފައެވެ. މިއަހަރުގެ މަރޗްމަހުގެ ފަހުން މި ހޭދަވި މުއްދަތުގައި އެކަނިވެސް 747 މުވައްޒަފުން ފެނަކައަށް އިތުރުކޮށްފައިވާކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވިއެވެ.

2018ވަނަ އަހަރު އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައަށް މަހަކު ޚަރަދުކުރީ 23 މިލިއަން ރުފިޔާ ނަމަވެސް، މިހާރު މުވައްޒަފުންގެ މުސާރައަށް އެކަނި މަހަކު 82 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ.

"ބަޖެޓު ފާސްކުރުމުގައި ހިފަހަންޓަންޖެހޭ މިންގަނޑު ފެނަކައިން ހިފެހެއްޓިފައި ނެތް. 2022ވަނަ އަހަރަށް ފާސްކުރި ޖުމްލަ ބަޖެޓުގެ 1.6ބިލިއަން އެއީ ޑެފެސިޓް ދަރަނި. 2023ގައިވެސް 960 މިލިއަން ރުފިޔާގެ ދަރަނި ދައްކަން ހިމެނި. ދަރަނި އަދާކުރަން ކުރާނެ ކަންކަން ހިމަނާފައެއް ނެތް. އޭގެފަހުންވެސް ގިނަ މުވައްޒަފުންތަކެއް ނަގާ، މަޝްރޫޢުތައް ހިއްގާފައިވާގޮތުން ދަރަނި އެހާ ބޮޑުވީ." ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ މި ޙާލަތަށް ކުންފުނި ދިއުމުންވެސް، ބޮޑެތި އިންޓްރެސްޓްގައި ލޯނުތައް ނަގާކަން ފާހަގަކުރެވިފައިވާކަމަށެވެ. މީގެ ސަބަބުން ދަރަންޏާއި މާލީ ބުރަ ބޮޑުވެ، ކޮންމެ އަހަރަކު ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ފެނަކައަށް ޚަރަދު ކުރަންޖެހޭކަމަށް ފިރުޒުލް ވިދާޅުވިއެވެ. މީގެސަބަބުން ކުންފުނީގެ ޚަރަދުތައް ވަރަށް ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ އެ ކުންފުނީގެ 2022 ވަނަ އަހަރުގެ މާލީ ޙާލަތާ ގުޅޭ އޮޑިޓް ފުރިހަމަކޮށްފައިނުވާކަމަށެވެ. އަދި 2023ވަނަ އަހަރުގެ މާލީ ހިސާބުތައްވެސް އެ ކުންފުނިން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ކޮމިޓީއާއި ޙިއްސާކޮށްފައި ނުވާކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.

ސްޓެލްކޯއަށް ބަލާއިރު، އެކުންފުނީގެ ދަރަނި 3.7 ބިލިއަން ރުފިޔާއަށް އަރައެވެ. ފިރުޒުލް ވިދާޅުވީ ސްޓޭލްކޯއަކީ ފައިދާވާ ކުންފުންޏަކަށްވުމާއެކު، ކުންފުނީގެ މާލީ ޙާލަތު އެވަރެޖްކޮށް ރަނގަޅުކަމަށެވެ. މި ޙާލަތު އޮތް ނަމަވެސް 2024ވަނަ އަހަރު އެ ކުންފުނިން ދަރަނީގެ ގޮތުގައި 185 މިލިއަން ރުފިޔާގެ ދަރަންޏެއް އަދާކުރަން އޮތްކަން ފާހަގަކުރެއްވިއެވެ.

އެ ކުންފުނީގައިވެސް މުވައްޒަފުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. 2018ވަނަ އަހަރު ނިމުނުއިރު ސްޓެލްކޯގައި 928 މުވައްޒަފުން ތިބިނަމަވެސް، މިހާރު އެކުންފުނީގައި 1688 މުވައްޒަފުން މަސައްކަތްކުރެއެވެ. މީގެތެރެއިން 400 މުވައްޒަފުންނަކީ މިއަހަރުގެ ތެރޭގައި ވައްދާފައިވާ މުވައްޒަފުންނެވެ. އިންތިޚާބަށް ފަހުވެސް އެ ކުންފުންޏަށް 42 މުވައްޒަފުން ނަގާފައިވާކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.

އެމްޑަބްލިއުއެސްސީގެ ދަރަނި ހުރީ 1.4 ބިލިއަން ރުފިޔާގައެވެ. އޭގެތެރޭގައި ސަޕްލަޔަރުންނަށް ދައްކަންޖެހޭ 137 މިލިއަން ރުފިޔާއާއި، އެކިއެކި ކްރެޑިޓަރުންނަށް ދައްކަންޖެހޭ 822 މިލިއަން ރުފިޔާ އަދި ލޯނުތަކަށް ދައްކަންޖެހޭ 493 މިލިއަން ރުފިޔާ ހިމެނެއެވެ.

ވެމްކޯގައި 226 މިލިއަން ރުފިޔާގެ ދަރަންޏެއް އޮތްކަމަށް އިންތިޚާބީ ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި އަހަރުން އަހަރަށް ކުންފުންޏަށް ލިބޭ ގެއްލުން ބޮޑުވެ، ކޮންމެ އަހަރަކު ސަރުކާރުން އެ ކުންފުންޏަށް ޚަރަދުކުރަންޖެހޭކަން ފާހަކުރައްވާފައިވެއެވެ.

ކުންފުނިތަކުގެ ޚާލަތު ދެނެގަނެ، ކުންފުނިތައް ކޮޅަށް ޖެހުމަށް ކުރަންޖެހޭ މަސައްކަތުގެ ޕްލޭންގެ މަސައްކަތްތައް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ފަށްޓަވާފައެވެ.