ޚަބަރު

ބަޖެޓް 2024: ޚަރަދުތައް ކުޑަވާނެކަމަށް ލަފާކޮށް އާސަންދައަށް 1.9 ބިލިއަން ރުފިޔާ


  • އާސަންދަ ޚަރަދުތައް މުރާޖާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން

  • ބޭހަށް ކުރާ ހޭދަ ކުޑަކުރެވޭނެކަމަށް ލަފާކުރޭ

  • އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަނީ ބޭހަށް

އާސަންދައަށް އަންނަ އަހަރު ބަޖެޓުން ހޭދަކުރާނެ ނިސްބަތް ފާއިތުވި ދެ އަހަރަށްވުރެ ކުޑަވާނެކަމަށް ލަފާކޮށް، އާސަންދައަށް ކަނޑައަޅާ ބަޖެޓު ކުޑަކޮށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ 2024 ވަނަ އަހަރުގެ ބަޖެޓުގައި އާސަންދައިގެ ޚަރަދަށް 1.9 ބިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ. މިއީ މިއަހަރުގެ ބަޖެޓަށްވުރެ 13 އިންސައްތަ ކުޑަ ޢަދަދެކެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި މިނިސްޓްރީ އޮފް ފިނޭންސްއިން ވަނީ އާސަންދައަށް ކުރާ ހޭދައިގެ ތަފްޞީލު ހާމަކުރައްވާފައެވެ. ފިނޭންސް މިނިސްޓްރީއިން ވިދާޅުވީ، އާސަންދައަށް ކުރާ ހޭދަ އެކަށީގެންވާ ގޮތުގައި މެނޭޖްކޮށް އިސްރާފުކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް މިދިޔަ އަހަރުން ފެށިގެން މަސައްކަތް ފަށާފައިވާކަމަށެވެ.

އެހެންނަމަވެސް މީގެ ތެރެއިން ބަލްކް ޕްރޮކިއުމަންޓްގެ އުޞޫލުން ބޭސް ގެނައުމަށް ކުރަންޖެހޭ ބައެއް މަސައްކަތްތައް ތަންފީޒުނުކުރެވި ހުރުމުގެ ސަބަބުން 2023 ގެ އާސަންދައިގެ ބަޖެޓު، ލަފާކުރި ޢަދަދަށްވުރެ އިތުރުވެފައިވާކަން މިނިސްޓްރީން ފާހަގަކުރައްވައެވެ. އަދި ކޯވިޑް-19 އަށްފަހު އިމަރޖެންސީ ނޫން ޙާލަތުގައި ހޯދާ ބޭސްފަރުވާގެ ނިސްބަތް އިތުރުވެފައިވުމަކީވެސް އާސަންދައިގެ ޚަރަދު މިދިޔަ 2 އަހަރުގެ ތެރޭގައި އިތުރުވީ ސަބަބެއްކަމަށް ފިނޭންސް މިނިސްޓްރީއިން ވިދާޅުވެއެވެ.

ޕޫލްޑް ޕްރޮކިއުމަންޓާއެކު ބޭހުގެ އަގުދަށަށް ދާނެކަމަށް ލަފާކުރެވޭ!

އާސަންދަ މުރާޖާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ބަލްކް ޕްރޮކިއުމަންޓް އުޞޫލު މިހާރު ތަންފީޒުކުރަން ފެށުމާއެކު ބޭހަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަކުރެވޭނެކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ. ހަމައެއާއެކު ބޭނުންވާ މިންވަރަށްވުރެ ގިނައިން އާސަންދަ ލިބޭ ޚިދުމަތްތައް ބޭނުންކުރުން ކުޑަކުރުމަށް ހުށައަޅާ ސިޔާސަތުތަކާއެކުވެސް އާސަންދައިގެ ޚަރަދުތައް ކުޑަކުރެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރައްވައެވެ.

އާސަންދައަށް ކުރާ ޚަރަދު އެވްރެޖްކޮށް ކުޑަވާނެކަމަށް އަންދާޒާކޮށް، ފިނޭންސް މިނިސްޓްރީން ވަނީ ވޭތުވެދިޔަ 2 އަހަރަށްވުރެ ކުޑަ ބަޖެޓެއް އަންނަ އަހަރަށް ލަފާކޮށްފައެވެ. އެގޮތުން ހިނގަމުންދާ 2023ގެ ބަޖެޓަށްވުރެ 13.3 އިންސައްތަ ކުޑަ ބަޖެޓެއް ކަނޑައަޅާ 1.9 ބިލިއަން ރުފިޔާގެ ބަޖެޓެއް އާސަންދައަށް ވަނީ ހިމަނާފައެވެ.

ފިނޭންސް މިނިސްޓްރީއިން ވިދާޅުވީ، އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަނީ ބޭހަށްކަމަށެވެ. އެގޮތުން އާސަންދައިން ބޭސްފަރުވާއަށް ކުރާ ހޭދައިގެ 50 އިންސައްތަ ޚަރަދުކުރަނީ ބޭހަށެވެ. އެއީ އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 600 މިލިއަން ރުފިޔާއާއި ގާތްކުރާ ޢަދަދެއްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ބޭހަށް ކުރާ ހޭދަ ކުޑަކުރުމަށް ބަލްކް ޕްރޮކިއުމަންޓް އުޞޫލުގެ ދަށުން ބޭސް ހޯދުމުގެ ސިޔާސަތު ތަންފީޒުކުރުން ލަސްވީނަމަވެސް މިހާރު އެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގެ އާބާދީ ކުޑަވުމުގެ ސަބަބުން ބޭހަށް އޯޑަރު ކުރާ ނިސްބަތް އެހެން ޤައުމުތަކާއި އަޅާބަލާއިރު ބޮޑުތަނުން ކުޑަވުމަކީ ރާއްޖެއަށް އެތެރެކުރާ ބޭހުގެ އަގު ބޮޑުވެފައިވާ މައިގަނޑު ސަބަބުކަމަށެވެ. އެހެންކަމުން ބޭސް އެތެރެކުރާ ފަރާތްތަކަށް ލިބޭ ވޮލިއުމް ޑިސްކައުންޓް ނުލިބުމާއި، ބޭސް އެތެރެކުރާ ނިސްބަތް މަދުވުމުގެ ސަބަބުން ސީދާ ބޭސް އުފައްދާ ފަރާތާއި މުޢާމަލާތު ނުކުރެވި އިތުރު ޕާޓީއެއް މެދުވެރިކޮށް ބޭސް އެތެރެކުރަންޖެހުމަކީވެސް ބޭސް އަގުބޮޑުވާ ސަބަބެކެވެ.

މިކަންކަން ޙައްލުކުރުމަށް ސަރުކާރުން އަންނަނީ ޕޫލްޑް ޕްރޮކިއުމަންޓް އުޞޫލުގެ ދަށުން ބޭސް އެތެރެކުރާ ހުރިހާ ފަރާތެއް ގުޅިގެން ބޭހަށް އޯޑަރުކުރާގޮތަށް ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.