އަތޮޅުތައް

ފަރެސްމާތޮޑާ ބަނދަރުހަދައި މަޑަވެލި-ހޯޑެއްދޫ ކޯޒްވޭއަކުންގުޅާލަނީ


ސަރުކާރުން ހިންގަވާ ތަރައްޤީގެ ބޮޑު ދެ މަޝްރޫޢެއްގެ މަސައްކަތް ހައުސިންގ މިނިސްޓްރީން މިއަދު އެމްޓީސީސީއާ ޙަވާލުކުރައްވައިފިއެވެ.

ހައުސިންގ މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ޙަވާލުކުރެއްވި އެއް މަޝްރޫޢަކީ، ގދ. ފަރެސްމާތޮޑާ ބަނދަރުހެދުމުގެ މަޝްރޫޢުއެވެ. އަނެއް މަޝްރޫޢަކީ، ގދ. މަޑަވެލި- ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢެވެ. މި މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.

ގދ. ފަރެސްމާތޮޑާ ބަނދަރުހެދުމުގެ މަޝްރޫޢަކީ، އެރަށުގައި މިހާރު އޮތް ބަނދަރުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީ އާއި ބަނދަރު ތިލަވެ އުޅަނދުފަހަރު ގެންގުޅުމަށް ދަތިތައް ކުރިމަތިވާތީ މިކަންކަން ޙައްލުކުރައްވައި ތަނަވަސް ފަސޭހަ ބަނދަރަކަށް އެރަށުގެ ބަނދަރު ހެއްދެވުމަށް ހިންގަވާ މަޝްރޫޢެކެވެ. ފަރެސްމާތޮޑާ ބަނދަރު ބޮޑުކުރުމުގެ އެއްބަސްވުމުގެ ދަށުން 62 މީޓަރު ސިމެންތި ބަސްތާ ބޭރުތޮއްޓެއް ޖެހުމާއި، 153 މީޓަރުގެ ކޮންކްރީޓް ބޮލޮކް އެއްގަމު ތޮއްޓެއް ލުން ހިމެނެއެވެ. އަދި ބަނދަރު ސަރަހައްދުގައި ބައްތިޖެހުމާއި، އެއްގަމު ތޮއްޓާއި އިންވެގެން ޕޭވްމަންތެއް ހެދުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ބަނދަރުތެރެ ތިލަވެފައިވާސަރަހައްދުތައް 3 މީޓަރު ފުނަށް ކޮނުމަށްވެސް ހަމަޖެހިފައިވެއެވެ. މިއީ 13.2 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް ނިންމުމަށް އެއްބަސްވެވިފައިވަނީ 150 ދުވަހުގެތެރޭގައެވެ.

ގދ. ފަރެސް މާތޮތާއަކީ1771  ގެ އާބީއެއް އޮންނަ، މަސްވެރި ރަށެކެވެ. އެރަށުގައި މަހައްދާ 12 އުޅަނދު އޮވެއެވެ. އަދި މާލެ ދަތުރުކުރާ 2 އުޅަނދު އޮވެއެވެ.

އެމްބީސީސީ އާއި ހައުސިންގ މިނިސްޓްރީއާ ދެމެދު. ގދ މަޑަވެލި-ހޯޑެއްދޫއާ ދެމެދު ކޯޒްވޭއެއް ހެދުމާ ބެހޭގޮތުން ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން ހައްދަވަން ހަމަޖެހިފައިވަނީ 7 މީޓަރ ފުޅާ 440 މީޓަރ ދިގު ކޯޒްވޭއެކެވެ. އަދި ކޯޒްވޭގެ ފެންދައުރުކުރުމަށް ކޮންކްރީޓް ކަލްވާރޓްރައް ހެދުމާއި، މަޑަވެލިން 3.5 ހެކްޓަރ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތަށް 29 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނަޑައަޅުއްވާފައެވެ. މި މަސައްކަތް ނިންމުމަށް، އެއްބަސްވުމުގައި ކަނޑައެޅިފައިވަނީ 300 ދުވަހެވެ. މަޑަވެއްޔާއި ހޯޑެއްދުއާ ދެރަށަކީވެސް ތިލަ އެއްފަޅަކުން ގުޅިފައިވާ ދެރަށެވެ.

ފަރެސް-މާތޮޑާ ބަނދަރުހެދުމުގެ އެއްބަސްވުމުގައިވެސް އަދި ގދ. މަޑަވެލި-ހޯޑެއްދޫ ކޯޒަވޭގެ އެއްބަސްވުމުގައި އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ މުޙައްމަދު ފަސީޙްއެވެ.

މި ދެމަޝްރޫޢަކީވެސް އެއާ ގުޅިފައިވާ ތަރައްޤީގެ އަދި ރައްޔިތުންނަށް ފަސޭހަ ކަންތައްތަކެއް ހިމެނިފައިވާ 2 މަޝްރޫޢުކަން މިނިސްޓަރ އޮފް ހައުސިން އެންޑް އިންފަރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ފަރެސް-މާތޮޑާ ބަނދަރުހެދުމުގެ އެއްބަސްވުމުގައިވެސް އަދި ގދ. މަޑަވެލި-ހޯޑެއްދޫ ކޯޒަވޭގެ މަޝްޜޫޢަކީވެސް ސަރުކާރުގެ ބަޖެޓުން ހޭދަކުރައްވައިގެން، ރައްޔިތުންގެ މަންފާއަށްޓަކައި ހިންގަވާ ދެމަޝްރޫޢެވެ.