ޚަބަރު

ޑރ.މުޢިއްޒުގެ ޢަމާޒަކީ އަންނަ އަހަރުގެ މުޅި ބަޖެޓު 49 ބިލިއަން ފަހަނައަޅާ ނުދިއުން


  • އަންނަ އަހަރަށް ކަނޑައަޅާފައިވަނީ 49.5 ބިލިއަންގެ ބަޖެޓެއް

  • އަންނަ އަހަރު ސަޕްލިމަންޓްރީ ބަޖެޓެއް ހުށައެޅުމުގެ ވިސްނުމެއް ނެތް

  • ޚަރަދު ކުޑަކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ، އަންނަ އަހަރުގެ ދަޢުލަތުގެ ބަޖެޓު 49 ބިލިއަން ރުފިޔާ ފަހަނައަޅާ ނުދާނެގޮތަކަށް ސަރުކާރުގެ މަސައްކަތްތައް ބައްޓަންކުރެއްވުން ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ހާމަކުރައްވައިފިއެވެ.

އަންނަ އަހަރަށް ދަޢުލަތުން ލަފާކުރާ ބަޖެޓުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން، ރައްޔިތުންގެ މަޖިލީހަށް ފާސްކުރުމަށް ހުށައަޅުއްވާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓު ހުށައެޅުއްވުމުގެ ކުރިން ފިނޭންސް މިނިސްޓްރީން އާއްމުކުރެއްވި ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގައިވަނީ 2024ވަނަ އަހަރަށް ކަނޑައަޅާ ބަޖެޓުގެ އަންދާޒާއަކީ 50.6 ބިލިއަން ރުފިޔާކަމަށެވެ. އެއީ ބޭސްލައިން ޚަރަދާއި، ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ސަލާމަތްކުރެވޭނެ ޢަދަދުތަކާއ،ި ބަޖެޓުގައި ހިމަނާ އައު މަޝްރޫޢުތަކާއި ޕްރޮގްރާމްތަކަށް ބަލައިގެންނެވެ.

ނަމަވެސް ހޯމަދުވަހުު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށައަޅުއްވާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ، 2024ވަނަ އަހަރަށް ބަޖެޓު ފަރުމާކުރިއިރު، އައު ސަރުކާރަށް ލިބުނީ ހަނި ފުރުޞަތެއްކަމަށެވެ. ނަމަވެސް އެފުރުޞަތުގައިވެސް އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ އިރުޝާދު ދެއްވީ ދަޢުލަތުން ޚަރަދުކުރުމުގައި އިތުރަށް ސަމާލުވެ ޚަރަދުކުޑަކުރެވޭނެ ގޮތްތަކަށް ބަޖެޓު ބައްޓަންކުރެއްވުމަށްކަމަށެވެ.

ފިރުޒުލް ވިދާޅުވީ ދަޢުލަތުގެ ބަޖެޓު 49 ބިލިއަން ފަހަނަ އަޅާ ނުދިއުމަކީ އެމަނިކުފާނުގެ ޢަމާޒުކަމަށެވެ. މިގޮތަށް ނިންމަވާފައިވަނީ، ރާއްޖެއިން އަދާކުރަންޖެހޭ ދަރަނިތައް ހުރުމާއެކު، މެދު ރާސްތާގައި ރާއްޖޭގެ މާލީ ޙާލަތަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ރިޢާޔަތްކުރައްވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"49.5ގެ ބަޖެޓެއް ހުށައެޅިނަމަވެސް އެމަނިކުފާނުގެ ވިސްނުންފުޅަކީ ޚަރަދުކުރާ މިންވަރު 49 ބިލިއަނަށްވުރެ ތިރީގައި ބެހެއްޓުން. ވަޢުދުތައް ފުއްދުމުގެ މަސައްކަތްތަކުގެ އިތުރުން، ރާއްޖޭގެ މާލީ ޙާލަތަށް ހުރި ގޮންޖެހުންތަކަށް ވިސްނަންޖެހޭ. ދަޢުލަތުގެ ދަރަންޏާއި، ލިބޭ އާމްދަނީގެ ފަރަޤު ކުޑަކުރެއްވުން އެމަނިކުފާނުގެ ވިސްނުންފުޅަކީ." ފިރުޒުލް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ބޮޑު ޚަރަދެއް ކަނޑައަޅާފައިވަނީ ހިނގަމުންދާ މަޝްރޫޢުތަކަށެވެ. އެގޮތުން ހިނގަމުންދާ 449 މަޝްރޫޢަށް 6.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި އަލަށް ފަށާ 331 މަޝްރޫޢަށް 2024ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 1.6 ބިލިއަން ރުފިޔާއެވެ.

ފިރުޒުލް ވިދާޅުވީ އައު ސަރުކާރުން މަސައްކަތް ބައްޓަންކުރައްވާނީ ދަޢުރުގެ ފަހުކޮޅު، ސަޕްލިމެންޓްރީ ބަޖެޓެއް ހުށައަޅަށްޖެހޭނެ ޙާލަތަށް މަސައްކަތްތައް ނުދާނެގޮތަށްކަމަށެވެ.

2024ވަނަ އަހަރަށް ދަޢުލަތުން ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށައަޅާފައިވާއިރު، އެމަސައްކަތްތައް ގަޑިއަށް ނުފެށުމުގެ ކަންބޮޑުވުން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ފާޅުކުރައްވާފައެވެ. ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، އަދި މިހާރު ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލަ ވީހާވެސް އަވަހަށް ނިމި، އިދާރާތައް ގުޅިގެން ބަޖެޓުގެ މަސައްކަތްތައް އަވަސްކުރެއްވުމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ އެދިވަޑައިގެންފައެވެ.