ދުނިޔެ

ޕާކިސްތާނާއި އީރާނާ ދެމެދު ބިނާކުރާ ގޭސްހޮޅީގެ މަޝްރޫޢު ނިމެނީ


އީރާނާއި ޕާކިސްތާނާ ދެމެދު ބިނާކުރާ ގޭސްހޮޅީގެ މަޝްރޫޢުގައި ހިމެނޭ އީރާނުގެބައި ބިނާކޮށް މުޅިން ނިންމައިފިކަން އެޤައުމުގެ ރައީސް ޙަސަން ރޫޙާނީ ހާމަކުރައްވައިފިއެވެ.

ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި އެޤައުމުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށްފަހު އިސްލާމް އާބާދުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ރައީސް ރޫހާނީ ވިދާޅުވީ ދެންއޮތީ މިމަޝްރޫޢުގައި ހިމެނޭ ޕާކިސްތާނުގެ ބައި ނިންމުން ކަމަށާ އެއީ ޕާކިސްތާނުގެ ޒިންމާއެއްކަމަށެވެ. ޕާކިސްތާނާއި އީރާނާ ދެމެދު ބިނާކުރާ ގޭސް ހޮޅީގެ މަޝްރޫޢަކީ 7 ބިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ބޭނުމަކީ ހަކަތައަށް އިންތިހާއަށް ބޭނުންވެފައިވާ ޕާކިސްތާނަށް އީރާނުން ގުދްރަތީ ގޭސް ފޯރުކޮށްދިނުމެވެ.

ސުލްހައިގެ ގޭސް ހޮޅީގެ ނަމުން ނަންދީފައިވާ މިގޭސް ހޮޅީގެ މަޝްރޫއަކީ ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ކުރިޔަށްގެންދިޔުމަށް އެއްބަސްވެފައިވާ މަޝްރޫއެއް ނަމަވެސް މިމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2014 ވަނައަހަރުގެ ކުރީކޮޅުގައެވެ. މިގޮތުން އީރާނުގެ ދެކުނުގައިވާ ފާރިސް ގޭސް ދަނޑުން ފެށިގެން ޕާކިސްތާނުގެ ސަރަހައްދީ ރޮނގާ ހަމައަށް ފާއިތުވި ދެއަހަރު ތެރޭގައި އީރާނުންވަނީ ގޭސްހޮޅި އަޅައި ނިންމާފައެވެ.