ޚަބަރު

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޑިމޮކްރެޓުން ވަދެއްޖެ


  • މައްސަލައައް ހައްލެއް ހޯދުމަށް އެ މައްސަލައަށް ތަދައްހުލުވާނަން

  • މައްސަލަ އަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ކަމަށް

  • މަޖިލީހުގައި ކޮންމެ ކަމެއްވެސް ރީތިކޮށް ވާހަކަ ދައްކައިގެން ކުރެވިދާނެކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެއްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައަޅަފައިވާ މައްސަލައަށް ދަ ޑިމޮކްރެޓްސްއިން ތަދައްހުލްވާން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާ މެންބަރު އަލީ އާޒިމް ވިދާޅުވީ މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ދުސްތޫރީ މައްސަަލައަށް ތަދައްހުލުވާން ނިންމާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

"ގަވާއިދެއްގައި ގާނޫނޫ އަސާސީގައި ވަކިކަމެއް ވަކި ގޮތަކަށް ކުރުމަށް ލިޔެވިފައި ވަނިކޮން ދެން އެކަމެއް އެހެން ގޮތަކަށް ކުރެވޭނެކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެހެންވީމައި އަޅުގަނޑުމެއްނެއްނޫން ރައްޔިތުން މަޖިލިސް ހުއްޓާލައިގެން އުޅެނީ. އާދެ އަޅުގަނޑުމެން ތަދައްހުލްވާނަން ސުޕްރިމް ކޯޓައް ހުށައަޅާފައިވާ މައްސަލައަށް ހައްލު ހޯދުމަށް. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ހުރިހާ މެމްބަރުންވެސް ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗައް ކުރެވިފައިވާ ދައުވާއެއް އެއީ އެހެންވީމައި އެކަމަށް އަޅުގަނޑުމެން ތަދައްހުލް ވާން ޖެހޭނެ" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކޮންމެ ކަމެއްވެސް ރީތިކޮށް ވާހަކަ ދައްކައިގެން ކުރެވިދާނެކަމަށާއި، ޑިމޮކްރެޓުން އެކަމަށް ތައްޔާރުކަމަށެވެ. އާޒިމް ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށައެޅީ އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސް އެޅުމުގެ ގޮތުންކަމަށް ތުހުމަތުކުރައްވާފައެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީއިން މިހާރު ކުރަމުންދާ ކަންތައްތަކީ އެއްވެސް ވިސްނުމެއްނެތި ކުރަމުންދާ މަސައްކަތްތަކެއްކަމަށެވެ. އަދި އެމްޑީޕީގައި މިހާރު ކަންކަން ކުރުމުގެ އެއްވެސް ޕްލޭނެއް ނެއްކަމަށާއި އެއްވެސް ލީޑަރެއް ނެތުމުން އެމްޑީޕީގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ޑިމޮކްރެޓްސްގެ ރީތި އުސޫލަކީ ވަކިބައެއް ވަކި ގޮތަކަށް ކަންކަން ކުރުމެއް ނޫންކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލާގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށެވެ. އަދި އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައިވެއެވެ.

އެމްޑީޕީން ބުނަމުންދަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.