ޚަބަރު

މަސައްކަތް އަވަސްކޮށް، އަންނަ ސެޕްޓެމްބަރަށް އެއާޕޯޓް ނިންމުމަކީ އަމާޒެއް: ޑރ.މުއިއްޒު


  • މިހާރު ދާ ސްޕީޑުން ނިމޭނީ 2025ގެ މެދުތެރޭގައި

  • އައު ސަރުކާރުގެ އަމާޒަކީ އަންނަ ސެޕްޓެމްބަރުމަހަށް ނިންމާލުން

  • އިގްތިސާދު ކުރިއެރުވުމަށް އެއަރޕޯޓްގެ މަސައްކަތް އަވަސްކުރަންޖެހޭ

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ހުރިހާ ސިނާޢަތަކަށްވެސް އެންމެ މުހިއްމު އެއްކަމަކީ މަޑުޖެހިފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް އަވަހަށް ނިމިގެން ދިޔުންކަމަށެވެ. ނަމަވެސް އިންތިޤާލީ މަރުޙަލާގެ ކަންކަން ކުރިއަށްގެންދާ ކޮމިޓީތަކުން އެއްކުރެވިފައިވާ މަޢުލޫމާތުތަކުން ދައްކާގޮތުން މިމަސައްކަތް މިހާރު ކުރިއަށްދާ ޝެޑިއުލްގެ ދަށުން ނިންމާލެވޭނެކަމަށް ލަފާކޮށްފައިވަނީ 2025 އަހަރުގެ ޖުލައިމަހުކަމަށް އިންތިޚާބީ ޑރ.މުއިއްޒު ވިދާޅުވިއެވެ.

ޑރ.މުއިއްޒު ވިދާޅުވީ އެއަރޕޯޓްގެ މަސައްކަތް އަވަސްކުރަންޖެހޭކަމަށާއި އެމަނިކުފާނު އަމާޒަކީ އަންނަ ސެޕްޓެމްބަރަށް އެއަރޕޯޓްގެ މަސައްކަތް ނިންމާލުންކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ވާނީ ނިންމާފައި ހުވާކުރެއްވުމަށްފަހު ސީދާ ރައީސް އޮފީހުގައި އަޅުގަނޑު ޗެއަރކުރާގޮތަށް ކޮންމެ ދުވަހަކުވެސް މިމަޝްރޫޢުގެ އަޕްޑޭޓްތައް ބަލާ މަސައްކަތް އަވަސްކުރުމަށް ހުރިހާ ސްޓޭކްހޯލްޑަރުންނާއެކު މަސައްކަތްކުރަން. އަދި އަޅުގަނޑު އެބަ ވިސްނަން ކުރިއަށް އޮތް ދެހަފްތާތެރޭގައި އެތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމަށް ސައިޓަށް ދާންވެސް." ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގިނަ ވިޔަފާރިވެރިންތަކެއް ބައިވެރިވި މި ބައްދަލުވުމުގައި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް އެ ބޭފުޅުން ވަނީ އިންތިހާބީ ރައީސާއި ހިއްސާކުރައްވާފައެވެ. އަދި އިގްތިސާދު އާރާސްތުކޮށް ކޮޅަށް ޖެހުމަށް އެބޭފުޅުންގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އިންތިހާބީ ރައީސަށް އެރުވިއެވެ.

މިބައްދަލުވުމުގައި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްްޒު ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި އިމާރާތްކުރުމުގެ ސިނާއަތް ކުރިއަރުވައި، ވިޔަފާރިވެރިންނަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.

އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންގެ އިތުރުން މި ބައްދަލުވުމުގައި ޕީޕީއެމް ޕީއެންސީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މަސީއާއި އެޕްލޯޔަރސް އެސޯސިއޭޝަންގެ ފަރާތުން އިންތިހާބީ ރައީސް ޑރ.މުޢިއްޒަށް ހަނދާނީ ފިލައެއް އެރުވިއެވެ.