ޚަބަރު

އިންތިގާލީ މަރުހަލާގައި ހުޅުމާލޭގެ ބިންތަކަކާއި ގުޅޭ މުޢާމަލާތްތަކެއް ހިންގާތީ ކަންބޮޑުވުން ފާޅުކޮށްފި


އިންތިގާލީ މަރުޙަލާގައި، ހައުސިންގ ޑިވްލޮޕްމަންޓް ކޯޕަރޭޝަންއިން ހުޅުމާލޭގެ ބިންތަކަކާއި ގުޅޭ ވިޔަފާރީގެ މުޢާމަލާތްތަކެއް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، އިންތިޚާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިންތިހާބީ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ސަރުކާރު ބަދަލުވުމުގެ އިންތިޤާލީ މަރުހަލާ ހިނގަމުންދާ މި ދަނޑިވަޅުގައި، އެޗްޑީސީން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތަކެއް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކި މުޢަމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އެޗްޑީސީގެ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ވިދާޅުވީ ހުޅުމާލޭގެ ބިންތަކަކީ، ދިވެހި ދައުލަތުގެ ރައުސްމާލުގައި ހިމެނޭ އެންމެ އަގު ބޮޑު 'އެސެޓް ކަމަށެވެ. އެހެންކަމުން މި މަރުޙަލާގައި އަވަސް އަރުވާލައިގެން، އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަކީ އެ އޮފީހުން ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި ވަކީން ޚާއްސަކޮށް، މި މުޢާމަލާތްތަކުގެ ތެރޭގައި، ބޭރުގެ ފަރާތްތަކަށް ބިން "ލީޒް"ކުރުމުގެ މުޢާމަލާތްތަކެއް ހިމެނޭކަމާ މެދު އިތުރަށް ކަންބޮޑުވާކަމަށް އިންހާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އިންތިހާބީ ރައީސް އޮފީހުން ވިދާޅުވީ މީގެ ސަބަބުން އަލަށް ފެށޭ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ހުރަސްއެޅި، މުޅި ދިވެހި ދައުލަތަށް އެ ކަމުގެ ގެއްލުންލިބުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އެހެންކަމަށް ވުމާއެކު، މި މަރުޙަލާގައި މި ފަދަ މުޢާމަލާތްތައް މަޑުޖައްސާލައި، ހުރިހާ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުން، އިންތިޤާލީ މަރުޙަލާގެ ރޫޙާ އެއްގޮތަށް ޢަމަލުކުރުމަށް އިންތިހާބީ ރައީސް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެ އޮފީހުން އިތުރަށް ވިދާޅުވީ މިފަދަ ކަންކަން ހުއްޓުވައި ދިވެހި ރައްޔިތުންގެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް، ޤާނުނީ ނިޒާމުގެ ތެރެއިން މުއައްސަސާތައް މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ.