ޚަބަރު

4 ޓަވަރުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް އެއްކޮށް ނިމޭނެ: އެފްޑީސީ


  • މި ޕްރޮޖެކްޓްގައި 32 ޓަވަރު ތަރައްޤީކުރޭ

  • ހުރިހާ ޓަވަރުތަކުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައި

  • މިއީ 2 އަދި 3 ރޫމް އެޕަރޓްމަންޓްތައް

ހުޅުމާލޭގައި 4000 ފްލެޓް ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގައި، 4 ޓަވަރެއްގެ މަސައްކަތްތައް މިއަހަރު ނިމުމުގެ ކުރިން މުޅިން ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ވިދާޅުވެއްޖެއެވެ.

މި ޕްރޮޖެކްޓްގައި ކޮންކްރީޓް މަސައްކަތްތައް ނިމުނު ޓަވަރުތަކުގައި، ފިނިޝިން މަސައްކަތާއި ޔުޓިލިޓީ ޚިދުމަތްތައް ގުޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެފްޑީސީގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓް މެނޭޖަރު މުހައްމަދު އައްފާން ވިދާޅުވީ، 8 ޓަވަރުގެ ކޮންކްރީޓް ހުރިހާ މަސައްކަތްތައް މިހާރު މުޅިން ނިމިފައިވާކަމަށެވެ. އޭގެތެރެއިން 4 ޓަވަރުގައި މިހާރު ކުރަމުންއަނީ، އިމާރާތުގެ ފިނިޝިން މަސައްކަތްކެވެ. ފާޚާނައިގެ ފިޓީންގްސް ހަރުކުރުމާއި، ސީލިންގްއާއި ޕުޓީގެ މަސައްކަތްތައްފަދަ މަަސައްކަތް ދަނީ ކުރަމުންނެވެ.

މިއީ 3 ކޮޓަރީގެ އެޕާރޓްމަންޓްގެ 2 ޓަވަރާއި، 2 ކޮޓަރި އެޕަރޓްމަންޓްގެ 2 ޓަވަރެވެ. އެއީ 3 ކޮޓަރީގެ 256 އެޕަރޓްމަންޓް އަދި 2 ކޮޓަރީގެ 240 އެޕާރޓްމަންޓެވެ.

އައްފާން ވިދާޅުވީ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އެގޮތުން ކޮންކްރީޓް މަސައްކަތްތައް ނިމެމުންދާވަރަކަށް، ފްލެޓްތަކަށް ބޭނުންވާ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅުމުގެ މަސައްކަތް ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިވަގުތު 4ޓަވަރެއްގައި ޔުޓިލިޓީ ޚިދުމަތް ގުޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އިންޑިއާގެ ދެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި 32 ޓަވަރު އަންނަނީ އިމާރާތްކުރަމުންނެވެ. މި ފްލެޓްތައް ފަރުމާކޮށްފައިވަނީ، ވީހާވެސް ތޮއްޖެހުން ކުޑަވާނެގޮތަށް، އަދި އިމާރާތް ބޭނުންކުރުމުގައި އާއްމުންނަށް ފަސޭހަވާނެގޮތަށެވެ. އެގޮތުން ކޮންމެ އިމާރާތަކީ 16 ބުރީގެ ޓަވަރުތަކެވެ. ކޮންމެ ޓަވަރެއްގައި 3 ލިފްޓް ބަހައްޓާނެއެވެ.

އައްފާން ވިދާޅުވީ ލިފްޓް ހަރުކުރުމުގެ މަސައްކަތްތައް ފެށުމަށް މިހާރު ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން ނިމެމުންދާ ޓަވަރުތަކަށް ބޭނުންވާ ލިފްޓް މިހާރު ރާއްޖެ ގެނައުމުމުގެ މަގުމަތީގައިވާކަމަށެވެ. އައްފާން ވިދާޅުވީ އިމާރާތްތައް ނިމެމުންދާވަރަކަށް ލިފްޓް ހަރުކުރަމުންދާނެކަމަށެވެ.

އެފްޑީސީން މަސައްކަތް ކުރަމުންދަނީ މިހާރު ފިނިޝިން މަސައްކަތް ކުރަމުންދާ 4 ޓަވަރުގެ ހުރިހާ މަސައްކަތްތައް މިއަހަރުގެ ނިޔަލަށް އެއްކޮށް ނިންމުމަށްކަމަށް އައްފާން ވިދާޅުވިއެވެ. ފްލެޓް ލިބުނު މީހުންގެ ލިސްޓް ތަރުތީބުކޮށް ހައުސިން މިނިސްޓްރީއިން ހަވާލުކުރިހާ އަވަހަށް، އެގްރިމެންޓްގެ ކަންކަން ނިންމާ، ޓަވަރުތައް ނިމެމުންދާވަރަކަށް ހަވާލުކުރަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެދަށުން 4000 ފްލެޓަށް ހުޅުވާލި ފުރުޞަތުގައި 15000އަށްވުރެ ގިނަ މީހުން ޝަރުތުހަމަވާކަމަށް މިނިސްޓްރީން އިޢުލާންކުރިއެވެ. ސަރުކާރުން ފަހުން ނިންމާފައިވަނީ، ޝަރުތު ހަމަވާ އެންމެނަށް ފްލެޓް ދިނުމަށެވެ. އެހެންކަމުން އެފްޑީސީގެ މި ޕްރޮޖެކްޓްގައި ތަރައްޤީކުރާ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ހައުސިން މިނިސްޓްރީން ތަރުތީބު ކުރަން ޖެހެއެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް ލިސްޓް އިޢުލާނުކޮށްފައެއް ނުވެއެވެ. އަދި އެ ލިސްޓް ނެރޭނެ ދުވަހަކާއި ގުޅޭގޮތުން އެއްވެސް ޖަވާބެއް ވަނީ ނުލިވިފައެވެ.

ސަރުކާރުން ކުރިން ހާމަކުރައްވާފައިވަނީ، ނޮވެމްބަރު 17ގެ ކުރިން މި ލިސްޓް އާއްމުކުރާނެކަމަށެވެ.

އެފްޑީސީން ބުނީ މިނިސްޓްރީން ލިސްޓް ހަވާލުކުރިހާ އަވަހަށް، ފްލެޓް ލިބޭ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރަން ފަށާނެކަމަށެވެ.

މި މަޝްރޫޢުގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ އަންނަ އަހަރުގެ ތެރޭގައި ޕްރޮޖެކްޓް މުޅިން ނިންމާގޮތަށެވެ.