ޚަބަރު

ގޯއްޗާއި ފްލެޓަށް އެދި ހުށައެޅި ދެވަނަ ބުރުގެ ފޯމުތައް ބާޠިލުނުކުރާނަން: ޑރ. މުޢިއްޒު


  • ބޯހިޔާވަހިކަމުގެ ކަންކަންވެސް އިންސާފުވެރިކަމާއެކު ކުރިއަށްގެންދަވާނެކަމަށް

  • މާލެ ސަރަޙައްދުން 65000 މީހުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެކަން

  • ފުށިދިއްގަރަކީ ސޭފް އައިލެންޑްއެއްކަމަށް

ގެދޮރުވެރިޔާއާއި ބިންވެރިޔާ މަޝްރޫއުގެ ދެވަނަ ބުރުގައި ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމްތައް ބާތިލް ނުކުރާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދެވަނަ ބުރުގެ ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު، މި ދައުރު ނިމުމުގެ ކުރިން ކަނޑަނޭޅޭނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗައިން ވަނީ ވިދާޅުވެފައެވެ.

އެކަމަށް އިޝަރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އެއްވެސް ކަމެއްގައި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިގެން ނުވާނެކަމަށެވެ. ގެދޮރުވެރިކަމަކީ އެމަނިކުފާނުގެ ސަރުކާރެއްގައި އެންމެ މުހިންމު އެއް ސިޔާސަތުކަން ފާހަގަކުރައްވާ އިންތިޚާބީ ރައީސް ވިދާޅުވީ މިހާތަނަށް ފައްޓަވާފައިވާ ގެދޮރުވެރިކަމުގެ އެއްވެސް މަޝްރޫޢުއެއް ނުހުއްޓުވާނެކަމަށެވެ. އަދި އެ މަޝްރޫޢުތަކުން ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށް، ރައްޔިތުންނަށް ގެދޮރުގެ ޔަގީންކަން ލިބޭ ހިސާބަށް ގެންގޮސްފިނަމަ އެގޮސްފައިވާ ހިސާބަކުން އެ މަނިކުފާނުގެ ސަރުކާރުގައި މަސައްކަތް ފަށްޓަވާނެކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

އެގޮތުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ އެއްވެސް އެޕްލިކޭޝަނެއް އަލުން ހުށަހަޅަން ނުޖެހޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި ވީހާވެސް ގިނަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި މިހާރަށްވުރެ ރަނގަޅަށް އިންސާފުވެރިކަމާއެކު ކުރިއަށްގެންދަވާނެކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.


"މިހާރު ކުރިއަށްގެންދާ މަރުހަލާގައި އިތުރަށް ފުރިހަމަ ކުރެވޭނެ ކަންކަން ހުރިކަމަށް ވަންޏާ ރައްޔިތުންނަށް އޭގެއިން އެންމެ އިންސާފުވެރި ވާނެ ގޮތަކަށް އޭގެ ފުރުސަތު ދޭނަން. އެހެން ނަމަވެސް، އެއްވެސް ބޭފުޅެއްގެ އެޕްލިކޭޝަނެއް ބާތިލްކުރަން ޖެހި އަލުން ހުށަހަޅަން ޖެހޭ ކަހަލަ އުނދަގުލެއް ދިމާވާކަހަލަ ކަމެއް ނުކުރާނަން. މިސާލަކަށް މިދައުރު ނިމުމުގެ ކުރިން އެއްކޮށް ޕްރޮސެސްކޮށް ނިންމާ ފައިނަލް ލިސްޓް ނެރި އެކަމުގައި ޔަޤީންކަމެއް ދެވޭ ހިސާބަށް ގެންގޮސްފިއްޔާ އެ ގެންދިޔަ ހިސާބުގައި ހިފަހައްޓާނަމޭ." އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަން ހޯދައިދިނުމަކީ އެމަނިކުފާނުގެ ވެރިކަމުގެ އެންމެ މުހިންމު އެއް ސިޔާސަތުކަން ފާހަކަގުރައްވާ އިންތިޚާބީ ރައީސް ވިދާޅުވީ މާލޭ ސަރަހައްދުން އެކަނިވެސް 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން ފުށިދިއްގަރު ފަޅުގެ ޕްރޮޖެކްޓަކީ އެންމެ ބޮޑު ޕްރޮޖެކްޓްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެ ޕްރޮޖެކްޓްގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދެތިން މަސް ދުވަހުގެތެރޭގައި ފަށްޓަވާނެކަމަށެވެ.

"މި ދެންނެވީ އީއައިއޭ ނިންމާ ޕްލޭން ހަދާ ފަންޑު ހަމަޖައްސާ ކުރަންޖެހޭ ހުރިހާ ކަމެއްކޮށް ޑްރެޖަރު ގެނެސް އަމަލީ ބިންހިއްކުން އިރާދަކުރެއްވިއްޔާ ފުރަތަމަ ދެތިން މަސްތެރޭގައި އަމަލީގޮތުން ފަށާނަން، 1280 ވަރަކަށް ހެކްޓަރަކުގެ ބިން ހިއްކާ ނިންމާނަން. އެހީ ހުޅުމާލެ ދެ ފިޔަވަހީ ގާތްގަޑަކަށް 3 ގުނަ ބޮޑު. މިހާ ބޮޑ ސަރަޙައްދެއް ފުށި ދިއްގަރުން ހިކޭނެ. ފުރަތަމަ އަހަރު ހިކިގެންދާނެ. އެއީ ސޭފް އައިލެންޑެއްގެ ގޮތުގައި ވެގެންދާނީ. ތިމާވެއްޓަށްވެސް ބަލައިގެން ކުރިއަށްގެންދާނީ." އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

ގެދޮރުވެރިޔާއާއި ބިންވެރިޔާ މަޝްރޫއުގެ ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުޞަތުގައި 40،594 ފޯމު ހުށަހަޅައިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެއީ ގޯއްޗަށް އެދި ހުށަހެޅި 19،347 ފޯމާއި ފްލެޓަށް އެދި ހުށަހެޅި 21،247 ފޯމެވެ.