ޚަބަރު

އައިޓީބީ އޭޝިއާގައި ރާއްޖެއިން ބައިވެރިވެއްޖެ


  • މި ފެއަރގައި ރާއްޖޭގެ 27 ކުންފުންޏަކުން ބައިވެރިވެފައިވޭ

  • ފެއަރ ކުރިއަށްދަނީ ސިންގަޕޫރުގައި

  • މިއީ މި ސަރަޙައްދުގެ ލީޑިންގ ޓްރެވަލް ޓްރޭޑް ޝޯތަކުގެ ތެރެއިން އެއް ޝޯވ

ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފެއަރތަކުގެ ތެރޭގައި ހިމެނޭ އައިޓީބީ އޭޝިއާގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ފެއަރކުރިއަށް ދަނީ ސިންގަޕޫރުގެ ސޭންޑްސް އެކްސްޕޯ އެންޑް ކޮންވެންޝަން ސެންޓަރުގައި މިމަހުގެ 25 އިން 27 ގެ ނިޔަލަށެވެ. މިއަހަރުގެ ފެއަރގައި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރަޕަރޭޝަން، އެމް.އެމް.ޕީ.އާރް.ސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 27 ކުންފުންޏަކުން 45 ފަރާތަކުންވަނީ ބައިވެރިވެފައެވެ.

އައިޓީބީ އޭޝިއާއަކީ އޭޝިއާ ޕެސިފިކް ޓްރެވަލް އިންޑަސްޓްރީގެ ޕްރައިމަރީ އިވެންޓަކަށް ހެދުމަށް ފަރުމާކޮށްފައިވާ މި ސަރަހައްދުގެ ލީޑިންގ ޓްރެވަލް ޓްރޭޑް ޝޯތަކުގެ ތެރެއިން އެއް ޝޯއެވެ. މި އިވެންޓުގައި އޭޝިއާ ޕެސިފިކް ސަރަހައްދާއި ޔޫރަޕާއި އެމެރިކާ އާއި އެފްރިކާ އަދި މެދުއިރުމަތީގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެއެވެ.

މި ފެއަރގެ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވަނީ ރާއްޖެއާއި ގުޅޭ މައުލޫމާތުތައް ދިނުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ސްޓޭންޑުގައި ޑިޖިޓަލް އިންފޮމޭޝަން ކިއޮސްކެއް ބަހައްޓާފައިވާއިރު، ރާއްޖޭގެ ސަޤާފަތް ތަޖުރިބާކުރުމަށް ލިބާސް، ފޭލި ފަދަ ސަޤާފީ ހެދުންތައް އަދި ރާއްޖޭގެ ސަޤާފީ މީރު ކެއުންތައް ތަޖުރިބާ ކުރުމާއި، ދިވެހި ބަހުގެ ކެލިގްރަފީ ބުކްމާކް ހެދުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވާ ކަމަށް އެމް.އެމް.ޕީ.އާރް.ސީއިން ހާމަކުރެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮކްޓޫބަރުމަހުގެ ނިޔަލަށް ސިންގަޕޫރުން ރާއްޖެއަށް 7317 ފަތުރުވެރިން އައިސްފައިވެއެވެ. އަދި އޭޝިއާ މާރކެޓުން ރާއްޖެއަށް 39304 ފަތުރުވެރިން އައިސްފައިވެއެވެ.

އެމްއެމްޕީއާރުސީން ދަނީ މި މާކެޓުގައި ރާއްޖެ ޕްރޮމޯޓްކޮށް އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ތައިލޭންޑް، މެލޭޝިއާ އަދި އިންޑޮނޭޝިއާގައި މިއަހަރުތެރޭގައި ވަނީ އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.