ޚަބަރު

ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު، ސިވިލް ކޯޓުގެ އިސް ޤާޟީއަކަށް މަރްޔަމް ވަޙީދު


  • ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ފަނޑިޔާރު ޝަހީދު އެކަނި

  • ސިވިލް ކޯޓުގެ އިސް ޤާޟީކަމަށް 2 ބޭފުޅަކު ކުރިމަތިލެއްވި

  • ދެ ކޯޓަށް ފަނޑިޔާރުންނާއި ޤާޟީ އައްޔަން ކުރަން ނިންމެވީ ޖޭއެސްސީގެ ބައްދަލުވުމުގައި

ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އަދި ސިވިލް ކޯޓުގެ އިސް ޤާޟީކަމަށް އަލްއުސްތާޛާ މަރްޔަމް ވަޙީދު ހަމަޖެއްސެވުމަށް ނިންމަވައިފިއެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އަދި ސިވިލް ކޯޓުގެ އިސް ޤާޟީކަމަށް އަލްއުސްތާޛާ މަރްޔަމް ވަޙީދު ހަމަޖެއްސެވުމަށް ޖޭއެސްސީން ނިންމެވީ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 68 ވަނަ ޖަލްސާގައެވެ.

ސިވިލް ކޯޓުގެ އިސް ޤާޟީކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޖޭއެސްސީން ހުޅުވާލީ އެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދު މިިދިޔަ ސެޕްޓެމްބަރު މަހު ނިޔާވުމާ ގުޅިގެންނެވެ. އެ މަޤާމަށް އެދުމުގެ ފުރުޞަތު ޖޭއެސްސީން ހުޅުވާލީ މިމަހުގެ 5 ވަނަ ދުވަހުގައެވެ. މިމަހުގެ 19 ވަނަ ދުވަހު މުއްދަތު ހަމަވިއިރު އެ މަޤާމަށް ކުރިމަތިލެއްވީ ޤާޟީ މަރިޔަމް ވަހީދުގެ އިތުރުން ޤާޟީ ހާފިޒާ އަބްދުއްސައްތާރެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމަށް ހުޅުވާލުމުން ކުރިމަތިލެއްވީ ފަނޑިޔާރު ޝަހީދު އެކަންޏެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ހަމަޖެއްސެވި އަލްއުސްތާޛު ޙުސައިން ޝަހީދުއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން މާސްޓަރސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ އަދި ބެޗެލަރސް ޑިގްރީ އިން ޝަރިޢާ އެންޑް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ. 2014 ނޮވެމްބަރު 26 ވަނަ ދުވަހު ފަނޑިޔާރުކަމުގެ ހުވާކުރެއްވި އަލްއުސްތާޛު ޙުސައިން ޝަހީދުއަކީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ކްރިމިނަލް ކޯޓުގެ ޤާޟީކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަލްއުސްތާޛު ޙުސައިން ޝަހީދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.

ސިވިލް ކޯޓުގެ އިސްޤާޟީކަމަށް ޢައްޔަންކުރެވިފައިވާ އަލްއުސްތާޛާ މަރްޔަމް ވަޙީދު އަކީ ވިލާ ކޮލެޖްއިން މާސްޓަރސް އޮފް ޝަރީޢާ އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗެލަރސް އޮފް ލޯސް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. 2016 އޭޕްރީލް 13 ގައި ސިވިލް ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރެވުމުގެ ކުރިން އަލްއުސްތާޛާ މަރްޔަމް ވަޙީދުވަނީ ކ. ގާފަރު މެޖިސްޓްރޭޓް ކޯޓާއި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވާފައެވެ. އަލްއުސްތާޛާ މަރްޔަމް ވަޙީދު ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނީ 2013 ޖަނަވަރީ 08 ވަނަ ދުވަހުއެވެ.