ޚަބަރު

ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓް މިދައުރުތެރޭ ކަނޑަނޭޅޭނެ: އަކްރަމް


  • ދެވަނަ ބުރުގައި ދޭން ނިންމާފައިވަނީ 4000ގޯއްޗާއި، 60000 ފްލެޓް

  • 40000އަށްވުރެ ގިނަ މީހުން ފޯމު ހުށައެޅި

  • ފުރަތަމަ ބުރުގައި ގޯއްޗާއި ފްލެޓް ލިބުނު މީހުންނާއި ހަވާލުކުރުމުގެ މަސައްކަތްވެސް އަދި ނުނިމޭ

ދެވަނަ ފިޔަވަހީގައި ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު، މި ދައުރު ނިމުމުގެ ކުރިން ކަނޑަނޭޅޭނެ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ފްލެޓާއި ގޯތި ދިނުމުގެ ދެވަނަ ބުރެއް ސަރުކާރުން ހުޅުވާލީ، ރިޔާސީ އިންތިޚާބުގެ ދެވަނަބުރަށް ހަފްތާއަކަށްވެފައިވަނިކޮށެވެ. އެއީ 4000 ގޯއްޗާއި، 6000 ފްލެޓަށެވެ. ކުރިމަތިލުމަށްދިން މުއްދަތު މިދިޔަ އަންގާރަ ދުވަހަށް ހަމަވެފައިވާއިރު، 40000އަށްވުރެ ގިނަ މީހުން ގޯއްޗާއި ފްލެޓް ބޭނުންވެގެން ފޯމު ހުށައަޅާފައިވެއެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވީ ވަގުތު ހަމަވިއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 19347 މީހުން ފޯމު ހުށައަޅާފައިވާކަމަށެވެ. އަދި ގެދޮރުވެރިޔާ ސްކީމްގައި ފްލެޓަށް އެދި، 21247 މީހުން ފޯމު ހުށައަޅާފައިވާކަމަށެވެ.

މި ދެ ސްކީމަށް ފޯމު ހުށައެޅި މީހުންގެ ޖުމްލަ އަދަދު 40594އަށް އަރައެވެ.

ފޯމު ހުށައެޅުމުގެ މަރުހަލާއަށްފަހު ދެން މަސައްކަތް ކުރިއަށްދާނެގޮތާއި ގުޅޭގޮތުން، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ފޯމުތައް އިވެލުއޭޓްކުރުން ކުރިއަށްގެންދާނީ ކިހިނެއްތޯ ބަލަމުންދާ ކަމަށެވެ.

އަކްރަމް ވިދާޅުވީ މިއީ ވަރަށް ބޮޑު، ބުރަ މަސައްކަތެއްކަމަށާއި މިދައުރުގެ ތެރޭގައި އެކަމުގެ މަސައްކަތްތައް ނުނިމޭނެކަމަށެވެ. އަކްރަމް ވިދާޅުވީ ފޯމުތައް ރިވިއުކޮށް ވަގުތީ ލިސްޓް ނެރޭނެ ވަގުތު، މި ދައުރު ބަދަލުވުމުގެ ކުރިން ނެތްކަމަށެވެ. ނަމަވެސް ލިސްޓް އެކުލަވާލަން ކުރަންޖެހޭ މަސައްކަތްތަައް ފަށްޓަވައިގެން ކުރިއަށްގެންދާކަމަށެވެ.

އަކްރަމް ވިދާޅުވީ، މިކަމާއިމެދު ޢަމަލުކުރާނެ ގޮތަކާއި ގުޅޭގޮތުން އިންތިޚާބީ ސަރުކާރާއެކު އަދި އެއްވެސް މަޝްވަރާއެއް ކުރިއަށް ނުގެންދަވާކަމަށެވެ. އަދި ޢަމަލުކުރައްވާނެ ގޮތެއްވެސް ކަނޑަނާޅުއްވާކަމަށެވެ.

މި ސަރުކާރުން ވަނީ ފުރަތަމަ ބުރުގައި ގޯތި ލިބުނު މީހުންނާއި ބިން ހަވާލުކުރައްވަން ފަށްޓަވާފައެވެ. ނަމަވެސް އެއްވެސް ފްލެޓެއް މިހާތަނަށް ހަވާލުކުރައްވާފައެއް ނުވެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް ވިދާޅުވަމުންގެންދަވާ ވާހަކައަކީ، އެއްވެސް ރައްޔިތަކަށް ދިނުމަށް ސަރުކާރުން ނިންމަވާފައިވާ އެއްޗެއް އަތުނުލައްވާނެކަމުގެ ވާހަކަކަމަށެވެ. ޚާއްސަކޮށް މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓް ލިބުނު މީހުންނަށް، ލިސްޓްގައި ވާގޮތަށް ގޯއްޗާއި ފްލެޓް ލިބޭނެކަން ކަށަވަރުކުރައްވާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު އޭރު ރިޢާޔަތްކުރައްވަމުން ގެންދެވީ ފުރަތަމަ ބުރުގައި ގޯއްޗާއި ފްލެޓް ދެއްވުމަށް ކަނޑައެޅި ލިސްޓަށްކަމަށެވެ.

އޭގެ ފަހުން އިންތިޚާބުގެ ދެވަނަ ބުރާއި ދިމާކޮށް ހުޅުވާލި ފުރުޞަތާމެދު ކަންތައް ކުރައްވަނެ ގޮތަކާއިމެދު އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޝްވަރާކުރައްވަމުންގެންދަވާ ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

"މާލެއިން ގޯއްޗާއި ފްލެޓް ލިބުނު މީހުންނަށް އެތަންތަން ލިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނުވަނީ ދެއްވާފައި. ލިޔުންދީ ގެޒެޓްކޮށްފައިވާ ލިސްޓްތަކުގެ މަސައްކަތްތައް އެގޮތަށް ކުރިއަށްދާނެ. އެކަމަކު އޭގެ ފަހުން ދެވަނަ ބުރެއް ސަރުކާރުން ހުޅުވާލީ. އެހެންވީމަ އެކަމަށް މަޝްވަރާކުރަމުން ދަނީ." ފިރުޒުލް ވިދާޅުވިއެވެ.

ޑރ.މުޢިއްޒުގެ މެނިފެސްޓޯގައިވެސް ހައުސިންގެ ބިޔަ މަޝްރޫޢެއް މާލޭގައި ހިންގެވުމަށް ވަނީ ޕްލޭންކުރައްވާފައެވެ. އެގޮތުން މިހާރު މަސައްކަތްތައް ކުރިއަށްދާ ސަރަހައްދުތަކުގެ އިތުރުން، އެމަނިކުފާނުގެ ބޮޑު ތަޞައްވުރެއް އޮތީ ފުށިދިއްގަރު ފަޅު ޕްރޮޖެކްޓަށެވެ.

އެ ފަޅު ހިއްކާ، 11000 ގޯއްޗާއި، 20000 ފްލެޓް އެތަނުގައި ތަރައްޤީކުރައްވާނެކަމަށް ޑރ.މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މި ޕްރޮޖެކްޓްގައި ދޫކުރައްވާނީ 1600 އަކަފޫޓުގެ ގެތައްކަމަށްވެސް ވިދާޅުވިއެވެ. އަދި ފްލެޓްތަކުގައި އެންމެ ކުޑަވެގެން 1400 އަކަފޫޓު ހުންނާނެކަން ވަނީ ހާމަކުރައްވާފައެވެ.