ޚަބަރު

ޖަޕާން ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދަކަށް ޖަރުމަނުވިލާތް


  • ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދަކީ އެމެރިކާ، ދެވަނައަކީ ޗައިނާ

  • ޖަޕާނުގެ އިޤްތިޞާދު ދަށަށް ދިޔައީ ބެންކުތަކުގެ މާލީ އުސޫލުތަކުގެ ސަބަބުން

  • ޖަޕާނު ފައިސާގެ އަގު އަންނަނީ ދަށްވަމުން

ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދުގެ ގޮތުގައި އޮތް ޖަޕާން ވައްޓާލުމަށްފަހު ޖަރުމަނުވިލާތް ލިސްޓުގެ ތިންވަނައަށް ޖެހިލައިފިއެވެ. ދުނިޔޭގައި މިވަގުތު އިޤްތިޞާދީގޮތުން އެންމެ ބާރުގަދަ ޤައުމަކީ އެމެރިކާއެވެ. ލިސްޓުގެ ދެވަނައިގައި އޮތީ ޗައިނާއެވެ. އައިއެމްއެފްގެ މިހާރުގެ އަންދާޒާތަކަށް ބަލާއިރު ލިސްޓުގެ ތިންވަނައިގައި މިހާރު އޮތީ ޖަރުމަނެވެ. އަދި ލިސްޓުގެ 4 ވަނަ އަށް މިހާރު ޖަޕާނު ވެއްޓިފައިވާއިރު މިލިސްޓުގެ 5 ވަނައިގައި އޮތީ އަވައްޓެރި އިންޑިއާއެވެ.

ބައިނަލްއަޤުވާމީ މާލީ އިދާރާ އައިއެމްއެފްއިން ނެރެފައިވާ ވޯލްޑް އިކޮނޮމިކް އައުޓްލުކް، ނެވިގޭޓިންގ ގްލޯބަލް ޑައިވަރޖެންސެސްގައި ހާމަކޮށްފައިވާގޮތުން އެންމެ ކުރީގައި އޮތް އިޤްތިޞާދީ 3 ބާރުގެ ތެރެއިން ޖަޕާން ފަހަތަށް ޖެހެން މެދުވެރިވި ސަބަބަކީ އެޤައުމުގެ ފައިސާގެ އަގު ބައިނަލްއަޤުވާމީ ބާޒާރުގައި ވެއްޓުމެވެ. އައިއެމްއެފްގެ ރިޕޯޓުގައިވަނީ ޑޮލަރާއި ޔޫރޯއާއި އަޅާބަލާއިރު ޔެންގެ އަގު ބޮޑުތަނުން ދަށަށް ގޮސްފައިވާކަން ފާހަގަކޮށްފައެވެ.

އައިއެމްއެފްއިން އެންމެ ފަހުން ޢާއްމުކޮށްފައިވާ އަންދާޒާތަކަށް ބަލާއިރު ޖަޕާނުގެ އިޤްތިޞާދީ ދުވެލި ހުންނާނެކަމަށް ބެލެވެނީ 4.23 ޓްރިލިއަން އެމެރިކާ ޑޮލަރުގައެވެ. 4.43 ޓްރިލިއަން އެމެރިކާ ޑޮލަރާއެކު ޖަރުމަނުގެ އިޤްތިޞާދީ ދުވެލި ޖަޕާނަށްވުރެ ކުރިއަރާނެކަމަށް އައިއެމްއެފުންވަނީ އަންދާޒާކޮށްފައެވެ. މިއާއެކު މިވަގުތު ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު އިޤްތިޞާދުގެ ގޮތުގައި އޮތް ޖަޕާނު ފަހަތަށް ޖައްސާލުމަށްފަހު ލިސްޓުގެ 4 ވަނައިގައި އޮތް ޖަރުމަނު ކުރިއަރާނެކަމަށްވަނީ ހާމަވެފައެވެ.

ޖަޕާނު އިޤްތިޞާދީ ދުވެލި ފަހަތަށް ޖެހުމަށް މެދުވެރިވީ ޔެންގެ އަގު ދަށްވުން ކަމުގައިވާއިރު، ޖަޕާނު ފައިސާގެ އަގު ބައިނަލްއަޤުވާމީ ބާޒާރުގައި ދަށަށް ގޮސްފައިވަނީ ސަރަޙައްދީ ބެންކުތަކުގެ މާލީ އުސޫލުތަކަށް ގެނައި ބަދަލުތަކާއި ގުޅިގެންކަމަށް އައިއެމްއެފުންވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކޯވިޑާއި ގުޅިގެން އައި މާލީ ޙާލަތުން އަރައިގަތުމަށް އަދި ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށް އެމެރިކާގެ ފެޑަރަލް ރިޒަރވްއާއި ޔޫރަޕިއަން ސެންޓްރަލް ބޭންކުން އިންޓްރެސްޓް ރޭޓް މަތިކޮށްފައިވީނަމަވެސް އެފަދަ ފިޔަވަޅެއް ޖަޕާނުގެ ބޭންކުން އަޅާފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ޔެންގެ އަގު ހުރީ ޑޮލަރަކަށް 110 ޔެންގެ މަގުންނެވެ. އެހެންނަމަވެސް މިއަހަރުގެ ޖޫން މަހުން ފެށިގެން ޔެން އަގު އުޅެނީ ޑޮލަރަކަށް 140އާއި 150 އާއި ދެމެދުގެ އަގެއްގައެވެ. ޔެންގެ އަގު ވެއްޓެމުންދިޔަނަމަވެސް ޔޫރޯގެ އަގު އެމެރިކާ ޑޮލަރާއި އަޅާބަލާއިރު މާބޮޑުތަނުން ދަށަށް ގޮސްފައެއް ނުވެއެވެ. ހަމައެއާއެކު ޖަރުމަރުވިލާތުގެ އިންފްލޭޝަން ވަނީ 6 އިންސައްތައާއި 9 އިންސައްތައާއި ދެމެދުގައި ހިފެހެއްޓިފައެވެ. މީގެ ސަބަބުން ޖަރުމަނުވިލާތުގެ އިޤްތިޞާދީ ދުވެލިވަނީ ޖަޕާނާއި އަޅާބަލާއިރު ކުރިއަރާފައެވެ.

ދުނިޔޭގެ އިޤްތިޞާދީ ބާރުގެ ތެރެއިން ހުޅަނގު ޖަރުމަނު ފަހަތަށް ޖައްސާލުމަށްފަހު ޖަޕާނުން ލިސްޓުގެ 2 ވަނަ އަށް އަރާފައިވަނީ 1968 ވަނަ އަހަރުގައެވެ. އެތައް އަހަރެއް ވަންދެން ދެވަނައަށް އެންމެ ބާރުގަދަ އިޤްތިޞާދުގެ ގޮތުގައި އޮތް ޖަޕާނު ތިންވަނައަށް ޖައްސާލާ ލިސްޓުގެ ދެވަނައަށް ޗައިނާ އަރާފައިވަނީ 2010 ވަނަ އަހަރުގައެވެ. ބައިގަރުނަށްވުރެ ދިގު މުއްދަތަކަށް ޖަރުމަނު ލިސްޓުގެ ފަހަތުގައި އޮތުމަށްފަހު މިހާރުމިވަނީ ކުރީގައި އޮތް ޖަޕާނު ފަހަތަށް ޖައްސާލާފައެވެ.