ޚަބަރު

ސަރުކާރުގެ 77 މުވައްސަސާއެއްގެ ރިޕޯޓް ވަނީ އެކުލަވާލާފައި: ފިރުޒުލް


  • 77 މުވައްސަސާއިން 77 ރިޕޯޓް އެކުލަވާލާފައިވޭ

  • މިހާރު ކުރިއަށްދަނީ ރިޕޯޓްތައް އޮފީހަށް ހުށައެޅުމުގެ މަސައްކަތް

  • މި މަސައްކަތުގައި 15 ކޮމިޓީ މަސައްކަތް ކުރި

ހާލަތު ދެނެގަތުމަށް ސަރުކާރުގެ އިދާރާތަކާއި މުވައްސަސާތައް ހިމެނޭހެން 77 ރިޕޯޓެއް އެކުލަވާލާފައިވާކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވީ، މަޢުލޫމާތު އެއްކުރުމަށް އެކުލަވާލި 15 ކޮމިޓީގެ މަސައްކަތާއިމެދުވެސް ވަރަށް ހިތްހަމަޖެހޭކަމަށެވެ.

ވޭތުވެދިޔަ 3 ހަފްތާގެ ތެރޭގައި އެ ކޮމިޓީތަކުން ވަނީ ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކުގެ ގޮތުގައި ހިމެނޭ 77 މުވައްސަސާގެ މަޢުލޫމާތު އެއްކޮށްފައެވެ. އަދި މި 77 މުވައްސަސާގެ ޙާލަތާއި ގުޅޭ ތަފްޞީލީ ރިޕޯޓް ވަނީ އެކުލަވާލާފައެވެ. ފިރުޒުލް ވިދާޅުވީ، ރިޕޯޓްތައް އެކުލަވާލުމުގެ މަސައްކަތްތައް މުޅިން ނިމި، މިހާރު ކުރަމުންދަނީ އިންތިޤާލީ އޮފީހުގައި ރިޕޯޓްތައް ހުށައެޅުމުގެ މަސައްކަތްކަމަށެވެ.

ފިރުޒުލް ވިދާޅުވީ، އިންތިޤާލީ އޮފީހުން ކުރައްވަންޖެހޭ މަސައްކަތްތަކުގައި ދެން ކުރިއަށް ދާނީ މި ރިޕޯޓްތަކުގެ އަލީގައިކަމަށެވެ. މި މަޢުލޫމާތަށް ރިއާޔަތްކޮށް ބަޖެޓުގެ މަސައްކަތްތަކާއި، މުވައްސަސާތަކުގެ އޮނިގަނޑާއި ސިޔާސަތުތައް އެކުލަވާލުމުގެ އިތުރުން 100 ދުވަހުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"ކުރިންވެސް 100 ދުވަހުގެ ޕްލޭނާއި، ސިޔާސަތުތަކުގެ މަސައްކަތްތައް ދިޔައީ ކުރިއަށް. ދެން އޮތީ މި މަޢުލޫމާތައް ބިނާކޮށް، ސިޔާސަތުތަކާއި ގުޅޭގޮތުން ހުރި މަސައްކަތްތަައް އިތުރަށް ފުރިހަމަކުރުން. ފިސްކަލް، މަނިޓަރީ، 100 ދުވަހުގެ ޕްލޭން، ސަރުކާރު އޮނިގަނޑު އަދި ސަރުކާރުގެ ބަދަލުކުރުމުގެ ކަންކަމާއި ގުޅޭ މަސައްކަތްތައް ފުރިހަމަކުރުން." ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، ބައެއް ވުޒާރާތަކާއި ކުންފުނިތަކުގެ ޙާލަތު ވަރަށް ދަށްކޮށް ހުރިކަން ފާހަގަކުރެވޭކަމަށެވެ. އެފަދަ ކުންފުނިތަކުގެ މަޢުލޫމާތު ތަރުތީބުކޮށް، ޚާއްސަ އޮޑިޓްތަކެއް ހެދުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މުވައްސަސާތަކާއި ކުންފުނިތަކުގެ ޙާލަތާއި ގުޅޭގޮތުން ފާހަކަކުރެވުނު ކަންކަމުގެ މަޢުލޫމާތުތައްވެސް އާއްމުކޮށް ހާމަކުރަމުންދާނެކަމަށް ފިރުޒުލް ވިދާޅުވިއެވެ.