ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2025 ގައި ކުރިއަށްގެންދިޔަ ޑްރޮޕްނީ ކެޓެގަރީގެ ޗެމްޕިއަންކަން އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ހޯދައިފިއެވެ.
ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިޔަށްދާ މި މުބާރާތުގެ ޑްރޮޕްނީ އިވެންޓުގެ ފައިނަލް ހީޓުގައި މިއަދު ހަވީރު ވާދަކުރީ ކުޑަ އައްޔަ އާއި އާމިން އުމަރު މޫސާއެވެ.
ކުޑަ އައްޔަ މި ހީޓް ކާމިޔާބުކުރީ 11.00ގެ ސްކޯއަކުންނެވެ. އާމިންގެ ސްކޯއަކީ 4.46 އެވެ. ފައިނަލް ހީޓްގައި ކުޑަ އައްޔަ ހަތަރު ރާޅު އެޅިއިރު އެންމެ ރަނގަޅު ނަތީޖާއެއް ހޯދީ ފުރަތަމަ ރާޅާއި ތިން ވަނަ ރާޅުގައެވެ. ފުރަތަމަ ރާޅުގައި އޭނާގެ ސްކޯއަކީ 3.83 އެވެ. ތިންވަނަ ރާޅުގެ ސްކޯއަކީ 7.17 އެވެ.
ކުޑަ އައްޔަ ފައިނަލްގެ ޖާގަ ހޯދީ ސެމީ ފައިނަލްގައި 11.83 ގެ ސްކޯއަކުން މުހައްމަދު އަޒާން އަހުމަދު ބަލިކޮށްގެންނެވެ.
އާމިން ފައިނަލްގެ ޖާގަ ހޯދީ 6.94 ގެ ސްކޯއަކުން ސެމީގައި ދާއިން އަބުދުލް ފައްތާހު ބަލިކޮށްނެވެ.
ކުޑައައްޔަ އަކީ އެންމެ ގިނަ ފަހަރު މި ކެޓަގަރީގެ ޗެމްޕިއަންކަން ހޯދި އެތުލީޓެވެ. މިދިޔަ އަހަރުވެސް ޑްރޮޕްނީ އިވެންޓުގެ ޗެމްޕިއަންކަންހޯދީ އޭނާއެވެ. ބުރުނު ޝިކާރު ބޯޑީ ބޯޑިން ޗެލެންޖްގައި މާދަމާ ކުރިޔަށްދާނީ މެންސް އޯޕަން އަދި ޖޫނިއާ ކެޓަގަރީގެ އިވެންޓްތަކެވެ.