ޚަބަރު

ޙާއްސަ އޮޑިޓެއް ހަދަންޖެހޭ މުއައްސަސާތަކެއް އެބަހުރި، އޭޖީއަށް އަންގާނަން : ފިރުޒަލް


  • އޮޑިޓް ހަދަނީ އިންތިގާލީ ކޮމެޓީތަކަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ނުލިބޭ ތަންތަން.

  • 77 މުއައްސަސާ އަކަށް ވަނީ ޒިޔާރަތްކޮށްފައި

  • މިހާރު ކުރަމުންދަނީ ރިޕޯޓްތައް އެކުލަވާލުމުގެ މަސައްކަތް

ޙާއްސަ އޮޑިޓެއް ހަދަންޖެހޭ މުއައްސަސާތަކެއް ފާހަގަކުރެވިފައިވާކަމަށާއި، އެތަންތަނުގެ އޮޑިޓްތައް ހެދުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ދަންނަވާނޭކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާން މިކަން ހާމަކުރެއްވީ، އިންތިޤާލީ މަރުޙަލާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އާންމު ކުރުމަށް ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފިރުޒުލް ވިދާޅުވީ، މިތަންތަން އޮޑިޓް ކުރުމަށް އޮޑިޓަރ ޖެނެރަލްއަށް ދަންނަވާނެކަމަށާއި، އޮޑިޓް ކުރަނީ މާލީ ޙާލަތާއި، މުވައްޒަފުންނާއި، އިދާރީ ގޮތުން ހޯދަން ހުރި ބައެއް މަޢުލޫމާތުތައް ކަށަވަރު ކުރުމަށް ކަމަށެވެ.

އިންތިޤާލީ ކޮމެޓީތަކުގެ މަސައްކަތްތައް ފެށީ މިމަހުގެ 4 ވަނަދުވަހުއެވެ. 21 ދުވަސްތެރޭގައި ސަރުކާރުގެ 77 މުއައްސަސާއާއި ކުންފުނިތަކަށް ގޮޮސް އެތަންތަނުގެ މައުލޫމާތުތައް އެއްކުރިއިރު، ގިނަ މައްސަލަތަކެއް ދެނެގަނެވިފައިވާކަމަށް ފިރުޒަލް ވިދާޅުވިއެވެ. އަދި އިންތިޤާލީ ކޮމެޓީތަކުން ކުރަމުންގެންދާ މަސައްކަތްތަކަކީ އެތަނެއްގެ ޙާލަތު ދެނެގަތުންކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"މިހާތަނަށް ފާހަގަކުރެވިފައި އެބަހުރި އޮޑިޓް ކުރަންޖެހޭ މުއައްސަސާތަކާއި ކުންފުނިތަކެއް.. ކުރިއަށްއޮތް ދުވަސްތަކުގައި އޮޑިޓަރ ޖެނެރަލް އަށް މި އިދާރާތަކުގެ ޙާއްސަ އޮޑިޓެއް ހެދުމަށް ހުށައެޅުމަށް މިދަނީ ތައްޔާރުވަމުން" އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުކަމާން ފިރުޒުލް ވިދާޅުވިއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވީ، އިންތިޤާލީ ކޮމެޓީތަކުން ޒިޔާރަތްކުރި މުއައްސަސާތަކުގެ ވަކިވަކި ރިޕޯޓްތަކުގައި، އެ މުއައްސަސާއަކުން ފާހަގަކުރެވުނު ކަންތައްތައް ހިމަނާ، އެ މަޢުލޫމާތުތައް ހިއްސާކުރާނެކަމަށެވެ.