ޚަބަރު

ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މަޝްރޫޢެއްގައި ސޮއިކުރާކަށް ނޫޅެން: އެމްޓީސީސީ


  • ކޮރަޕްޝަން ހިމެނޭ 55 މިލިއަން ޑޮލަރުގެ މަޝްރޫއެއްގައި ސޮއިކުރަން އުޅޭ ވާހަކަ ވަނީ ދޮގުކޮށްފައި

  • ބޮޑެތި މަޝްރޫއުތައް ކާމިޔާބު ކުރުމަކީ މިވަގުތު ކުންފުނީގެ މުހިންމު އަމާޒެއް

  • ދޮގު ޚަބަރު ފެތުރުމުގެ ސަބަބުން އެކުންފުންޏަށް މަޝްރޫއު ގެއްލިދާނެ ކަމުގެ ބިރުއޮތް

ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުވާ މަޝްރޫޢެއްގައި ސޮއިކުރަން އުޅޭކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ވާހަކަތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއިން ދޮގުކޮށްފިއެވެ.

މިކަން ދޮގުކޮށް އެމް.ޓީ.ސީ.ސީއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދިޔަރެސް ނޫހުގައި ކޮރަޕްޝަން ހިމެނޭ 55 މިލިއަން ޑޮލަރުގެ މަޝްރޫއެއްގައި އެމް.ޓީ.ސީ.ސީއިން ސޮއިކުރަން އުޅޭކަމަށް ބުނެ އާއްމުކޮށްފައިވާ ޚަބަރަކީ ޙަޤީޤަތާއި ޚިލާފު ޚަބަރެއް ކަމަށެވެ.

މި މަޝްރޫއަކީ ބައިނަލްއަޤްވާމީ ޕްރައިވެޓް އިންވެސްޓަރުން ރާއްޖޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ ވިޔަފާރި ކުންފުންޏެއްގެ ހައިސިއްޔަތުން އެ މަޝްރޫއު ކާމިޔާބު ކުރުމަކީ މިވަގުތު ކުންފުނީގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި އެ މަޝްރޫއުގެ ކްލައިންޓާއެކު މަޝްވަރާކުރަމުންދާ މިދަނޑިވަޅުގައި ކުންފުނީގެ ނަޒާހަތްތެރިކަމާމެދު ސުވާލު އެފެއްދުމުގެ މަޤްޞަދުގައި ޙަޤީޤަތާއި ޚިލާފު ދޮގު ޚަބަރު ފެތުރުމުގެ ސަބަބުން އެކުންފުންޏަށް މަޝްރޫޢު ގެއްލިދާނެ ކަމުގެ ބިރު ވަރަށް ބޮޑުކަމަށްވެސް އެމް.ޓީ.ސީ.ސީއިން ބުނެއެވެ.

މީގެ އިތުރުން މިވަގުތު މަޝްވަރާކުރަމުންދާ އެފަދަ އެހެން މަޝްރޫޢުތަކާއި ކުރިއަށް ލިބޭނެކަމަށް ލަފާކޮށްފައިވާ މަޝްރޫޢުތަކަށްވެސް މިފަދަ ނޭދެވޭ އަމަލުތަކުގެ ސަބަބުން އެތައް ގެއްލުމެއް ލިބި، ކުންފުނީގެ ހިއްސާދާރުންކަމަށްވާ ދިވެހި ސަރުކާރާއި އާންމު ހިއްސާދާރުންނަށް ލިބޭނެކަމަށް ލަފާކުރި ނަފާ ގެއްލުމުގެ ފުރުޞަތުވެސް އިތުރުކަމަށް އެމް.ޓީ.ސީ.ސީއިން ބުންޏެވެ.

އެމް.ޓީ.ސީ.ސީން ބުނީ އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް "ޕްރައިސިން ޕޮލިސީ" ގެ ނަމުގައި ކުންފުނިން ކުރާ ވިޔަފާރީގައި ފައިދާގެ އިންސައްތަ ހިމަނާނެ މިންވަރު ބަޔާންކުރާ ޕޮލިސީއެއް އެކަށައަޅާފައިވާ ކަމަށެވެ. އެގޮތުން، ކުންފުނިން ކުރިމަތިލާ ކޮންމެ ވިޔަފާރި މުއާމަލާތެއްގައި އެ ޕޮލިސީގައި ބަޔާންކޮށްފައިވާ ފައިދާގެ މިންވަރަށް ވުރެން ދައްކޮށް މަޝްރޫއެއް ކުރިއަށްގެންދަން ކުންފުނީގެ މެނޭޖްމަންޓުން ބޭނުންވާނަމަ އެކަން ކުރިއަށްގެންދަން ކަޑައްތުކުރަންޖެހޭ މަރުހަލާތައްވެސް ޕޮލިސީގައި ހިމަނާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

ވަކި އިންސައްތައަކަށްވުރެ ވިޔަފާރީގެ މުއާމަލާތުގެ ފައިދާ ކުޑަކަމުގައި ވަނީނަމަވެސް ޖުމުލަކޮށް ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އޮތް ފުރުޞަތު އިތުރުވާނެ ނުވަތަ ކުންފުނީގެ ވަނަވަރަށް އިންޤިލާބީ ބޮޑު ބަދަލެއް ގެނުވާނެ މަޝްރޫއެއް ނުވަތަ މުއާމަލާތެއްކަމުގައިވާނަމަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އިޒުނައާއެކު ކުރިއަށް ދިއުމަށް އެ ޕޮލިސީން ހުރަސް ނާޅާކަންވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ރައްޔިތުންގެ ހިތުގައި އެމް.ޓީ.ސީ.ސީއާއި އެ ކުންފުނީގެ މެނޭޖްމަންޓަށް ލިބިފައިވާ އިތުބާރާއި ލޯބި ފަނޑުކޮށްލުމަށް ގަސްތުގައި ކޮށްފައިވާ މި ނާތަހުޒީބު އަމަލުގެ ސަބަބުން އެ ކުންފުންޏަށާއި ޖުމުލަކޮށް ރާއްޖޭގެ އިޤްތިޞާދަށްވެސް އިޔާދަނުކުރެވޭނެފަދަ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެކަމަށް ދެކޭކަމަށްވެސް އެމް.ޓީ.ސީ.ސީއިން ބުންޏެވެ.

މީގެ އިތުރުން މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ ކުންފުނީގެ އިސްވެރިންތަކަކަށް ނާޖާއިޒު ފައިދާއެއް ހޯދުމުގެ ބޭނުމުގައިކަމަށް ބަޔާންކޮށް ދިޔަރެސްއިން ތުހުމަތުކޮށް ލިޔެފައިވާ ޚަބަރުވެސް އެމް.ޓީ.ސީ.ސީއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެ ކުންފުންޏާއި ކުންފުނީގެ ވެރިން ބަދުނާމު ވާގޮތަށް އަދި އާއްމު ރައްޔިތުންނާއި ކުންފުނީގެ ވިޔަފާރީގެ ބައިވެރިންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު ގެއްލޭ ގޮތަށް ޙަޤީޤަތާއި ޚިލާފު ދޮގު ޚަބަރު ނުފެތުރުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.

އެމް.ޓީ.ސީ.ސީއަކީ ރާއްޖޭގެ ތަފާތު އެކި ސިނާއަތްތަކުގައި ފުޅާދާއިރާއެއްގައި ވިޔަފާރީގެ ހަރަކާތް ކުރިއަށްގެންދާ ކުންފުންޏެކެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތްކޮށްފައިވާނީ އާމްދަނީ އާއި ފައިދާ އަދި ހިއްސާދާރުންނަށް ލިބޭ ނަފާ އިތުރުކުރުމާއެކު ކުންފުނީގެ ވަނަވަރު އިތުރަށް ތަރައްޤީކުރުމުގެ އިދާރީ ސަޤާފަތާއި ސުލޫކުގެ އަސާސް އިސްކުރުމުގެ ރޫޙުގައިކަމަށް އެމް.ޓީ.ސީ.ސީއިން ބުނެއެވެ.