ޚަބަރު

މަޖިލިސް އިންތިޚާބުގެ ވޯޓްލާ ދުވަސް އަންނަމަހު އިޢުލާންކުރަނީ، ރޯދަމަހާ ދިމާވުން ގާތް


  • އިންތިޚާބީ ދާއިރާތައް ފައިނަލް ވުމުން ވޯޓާސް ލިސްޓު އާންމުކުރާނެ

  • އިންތިޚާބު ބޭއްވޭނީ މާޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅުގައި

  • ވޯޓްލުން އޮންނަދުވަސް އަންނަ މަހު އާންމުކުރާނެ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވޯޓްލުން އޮންނާނެ ތާރީޚެއް އަންނަ މަހު އިއުލާންކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. މިހާރު ހިނގަމުންދާ 19ވަނަ ރައްޔިތުން މަޖިލީހުގެ ދައުރު އަންނަ އަހަރުގެ މޭ 28 އަށް ހަމަވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރައްމުން ގެންދަވަނީ އަންނަ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކުގެ އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓް ނިންމުމުގެ މަސައްކަތެވެ. އަދި އެ މަސައްކަތް ނިމުމުން ދާއިރާތަކަށް ވޯޓްލުމުގެ ހައްގުލިބިގެންވާ މީހުންގެ ލިސްޓްތައް ތައްޔާރުކޮށް ދުރާލާ އެ ލިސްޓްތައް އާޢްމުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ގާނޫނުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވޭނީ އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅުގައި ކަމަށެވެ. އިންތިޚާބުގެ ވޯޓްލުން އޮންނަ ދުވަސް ރޯދަމަހާ ދިމާވުން ވަރަށް ގާތްކަމަށާއި ވޯޓްލުން އޮންނާނެ ދުވަހެއް އަންނަމަހުގެ ތެރޭގައި އިޢުލާންކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރިލް 6 ވަނަ ދުވަހުއެވެ. 87 މެމްބަރުން ހޮވަންޖެހޭ މަޖިލީހުގެ އިންތިޚާބަށް ހުޅުވާލުމުން އެފަހަރު ޖުމްލަ 407 ކެންޑިޑޭޓުން ނަން ހުށައެޅިއެވެ. އޭގެތެރޭގައި ހިމެނެނީ 9 ޕާޓީއަކުން ވާދަކުރި 217 ކެންޑިޑޭޓަކާއި އަމިއްލަގޮތުން ނަން ހުށައެޅި 190 ކެންޑިޑޭޓޫންނެވެ. އެހެންނަމަވެސް ވޯޓްގެ ކުރިން 16 ކެނޑިޑޭޓަކު ނަން އަނބުރާ ގެންދިޔައެވެ. އަދި އެކި ސަބަބުތަކާއި ހުރެ 5 ކެންޑިޑޭޓެއްގެ ކެންޑިޑަސީ ވަނީ ބާތިލުކޮށްފައެވެ.

19 ވަނަ ރައްޔިތުން މަޖިލިހުގައި ތިއްބަވާ 87 މެމްބަރުންގެ ތެރެއިން 83 މެމްބަރުންނަކީ ފިރިހެނުންނެވެ. އަންހެން މެމްބަރުންގެ އަދަދަކީ 4 އެކެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 6 ގޮނޑި އިތުރުވާނެއެވެ. މިއާއެކު މަޖިލީހުގެ ގޮނޑީގެ އަދަދު 93 އަށް އަރާނެއެވެ. އަލަށް އިތުރުވާ 6 ގޮނޑީގެ ތެރޭގައި އެންމެ ބޮޑު 2 ސިޓީކަމަށްވާ މާލޭ ސިޓީއަށް އިތުރުވާ 2 ދާއިރާއަކާއި އައްޑޫ ސިޓީއަށް އިތުރުވާ ދާއިރާއެއް ހިމެނެއެވެ. މީގެއުތުރުން މާލެއަތޮޅާއި ބ އަތޮޅާއި، ގއ. އަތޮޅަށްވެސް ދާއިރާއެއް އިތުރުވެއެވެ.

އަންނަ މަޖިލީހުގެ އިންތިޚާބުގެ ފޯރި މިހާރުވެސް ވަނީ ގަދަވާން ފަށާފައެވެ. އެންމެ ބޮޑު 2 ޕާޓީ އެމްޑީޕީ އާއި ޕީޕީއެމުން ވަނީ އައު މަޖިލީހުގައި ހިމެނޭ 93 ގޮޑިއަށް ވާދަކުރާނެކަން އިޢުލާންކޮށްފައެވެ. މީގެއިތުރުން ރައީސް ނަޝީދު އިސްވެ އުފައްދައްވާފައިވާ ދަ ޑިމޮކްރެޓުންވެސް ހުރިހާ ގޮނޑިއަކަށް ވާދަކުރަން ވަނީ ނިންމާފައެވެ. މީގެއިތުރުން އަމިއްލަ ބައެއް ފަރާތްތަކުން އިންތިޚާބުގައި ވާދަކުރާނެކަން އާއްމުކޮށް ތާއިދު ހޯދުމުގެ މަސައްކަތް މިހާރުވެސް ވަނީ ފަށާފައެވެ.