ޚަބަރު

ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް


  • މި ދަތުރުތައް ކުރާނީ އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދު

  • ރާއްޖެއިންވަނީ ހޫނު މަރުހަބާއެއް ކިޔާފަ

  • ރާއްޖެއަށް ހަފްތާއަކު 3 ދަތުރުކުރާނެ

އިނގިރޭސިވިލާތުގެ ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ވަރޖިން އެޓްލާންޓިކްގެ ފުރަތަމަ ފްލައިޓު މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ ހެނދުނު 7:40 ގައެވެ. މި ފްލައިޓަށް ރާއްޖެއިންވަނީ ބޮޑުބެރުގެ ހަރަކާތްތަކާއެކު ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ވަރޖިންގ އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގެ ހީތުރޯ އެއަރޕޯޓާއި، ވެލާނާއާ އިންޓަރނޭޝަނަލް އެއަރޕޯޓް ދެމެދުއެވެ. މި އެއަރލައިނުން ރާއްޖެއަށް ހަފްތާއަކު 3 ދަތުރުކުރާނެއެވެ.

ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފެށުމާއި ގުޅޭގޮތުން އެމް.އޭ.ސީ.އެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މަހްޖޫބް ޝުޖާއު ވިދާޅުވީ، މިއީ ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ވައިގެ ދަތުރުތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތައް ލިބުނު ކުރިއެރުމެއް ކަމަށެވެ.

ވަރޖިން އެޓްލާންޓިކްއަށް މަރުޙަބާ ކިޔުމަށް ބޭއްވި ހަފްލާގައި ދިވެހިރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލަރ، އެމް.އޭ.ސީ.އެލްގެ އިސްވެރިން އަދި އެ އެއަރލައިންގެ ރާއްޖޭގެ އެޖެންޓު ވޮޔޭޖަސް މޯލްޑިވްސްގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ.

ސަފީރު ކެރޮން ރޮސްލަރ ވަނީ އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްކަން ފާހަގަކޮށްފައެވެ. އަދި މި ފެށުނު ދަތުރުތަކާއި ދެޤައުމުގެ ދެމެދު ދަތުރުކުރާ ފަރާތްތަކަށް ގިނަ ފަސޭހަތެކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އިނގިރޭސިވިލާތަކީ ރާއްޖެއަށް މިހާރު 4 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެއަށްވަނީ 117253 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.