ޚަބަރު

ސޫރިޔާގެ މައްސަލައިގައި ރަޝިޔާ އާއި އެމެރިކާ މަޝްވަރާކޮށްފި


ސޫރިޔާގެ މައްސަލައަށް ސިޔާސީ ހައްލެއް ހޯދުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ރަޝިޔާގެ ލީޑަރުންނާއެކު އެއްބަސްވެ ވަޑައިގެންނެވި ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވެއްޖެއެވެ.

ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި އެގައުމުގެ ޚާރިޖީ ވަޒީރު ސަރްގޭ ލާވްރޯވް އާ އަދި ރަޝިޔާގެ ރައީސް ލަޑިމިއަރ ޕޫޓިން އާ ވަކިވަކިން ބައްދަލުކުރެއްވުމަށްފަހު ކެރީ ވިދާޅުވީ ޖެނީވާގައި ފަށާފައިވާ ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް ކާމިޔާބު ވާހަކަތަކަކަށް ހެދުމަށް ދެގައުމުން އަޒުމް ކަނޑައަޅާފައިވާ ކަމަށެވެ. މިކަމަށްޓަކައި ސޫރިޔާ ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް އެމެރިކާއާއި ރަޝިޔާއިން ބާރުއެޅުމަށް ރަޝިޔާގެ ލީޑަރުންނާއެކު އޭނާ އެއްބަސްވެވަޑައިގެންނެވި ކަމަށް ކެރީ ވިދާޅުވިއެވެ. 

ކެރީ، ރަޝިޔާގެ ރައީސް ޕޫޓިންއާއެކު މޮސްކޯގައި ބޭއްވެވި މަޝްވަރާތައް ހަތަރު ގަޑިއިރަށް ދިގުދެމިގެން ދިޔަކަމަށް ޚަބަރުތައް ބުނެއެވެ.