ޚަބަރު

ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު މާދަމާ ހަމަވާނެ


  • ސުންގަޑިއަކީ މާދަމާ މެންދުރުފަހު 15:00ގައި

  • ފޮމު ހުށައެޅޭނީ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް

  • ފޯމު ހުށައެޅޭނީ ކޮންމެވެސް އެއް ސްކީމަށް

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަށްސަށް ކުރިމަތިލުމުގެ ފުރުޞަތު މާދަމާއަށް ހަމަވާނެއެވެ. މި ދެ ސްކީމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވައްސަކީ، މާލެ ސަރައްދުން ގޯއްޗާއި ފްލެޓް ދޫކުރުމަށް ހުޅުވާލާ ދެވަނަ ފުރުޞަތެކެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ނިންމާފައިވަނީ ދެވަނަ ފިޔަވަހީގައި މާލެ ސަރަޙައްދުން 4000 ގޯއްޗާއި 6000 ފްލެޓް ދޫކުރުމަށެވެ.

މި ސްކީމްގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިރާވަރު އުތުރުފަޅުންނެވެ. އަދި ގޯތި ދޫކުރަން 5,525,000 އަކަފޫޓުގެ ސަރަހައްދެއް ކަނޑައަޅާފައިވެއެވެ. މި ފަހަރު ދޫކުރާ ގޯތީގެ އެންމެ ކުޑަ ސައިޒަކީ، 1,250 އަކަފޫޓެވެ.

ބިންވެރިޔާ ސްކީމްގެ ދެވަނަ ފިޔަވައްސަށް ހުލުވާލާފައިވަނީ، މާލޭގެ ރައްޔިތުންގެ އިތުރުން، މާލޭގައި ދިރިއުޅޭތާ 20 އަހަރަށްވުރެ ގިނަ އަހަރުވެފައިވާ އެހެން ރަށްރަށުގެ މީހުންނަށްވެސް ކުރިމަތިލެވޭގޮތަށެވެ. ޖޮއިންޓް އެޕްލިކޭޝަންގެ ގޮތުގައިވެސް ފޯމު ހުށައެޅޭނެއެވެ.

ޖޮއިންޓް އެޕްލިކޭޝަން ނުވަތަ، އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަނުގައި އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެއެވެ. 7 މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4,000 އަކަފޫޓެވެ.

މީގެއިތުރުން 6000 ފްލެޓަށް ކުރިމަތިލުމަށްވެސް ވަނީ ހުޅުވާލާފައެވެ. ފުރަތަމަ ފިޔަވައްސެކޭ އެއްގޮތަށް، ފްލެޓް ދޫކުރުމުގެ ދެވަނަ ފިޔަވަހީގައިވެސް މާލޭގެ ރައްޔިތުންނަށް އަދި މަލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ކުރިމަތިލެވޭނެއެވެ. ފްލެޓަށް ކުރިމަތިލާ މީހުންނަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ވާނެޖެހޭނެއެވެ.

ގޯއްޗައި ފްލެޓަށް ފޯމު ހުށައެޅުމަށް ހުޅުވާލި ފުރަތަމަ ފިޔަވަހީގައި އެންމެ، ބޮޑު މައްސަލައެއްގެ ގޮތުގައި ކުރިމަތިވީ މަލޭގައި ދިރިއުޅޭ މުއްދަތު ކަށަވަރުކޮށްދިނުމަށް ލިޔެކިޔުން ހުށައެޅުމުގައި ދިމާވި މައްސަލަތަކެވެ. އެހެންކަމުން މާލޭގައި ދިރިއުޅެފައިވާ މުއްދަތު ކަށަވަރުކުރުމަށް ލިޔެކިޔުން ހުށައެޅުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީއިން ވަނީ އެދިފައެވެ.

ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް، ދުވަހުގެ ކޮންމެ ވަގުތެއްގައި ފޯމު ހުށައެޅޭނެވެ. ފޯމު ހުށައެޅޭނީ ހަމައެކަނި އޮންލައިންކޮށެވެ. ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ މާދަމާ މެންދުރުފަހު 15:00 އެވެ. ދެ ސްކީމަށް ޝަރުޠު ހަމަވި ނަމަވެސް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ އެ މީހަކު ޚިޔާރުކުރާ ކޮންމެވެސް އެއް ސްކީމަކަށް އެކަންޏެވެ.

ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގެ ތަފްސީލީ މަޢުލޫމާތުތައް ގެދޮރުވެރިން ޕޯޓަލް އަދި ގެޒެޓު މެދުވެރިކޮށް ލިބޭނެއެވެ.