ޚަބަރު

ނުރައްކާތެރި ހަތިޔާރުގެ ގޮތުގައި 27 ބާވަތެއް ކަނޑައަޅާ ލިސްޓް އާއްމުކޮށްފި


  • ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި އެތެރެކުރުމާއި އުފެއްދޭނީ ހުއްދަ ހޯދައިގެން

  • 18 އަހަރުން ދަށުގެ ކުދިންނަށް ވަޅިފަދަ ތަކެތި ނުވިއްކޭނެ

  • މިކަމާގުޅޭ ޤާނޫނެއް އެކުލަވާ ޢަމަލުކުރަން ފެށީ 2010 ގައި

ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހީގެ ގޮތުގައި 27 ބާވަތެއް ކަނޑައަޅާ، އެތަކެތީގެ ލިސްޓެއް ހޯމް މިނިސްޓްރީން އާންމުކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ، މި ލިސްޓަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ރާއްޖެއަށް އެތެރެ ކުރުމާއި ރާއްޖޭގައި އުފެއްދުމުގައި އަމަލުކުރަންވީގޮތުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން އެކުލަވާލި ލިސްޓެއްކަމަށެވެ.

މި މާއްދާގެ (ނ) ވާގޮތުން ނުރައްކާތެރި ހަތިޔާރާއި، ތޫނު އެއްޗެހީގެ ތެރެއިން ރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ރާއްޖޭގައި އުފެއްދުމަށް ހުއްދައަށް އެދެންވާނެ ބާވަތްތަކުގެ ލިސްޓެއް ގެޒެޓުކޮށް އާއްމުކުރަން ޖެހެއެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަށް ރިޢާޔަތްކޮށް، ހޯމް މިނިސްޓްރީން އެކުލަވާލި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހީގެ ގޮތުގައި ހިމެނޭ ތަކެތީގެ ލިސްޓުގައި ޖުމްލަ 27 ބާވަތެއް ވަނީ ހިމަނާފައެވެ.

މީގެ ތެރޭގައި ކަނޑިއާއި ހަންޖަރު، ޑައިވިން ނައިފް، މަސް ބާނާ ބަޑި ހިމެނެއެވެ. އަދި ތީރާއި، ލާންސް، ސްޕިއަރ، ރޭޒަރު ތިލައާއި، ކަޓަރާއި ކަޓަރު ތިލަ، ކަތިވަޅިއާއި ފުރޯއާއި ކޯރާޑިވެސް ހިމަނާފައިވެއެވެ. ހަމައެހެންމެ ވަޅީގެވެސް 12 ވައްތަރެއް މި ލިސްޓުގައި ހިމަނާފައިވެއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ، އާއްމުކުރި ލިސްޓުގައި ހިމެނިފައި ނުވާ، އެހެން ނަމަވެސް މީހަކަށް އަނިޔާއެއް ދެވިދާނެ މި ނޫންވެސް ތޫނު އެއްޗަކީ ނުރައްކާތެރި ހަތިޔާރު އަދި ތޫނު އެއްޗެހީގެ ގޮތުގައި ހިމެނޭނެ ތަކެތިކަމަށެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނަކީ 5 ސެޕްޓެމްބަރު 2010 ވަނަ ދުވަހު ތަޞްދީޤުކޮށް، ޢަމަލުކުރަން ފެށި ޤާނޫނެކެވެ. މިއީ މީސްމީހުންގެ ފުރާނައާއި ހަށިގަނޑާއި މުދަލަށް ގެއްލުން ލިބޭގޮތަށް، ނުވަތަ ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް، ތޫނު އެއްޗެއްސާއި ހަތިޔާރު ފަދަ ތަކެތި ގެންގުޅުމާއި، މީސްމީހުންނަށް ބިރުދައްކައި، އިންޒާރުދީ ހެދުމާއި، މިފަދަ ކަންކަން ކުރުން މަނާކުރުމަށް އެކުލަވާލެވުނު ގާނޫނެކެވެ.

މި ޤާނޫނުގެ ދަށުން ނުރައްކާތެރި ހަތިޔާރު އަދި ތޫނު އެއްޗެހީގެ ތެރޭގައި ސަރުކާރުން ކަނޑައަޅާފައިވާ އެއްޗެއް ރާއްޖެ އެތެރެކުރުމަށް ނުވަތަ ރާއްޖޭގައި އުފެއްދުމަށް ހުއްދައަށް އެދެން ޖެހޭނެއެވެ. އަދި 18 އަހަރުން ދަށުގެ ކުދިންނަށް ވަޅި ފަދަ ތަކެތި ވިއްކުމަކީ މަނާ ކަމެކެއެވެ.