ޚަބަރު

މަކުނުދޫ ބިން ހިއްކުމުގެ މަސައްކަތް މެދުކަނޑާލައިފި


  • މަރުވީ ބިން ހިއްކުމުގެ މަސައްކަތުގައި އުޅުނު ދެމީހުން

  • އެކަމުގެ އަސަރު އެކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަނީކޮށްފައި

  • އަލުން މަސައްކަތް ފަށާނީ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ބިރުވެރިކަން ފިލައި ދިއުމުން

ހދ. މަކުނުދޫގައި ހިނގައިދިޔަ ހިތާމަވެރި ޙާދިސާއާއި ގުޅިގެން އެރަށު އެއަރޕޯޓް ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް މެދުކަނޑާލައިފިއެވެ. މި މަސައްކަތް މެދުކަނޑާލީ މަކުނުދޫގައި ވެލްޑިން ކުރާ ސިލިންޑަރެއް ގޮވައި ބިން ހިއްކުމުގެ މަސައްކަތުގައި އަމަލީކޮށް އުޅުނު ދެމީހުން މަރުވުމާ ގުޅިގެންނެވެ.

މިހިތާމަވެރި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 4:15 ހާއިރުއެވެ. ވެލްޑިން ކުރާ އާގަން ގޭސް އަޅާފައިހުރި ސިލިންޑަރު ގޮވިލެއް ބާރުގަދަކަމުން ދެމީހުންގެ ހަށިގަނޑުގެ އެކިބައިބައި ވަނީ ވަކިވެ ދެމީހުންގެ ހަށިގަނޑު ވަނީ ކާކުކަން ނޭނގޭ ވަރުވެފައެވެ.

މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ އެރަށު އެއަރޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ބިގްފިޝް މޯލްޑިވްސްގައި މަސައްކަތްކުރާ އިންޑިޔާގެ ދެ މުވައްޒަފުންނެވެ.

މި ހާދިސާއާ ގުޅިގެން އެރަށު ބިން ހިއްކުމުގެ މަސައްކަތް މެދުކަނޑާލިއިރު، ބިގް ފިޝް ކުންފުނިން މި މަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

އެއްއަހަރު ދުވަހުން ނިންމާގޮތައް ހަވާލުކޮށްފައިވާ މި މަސައްކަތުގެ ދަށުން 17 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ، ދިމާވެރި ހިތާމަވެރި ހާދިސާއާއި ގުޅިގެން މަސައްކަތް މެދުކަނޑާލާފައި ވާކަމަށާއި، ޢަމަލީ މަސައްކަތް ފެށޭނީ އެކުގައި މަސައްކަތް ކުރާ މުވައްޒަފުން ހަމައަކަށް އެޅުމުންކަމަށެވެ.

"މަސައްކަތުގައި އަމަލީ ގޮތުން އުޅުނު ދެމީހުން ނިޔާވީ އަނެއްކާ ހަމަ ހުރެފަ މަރުވުމާ މިހާ ނުރައްކާތެރި ހާދިސާއެއްގައި ހަށިގަނޑު ފުނޑުފުނޑު ވެގެން ދިއުމާ ގުޅިގެން މުވައްޒަފުންވެސް ތިބީ ވަރަށް ބޮޑަށް އޭގެ އަސަރުކޮށްފައި" މަކުނުދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

މަކުނުދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް 43.12 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއްވެސް ޖެހުމަށްވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިއީ 16 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިންގާ މަޝްރޫޢެކެވެ.