ވިޔަފާރި

ސެޕްޓެމްބަރުމަހު އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ %3 އިތުރު


  • ސެޕްޓެމްބަރ މަހު އިމްޕޯޓް އެކްސްޕޯޓުން 360 މިލިއަން ރުފިޔާ ލިބުނު

  • އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާނުން

  • އެކްސްޕޯޓް ވަނީ %43 ދަށްވެފައި

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު 3 އިންސައްތަ ވަނީ އިތުރުވެފައެވެ. 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް 350 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު މި ޢަދަދުވަނީ 360 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީ އިތުރުވިނަމަވެސް އިމްޕޯޓް އަދި އެކްސްޕޯޓްވެސް ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 4.4 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހު މި އަދަދު ހުރީ 4.3 ބިލިއަނުގައެވެ. އެހެންކަމުން މިއީ %3 ދަށްވުމެކެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއިން 86 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެކްސްޕޯޓްކޮށްފައިވަނީ 149 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ %43 ދަށްވުމެކެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫ.އޭ.އީ، ޗައިނާ އަދި ސިންގަޕޫރުންނެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން އޮމާން އިން 883 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 681 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ޔޫ.އޭ.އީ އިން 500 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ޗައިނާ އިން 406 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 406 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ސެޕްޓެމްބަރު މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑް، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، އިންޑިއާ އަދި ޖަރުމަނުވިލާތަށެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއިން ބޭރުން 103 އުޅަނދު ވަނީ ރާއްޖެ އައިސްފައެވެ. މިދިޔަ އަހަރު މި އަދަދު އުޅުނީ 88 ގައެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއިން 105 އުޅަނދު ފުރާފައިވާއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މި އަދަދު އުޅުނީ 92 ގައެވެ.