ޚަބަރު

ފަލަސްތީނަށްދޭ ޙަމަލާތަކަކީ މުޅި އިސްލާމީ އުންމަތަށް ދޭ ޙަމަލާތަކެއް: ޢިމްރާން


  • ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2 ވަނަ ދުވަހު

  • ފަލަސްތީނުގެ މުސްލިމުންނަށް ދެމުންގެންދާ އަނިޔާއަކީ މުޅި މުސްލިމު އުންމަތަށް ދޭ ހަމަލާތަކެއް

  • އަނެކުންނަށް އިހްތިރާމް ކުރުމާއި އޯގާތެރިވެ، އެހީތެރިވުމުގެ އިސްލާމީ ސިފަ ހަރުލައްވަން ޖެހޭ

ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ޙަމަލާތަކަކީ މުޅި އިސްލާމީ އުންމަތަށް ދެމުންދާ ޙަމަލާތަކެއްކަމަށާއި، މުސްލިމު އުންމަތަށް އުފާވެރިކަން އަންނާނީ މުޅި މުސްލިމު އުންމަތް އެއްބައިވަންތަކަމާއެކު ތެދުވެގެން ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއަރޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ ޢިމްރާން މިހެން ވިދާޅުވީ، ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި އިސްލާމްދީނުގެ މުހިންމުކަމާއި، މާތްކަމުގެ މައްޗައް އަލިއަޅުއްވައިލައްވައި ހޯމް މިނިސްޓަރ ޢިމްރާން ވާހަކަފުޅު ދެއްކެވިއެވެ. ދުނިޔޭގައި އެތައް ހާސް ދީނެއް އޮތްއިރުވެސް ބަދަލެއް ނުގެނެވޭނެ ދީނަކީ އިސްލާމް ދީންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިސްލާމްދީނުގެ ހުރިހާވެސް ބާރަކީ އީމާންތެރިކަމާއެކު ދީނުގެ ހަމަތަކާ އުޞޫލުތައް ހިފެހެއްޓުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިސްލާމީ އުންމަތުގެ ގުޅުމަކީ ރަހިމުގެ ގުޅުމަށްވުރެ މާތް ގުޅުމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާންގެ ވާހަކަފުޅުގައި މުޅި މުސްލިމު އުންމަތަށް އުފާވެރިކަން އަންނާނީ މުޅި މުސްލިމު އުންމަތް އެއްބައިވެގެންކަން ފާހަގަކުރެއްވިއެވެ.

"އަބަދުވެސް ހަނދާން ކުރަންވީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި މިއަދާ ހަމައަށްވެސް ދެމިއޮތުމުގެ އަސްލަކީ، މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ސާބިތުވެ ތިބިކަން ދައްކުވައިދޭކަމެއް، ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމް ދީން." ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢިމްރާމް ވަނީ އިސްލާމީ ތާރީޙްގެ މައްޗަށާއި، ރާއްޖެ އިސްލާމްވީ ގޮތުގެ މައްޗަށް އަލި އަޅުއްވައި ލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މިހާރު މުސްލިމުންގެ އެންމެ މާތް އެއް ބިންކަމަށްވާ ފަލަސްތީންގެ ރައްޔިތުންނަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީން ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ކުށްވެރި ކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ ހާލަތާ މެދު ކޮންމެ މުސްލިމަކުވެސް ވިސްނާ ފިކުރު ކުރަންޖެހޭކަމަށެވެ. އަދި އެ މުސްލިމުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ކުށްވެރި ކުރާކަމަށާ، އެއީ މުޅި މުސްލިމު އުއްމަތައް ދޭ ހަމަލާތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މުސްލިމުންގެ އެންމެ މާތް އެއް ބިނާއެހުރީ އެބިމުގައި އެބިމުގައި ދިރިއުޅޭ މުސްލިމުން އެއީ ޙިތްވަރުގަދަ ދީނަށް ލޯބިކުރާ ބައެއްކަން އެދަނީ ސާބިތުކޮށްދެމުން، އެބިން ހިމާޔަތްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗައް އޮތް ވާޖިބެއް. ހަމައެކަނި އެވާހަކަ ދައްކައިލައިގެން އެކަން ވާކަށް ނެތް، އެއަށްވުރެ އެބިން މާމާތްވެގެންވޭ." މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

ރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީއްސުރެ އަޅުކަން ކުރަމުން އައި އެހެން ދީންތައް ދޫކޮށްލައި، ދިވެހިން އިސްލާމްދީން ޤަބޫލުކޮށް ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ރަސްމީކޮށް ބަލައިގަނެފައިވަނީ، ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2 ވަނަ ދުވަހު ކަމަށް ތާރީޚީ ލިޔުންތަކުން އެނގެއެވެ.