ޚަބަރު

ދަފްތަރުގެ ރައްޔިތުން މަޖިލީހުގައި ތަމްސީލުކުރުމަށް ޚާއްސަ ދާއިރާ އުފެއްދުމަށް ގޮވާލައިފި


  • ދަފްތަރުގައި 15000އަށްވުރެ ގިނަ ރައްޔިތުން ޖެހިފައިވޭ

  • އެކި އިންތިޚާބުތަކުގައި އެމީހުން ވޯޓުލަމުން އަންނަނީ އެކި ދާއިރާތަކަށް

  • މަޖިލީހުގައި ވަނީ ދަފްތަރުގެ ރައްޔިތުން ތަމްސިލްކުރަން ވަކިން މެންބަރުން ހޮވުމަށް ގޮވާލާފައި

ދަފްތަރުގައި ޖެހިފައިވާ ރައްޔިތުންނަށް މަޖިލީހުގައި ޚާއްސަ ގޮނޑިތަކެއް ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ގޮވާލައްވައިފިއެވެ.

ހުޅުދޫ ދާއިރާގެ މެންވަރު އިލްޔާސް ލަބީބު ހުށައަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސިއަށް އިސްލާހު ގެނައުމުގެ ބަހުސް މިއަދުގެ މަޖިލީހުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މި އިސްލާހަކީ މަޖިލީހުގައި ދާއިރާތައް ތަމްސީލްކުރާ މެންބަރުންގެ އަދަދާއި ގުޅޭގޮތުން ހުށައަޅާފައިވާ އިސްލާހެކެވެ.

މި ބިލަށް ވާހަކަދަވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ، ދަފްތަރުގައި 15000އާއި 20000އާއި ދެމެދުގެ ރައްޔިތުން ޖެހިފައިވާކަމަށެވެ. އަދި ޤާނޫނު އަސާސީގައި ތަމްސީލުވުމުގެ ޙައްޤު ދަފްތަރުގެ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ލިބެންޖެހޭކަމަށެވެ.

މި މީހުންނަކީ އެމީހުން ނިސްބަތްވަތްވާ ދާއިރާއެއް މަޖިލީހުގައި ތަމްސީލުކުރެވެމުން ނުދާ ބަޔަކަށްވާތީ، އަޑުއުފުލުުމުގެ ޙައްޤުން މަހުރޫވެފައިވާ ބައެއްކަމަށްވެސް އަލީ ހުސައިން ވިދާޅުވިއެވެ.

"ކޮންމެ އިންތިޚާބަކާ ދިމާކޮށް އެމީހުން ކޮންމެވެސް ދާއިރާއަކަށް އެބަ ބަހާލާ. ރިޔާސީ އިންތިޚާބުގައި އެހެން ދާއިރާއެއް، މަޖިލިސް އިންތިޚާބުގައި އެހެން ދާއިރާއެއް، ކައުންސިލް އިންތިޚާބުގައި އެހެން ދާއިރާއެއް. ދާއިމީކޮށް އެމީހުންނަށް ތިބެވެންޖެހޭ ދާއިރާއެއް އޮންނަންޖެހޭ." އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ އިންތިޚާބުގައި މާލޭގެ ރައްޔިތުންގެ ގޮތުގައި ވޯޓުލާފައި، ބޯހިޔާވަހިކަމާއި އެހެނިހެން މަޝްރޫޢުތަކުގައި މާލޭގެ ރައްޔިތުންނާއި ދަފްތަރުގެ ރައްޔިތުން ވަރަށް ބޮޑަށް ތަފާތުކުރުން ގެންގުޅޭކަމަށެވެ. އެކަންވެސް ނިމުމަކަށް ގެނެސް، އެމީހުން ތަމްސީލުކުރުވޭނެ ރަނގަޅުގޮތެއް ވާންޖެހޭކަމަށް މެންބަރު ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ، ދަފްތަރުގެ ރައްޔިތުންނަށް ޚާއްސަ ގޮނޑިތަކެއް މަޖިލީހުގައި ކަނޑައެޅުމަކީ މިކަމަށް އޮތް ޙައްލުކަމަށެވެ.

"އީސީއަށް ލިބޭ ބާރެއް އެއީ ދަފްތަރަށް ވަކި ގޮނޑިތަކެއް އުފެއްދުން. މިހާރުން މިހާރަށް ކުރަންޖެހޭކަމެއް އެއީ. ދަފްތަރު ދާއިރާ 1،2،3 މިގޮތަށް ދަފްތަރުގެ ރައްޔިތުންނަށް ޚާއްސަ ދާއިރާތައް މަޖިލީހުގައި އުފައްދަންޖެހޭ." އަލީ ހުސައިން ވިދާޅުވިއެވެ.

މަޖިލިހުގައި ބަހުސްކުރަމުންދަނީ މަޖިލީހުގައި ވަކި އަދަދަކަށްވުރެ އިތުރު ނުވާގޮތަށް، ރައްޔިތުންގެ މަޖިލީހުގައި ގޮނޑީގެ އަދަދު ކަނޑައެޅުމަށެވެ. ރާއްޖޭގެ ޤާނޫނު އޮންނަގޮތުން ކޮންމެ 5000 ރައްޔިތަކަށް، އެ އާބާދީ ތަމްސީލުކުރާ މެންބަރެއް މަޖިލީހުގައި ހުންނަންޖެހެއެވެ.

އެގޮތުން މިހާރު ހިނގަމުންދާ 19ވަނަ ރައްޔިތުންގެ މަޖިލީގައި 87 މެންބަރުން، ދާއިރާތައް ތަމްސީލްކުރެއެވެ. ނަމަވެސް ވޭތުވެދިޔަ ފަސް އަހަރު އާބާދީއަށް އައި އިތުރުވުމާއެކު، އަންނަ އަހަރު އިންތިޚާބުވާ 20ވަނަ ރައްޔިތުންގެ މަޖިލީހަށް އިތުރު 6 ގޮނޑި ވަނީ އިތުރުކޮށްފައެވެ. މިކަމުގެ ވަގުތީ ރިޕޯޓް އިލެކްޝަން ކޮމިޝަނުން ވަނީ އާއްމުކޮށްފައެވެ.